24 May 2011, 12:02
މިފަހަކައަށް އައިސް އެންމެ ގަދައަށް ނޫސްތަކުގެ ފަލަ ސުރުހީއަށް އަރާފައިވާ ހަބަރަކީ ކުރީގެ ސަރުކާރުގެ ދުވަސްވަރު ޖަލުތަކުގައި ގައިދީންނަށް އަނިޔާ ކުރި ވާހަކަ އެވެ. ރިޔާސީ ކޮމިޝަނަކީ އެފަދަ މައްސަލަތަކާއި ބައެއް އެހެން ޖަރީމާތައް ތަހުގީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ކޮމިޝަނެވެ. އެކަމަކު މިހާތަނަށް އައިރު ރިޔާސީ ކޮމިޝަނަށް މާ ބޮޑު ކާމިޔާބީތަކެއް ވެފައިވާ ކަމަށް ނުބެލެވެ އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ރިޔާސީ ކޮމިޝަނަށް ހާޒިރު ކުރަން އުޅުނު މައްސަލައިގައި ވެސް ކޮމިޝަން ވަނީ ފެއިލްވެފަ އެވެ. ކޯޓުން ހުކުމް ކުރެއްވީ ކޯޓު އަމުރެއް ނެތި ޔާމީނާއި މައުމޫންގެ ނުރުހުމުގައި އެ ދެ ބޭފުޅުން ކޮމިޝަނަށް ހާޒިރު ނުކުރެވޭނެ ކަމަށެވެ.
ކުރީގެ ހިތި މާޒީ އަށް ވިސްނުމަށް ފަހު ރިޔާސީ ކޮމިޝަނުން ވެސް "ސަލާމަތީ ފިޔަވަޅުތަކެއް" އަޅައިފައިވެ އެވެ. އެގޮތުން ރިޔާސީ ކޮމިޝަނުގެ ގަވާއިދެއް މިދިޔަ ބުރާސްފަތި ދުވަހު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފަ އެވެ. އެ ގަވާއިދުން ކޮމިޝަނަށް ބޮޑެތި ބާރުތަކެއް ލިއްބައިދީފައިވެ އެވެ. ކޮމިޝަނަށް ހާޒިރުވުމުގެ އަމުރު ފޮނުވުމާއި ގޭގެ އާއި އޮފީސްތައް ފާސްކޮށް ބޭނުންވާ ތަކެތި ކޮމިޝަނުގެ ބެލުމުގެ ދަށަށް ގެނައުމުގެ ބާރު އެ ގަވާއިދުން ލިބެ އެވެ. އަދި ކޮމިޝަނަށް ހާޒިރު ކުރާ މީހުންނަށް ހިމާޔަތް ދިނުމާއި ކޮމިޝަނުގެ މެންބަރުންނަށް ވެސް ފުލުހުންގެ ހިމާޔަތް، އެ ގަވާއިދުން ވަނީ ދީފަ އެވެ. އޭގެ އިތުރުން ހެކިބަސް ނެގުމާއި ފުލުހުންގެ އެހީތެރިކަން ހޯދުމަށް ވެސް އެ ގަވާއިދުގެ ދަށުން ފުރުސަތު ލިބެ އެވެ.
ކުރު ގޮތަކަށް ބުނާ ނަމަ އެ ގަވާއިދަކީ ކޮމިޝަނަށް ލިބުނު "ރަންގަނޑެކެވެ". އެ ގަވާއިދުގެ ދަށުން ލިބޭ ބާރުތަކާ އެކު އެ ކޮމިޝަނުގެ ތަހުގީގުތައް ހިންގުން އަވަސްވެ، ކުރިން ފުރިހަމަ ނުވެ ހުރި ކަމަށް ބުނާ ތަހުގީގުތައް ފުރިހަމަ ކުރުމަށް ފަސޭހަތަކެއް ވެގެންދާނެ އެވެ. އެކަމަކު އޭގެ ކުރިން އަދި އެހެން ކަމެއް އެބަ އާދެ އެވެ. އެއީ ބައެއް ގާނޫނީ މާހިރުން ކޮމިޝަނުގެ ގަވާއިދުގެ ސައްހަ ކަމާމެދު އުފައްދަމުންދާ ގާނޫނީ ސުވާލެވެ.
