24 Jul 2016, 09:13
ބޮލީވުޑްގެ އެންމެ މޮޅު އަންހެން އަދި ފިރިހެން އެކްޓަރުގެ އެވޯޑު ހޯދާފައިވާ ރަންވީރު ސިންގ އަދި ދީޕިކާ ޕަދުކޯންގެ ގުޅުމަކީ އެންމެނަށް އެނގޭ ބޮޑު ސިއްރެކޭ ބުނެވިދާނެ އެވެ. ދެމީހުންގެ މެދުގައި ގުޅުމެއް އޮތް ކަމަށް ދީޕިކާ އަދި ރަންވީރު ވެސް މިހާތަނަށް އެއްބަސްވެފަ އެއް ނުވެ އެވެ. ނަމަވެސް ފެންނަ މަންޒަރުތަކާއި އެންމެ ފަހުން ނިމިދިޔަ އައިފާ އެވޯޑު ހަފްލާގައި ރަންވީރު ދެއްކި ވާހަކަތަކުން ދެމީހުންގެ ގުޅުން ގިނަ ބަޔަކަށް ވަނީ ޔަގީންވެފަ އެވެ.
ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް ދެކެވޭ ވާހަކަ އަކީ ދެން މިހާރު އާ ވާހަކައެއް ނޫނެވެ. ނަމަވެސް މިހާރު މި ވަނީ އަނެއްކާ ވެސް ދެ ތަރިންނާ ގުޅޭގޮތުން އިތުރު ވާހަކައެއް ދެކެވެން ފަށައިފަ އެވެ. ދެމީހުން އެންގޭޖުވެ، ކައިވެންޏަށް ތައްޔާރުވަމުން އަންނަ ވާހަކަ އެވެ.
މިދިޔަ މަހުގެ ތެރޭގައި ދެ މީހުން އެންގޭޖުވެފައިވާ ކަމަށް ރިޕޯޓުތައް ބުނަމުން އަންނަ އިރު، މީޑިއާ ރިޕޯޓަރުން ވަނީ އިރްފާން ޚާންގެ "މަދާރީ" ގެ ސްކްރީނިންގ ގެ ތެރެއިން ދީޕިކާ އާ ސުވާލުތަކެއް ކުރިމަތިކުރުވާފަ އެވެ.
ނަމަވެސް ދީޕިކާ އަށް އެ ސުވާލަށް ޖަވާބު ނުދެވި އުޅެނިކޮށް ރަންވީރު ވަނީ ދީޕިކާ އެތަނުން ދުރަށް ގެންގޮސްފަ އެވެ.
އަދި ރިޕޯޓަރުންނާ ވަކިން ބައްދަލުކޮށް ރަންވީރު ވަނީ "ސްކްރީން ކުރުމަށް ދިޔަ ފިލްމަށް ކޮންމެސް ވަރެއްގެ އިހުތިރާމެއް ކޮށް، ބޭކާރު ވާހަކަތައް ނުދައްކަން" ރިޕޯޓަރުން ގާތު އެދިފަ އެވެ.
"ތަންކޮޅެއް ރަނގަޅު ސުވާލު ކުރުމަކީ އަހަރެންގެ ވަރަށް ބޮޑު އެދުމެއް،" އުމުރުން 31 އަހަރުގެ ރަންވީރު ބުންޏެވެ.
ެ
ދީޕިކާ ވަނީ މީގެ ކުރިން އޭނާ ކައިވެނި ކުރަން ތައްޔާރުވަމުން އަންނަ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފަ އެވެ.