23 Jul 2016, 23:57
މިއަދު މާލޭގައި ހިންގި މާރާމާރީއެއް ކޮންޓްރޯލް ކުރަން އުޅުނު ފުލުހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު ހަވީރު 5:20 ހާއިރު ހިންގި އެ މާރާމާރީ ކޮންޓްރޯލް ކުރަން އުޅުނު ފުލުސް މީހާގެ އަތަށް ޒަޚަމްތަކެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
އޭނާ އަށް ހޮސްޕިޓަލްގައި ފަރުވާދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާފަންނު ބްލޫކިޔާމަގުގައި ހުންނަ ސްޓާލިން ފްލާވާ ކުރިމަތީގެ ޕާކިން ޒޯންގައި ހުރި ސައިކަލެއްގެ މަތީގައި އިން މީހެއްގެ ގާތު ސައިކަލް ޕާކުކުރަން ޖާގަދޭން މީހަކު އެދުމުން، އިތުރު ބަޔަކާ ބައިވެރިވެގެން އޭނާ އެމީހާއާ މެދު މާރާމާރީ ހިންގި ކަމަށެވެ. ފުލުސް މީހާ އަށް އަނިޔާވީ އެ މާރާމާރީ ކޮންޓްރޯލްކުރަން މަސައްކަތް ކުރުމުގެ ތެރޭގައެވެ.
އެ މާރާމާރީއާ ގުޅިގެން 23 އަހަރުގެ ފިރިހެނަކާއި 28 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.