"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މިހާރު އޮތް ގޮތަށް އޮވެ ރިޔާސީ ކޮމިޝަނަށް ރައްޔިތުންނާ ސީދާ ގޮތުން ގުޅުން ހުރި ގަވާއިދެއް ނުހެދޭނެ. ގާނޫނެއްގެ ދަށުން ގަވައިދު ހެދޭނީ. އެންމެ ފުރަތަމަ ހަދަންޖެހޭނީ ގާނޫނު، ދެން އޭގެ ދަށުން ގަވާއިދު ހަދަންޖެހޭނީ. ގަވާއިދަށް ގާނޫނީ ބެލެނިވެރިކަން އެބަ ލިބެން ޖެހޭ،" ކުޅަދާނެ ގާނޫނީ ވަކީލު އަލީ ހުސެއިން ވިދާޅުވި އެވެ.
އަލީ ހުސެއިން ދެކިވަޑައިގަންނަވާ ގޮތުގައި ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ގ.ގެ ދަށުން ތަހުގީގު ކުރުމަށްޓަކައި ކޮމިޝަންތައް ހެދުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގެންނެވި ނަމަވެސް އުސޫލެއްގެ ގޮތުން އެފަދަ ކޮމިޝަންތައް އުފައްދަން ހަދަން ޖެހޭނީ ގާނޫނަކުންނެވެ.
"ކޮމިޝަން ހެދުމުގެ ބާރު ލިބިވަޑައިގެންފައި އޮތަސް ހަމަ ހުރެފަ ކޮމިޝަނެއް ހެއްދެވިޔަސް ކަމަކުނުދާނެ. ރިޔާސީ ކޮމިޝަނުން ކުރާ ކަމަކީ ތަހުގީގު ކުރުން. އޭގެ ތެރޭގައި ރައްޔިތުންނާ ސީދާ ގުޅުން ހުރި ކަންތައްތައް ވެސް ހިމެނޭނެ. ގާނޫނު އަސާސީން ލިބިދެނީ ކޮމިޝަން ހެދުމުގެ ބާރު. ގާނޫނަކުން އެބަ އަންނަން ޖެހޭ ކޮމިޝަނުގެ މައިގަނޑު އުސޫލުތައް. އޭގެ ފަހުން ގަވާއިދަކުން އެހެން ކަންތައްތައް އަންނަންޖެހޭނީ،" ގާނޫނު ކިޔަވައިދެއްވުމުގައި ވެސް އުޅުއްވާ ވަކީލް ވިދާޅުވި އެވެ. "ރައްޔިތުންނާ ގުޅުން ހުރި މިފަދަ ކަންކަމުގައި ކިހިނެއްތޯ ރިޔާސީ ކޮމިޝަނަށް މިސާލަކަށް މީހުން ހާޒިރުކޮށް ހެދޭނީ ގާނޫނީ ބެލެނިވެރިކަން ގަވާއިދަށް ނުލިބެންޏާ."
އަލީ ހުސެއިންގެ ވާހަކަ ވަރަށް ސާފެވެ. އޭނާ އެ ވިދާޅުވާ ގޮތުން ނަމަ ފުރަތަމަ ހަދަންޖެހޭނީ ގާނޫނެވެ. ބާރުތައް ލިބެންޖެހޭނީ ގާނޫނުންވެ. ދެން އެއަށް ފަހު ގާނޫނީ ބެލެނިވެރިކަން ލިބޭ ގަވާއިދު ހަދާނީ އެވެ. އެކަމަކު އަލީ ހުސެއިންގެ ހިޔާލު ރިޔާސީ ކޮމިޝަނުން ދެކޭ ގޮތާ ވަރަށް ތަފާތެވެ. އެ ކޮމިޝަނުގެ މެންބަރު އަދި ތަރުޖަމާނު އަބްދުﷲ ހަސީން ދެކެވަޑައިގަންނަވާ އެބޭފުޅުންނަށް ބާރު ލިބެނީ ސީދާ ގާނޫނު އަސާސީންނެވެ. އެހެންކަމުން ގާނޫނެއް ހެދުމުގެ ބޭނުމެއް ނެތް ކަމަށް ހަސީން ދެކެވަޑައިގަންނަވަ އެވެ.
"ރިޔާސީ ކޮމިޝަނަކީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ގ. ގެދަށުން ހަދާފައިވާ ކޮމިޝަނެއް. އެ މާއްދާގައި ބުނެފައި އެބަ އޮވޭ 'އެކިއެކި ތަހުގީގުތައް ކުރުމަށް' ރައީސުލްޖުމްހޫރިއްޔާ އަށް ކޮމިޝަން ހެދިދާނެ ކަމަށް ބުނެފައި. އެހެންވެ ބާރު މި އޮތީ ލިބިފައި ގާނޫނު އަސާސީން. ދެން އިތުރަކަށް ގާނޫނެއް ހެދުމުގެ ބޭނުމެއް ނެތެއް ނޫންތޯ؟،" ވަކީލެއްގެ ގޮތުގައި މަޝްހޫރުވެވަޑައިގެންނެވި ހަސީން ވިދާޅުވި އެވެ.
ހަސީން ވިދާޅުވީ ގާނޫނު އަސާސީން ވަރަށް ސާފުކޮށް ތަހުގީގު ކުރުމުގެ ބާރު ރިޔާސީ ކޮމިޝަން ފަދަ ކޮމިޝަންތަކަށް ދީފައިވާ އިރު ގާނޫނެއް ހެދުން ލާޒިމުވާ އެއްވެސް ސަބަބެއް ނެތެވެ. އޭނާ ދެކިވަޑައިގަންނަވާ ގޮތުގައި ގާނޫނު އަސާސީން ލިބިދޭ ބާރެއް އިތުރަށް ގާނޫނަކުން ހޯދާކަށްނުޖެހެ އެވެ. އަދި ވިދާޅުވީ ގާނޫނެއް ހަދަންޖެހޭނީ ގާނޫނެއްގެ ވާހަކަ ގާނޫނު އަސާސީގައި ބަޔާންކޮށްފައި އޮތް ނަމަ ކަމަށެވެ.
"ގާނޫނު އަސާސީއަށް ބަލާލުމުން ފެންނާނެ ވަރަށް ގިނަ މާއްދާތަކުގައި ބުނެފައި ހުންނާނެ 'ގާނޫނުގައިވާ ގޮތުގެ މަތިން' ނުވަތަ 'ގާނޫނު ތަންދޭ ގޮތުގެ މަތިން' ކަމެއް ކުރުމުގެ ބާރު ލިބިދޭ ކަމަށް. އެފަދަ ހާލަތްތަކުގައި ގާނޫނެއް ބޭނުންވާނެ. އެކަމަކު ރިޔާސީ ކޮމިޝަން އުފެއްދި ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ގ. ބުނެފައެއް ނޯންނާނެ ގާނޫނެއްގެ ވާހަކައެއް،" ހަސީން ވިދާޅުވި އެވެ. "ގާނޫނެއްގެ ވާހަކަ ގާނޫނު އަސާސީގައި ބުނެފައި ނެތި، ގާނޫނު އަސާސީން ވަކި ބާރެއް ލިއްބައިދީފައި އޮވެއްޖެއްޔާ އިތުރަށް ގާނޫނެއް ހަދާކަށް ލާޒިމެއް ނޫން."
އެކި ބޭފުޅުންގެ ހިޔާލު ތަފާތުވާނެ އެވެ. އެކަމަކު ރިޔާސީ ކޮމިޝަނަށް އެ ކޮމިޝަނުގެ ގަވާއިދުން ލިބިދީފައިވާ ބާރުތައް ބޭނުން ކުރަންވެއްޖެ ނަމަ ހިޔާލު ތަފާތުވުން އޮންނާނީ އޮބިނޯންވަރުވެފަ އެވެ. ކުރިން ވާހަކަ ދެއްކެވި ވަކީލު އަލީ ހުސެއިން ވެސް ދެކެވަޑައިގަންނަވާ ގޮތުގައި ގަވާއިދު މިހާރު ގެޒެޓްގައި ޝާއިއުކޮށްފައި އޮތުމާއި ކޯޓަކުން އެ ގަވާއިދު ބާތިލް ނުކުރާތީ މިހާރަށް އެ ގަވާއިދަށް އަމަލު ކުރެވިދާނެ އެވެ. އެހެންކަމުން ބޮޑު މައްސަލަތަކެއް ޖެހުމުގެ ކުރިން އެންމެ ބުއްދިވެރީ ކޮންމެވެސް މީހަކު އެ ގަވާއިދުގެ މައްސަލަ ކޯޓަށް ވެއްދުމެވެ.