ދުނިޔޭގެ ރެކޯޑް ޓްރާންސްފާ އަގަކަށް މެންޗެސްޓާ ޔުނައިޓެޑަށް ޕައުލް ޕޮގްބާ ގެނައުން ރަނގަޅު ނޫން ކަމަށް އެ ކްލަބުގެ ލެޖެންޑް ޕައުލް ސްކޯލްސް ބުނެފި އެވެ.

އިޓަލީގެ ޔުވެންޓަސް އިން ޔުނައިޓެޑަށް އަލުން ޕޮގްބާ ގެނައުމަށް އެ ކްލަބުން 92 މިލިއަން ޕައުންޑްގެ އަގެއް ހުށަހަޅާފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.

ޕޮގްބާގެ ހުނަރުތަކަށް ސްކޯލްސް ތައުރީފު ކުރި ނަމަވެސް، ދުނިޔޭގެ ޓްރާންސްފާ ރެކޯޑުގެ އަގަކަށް ގެންނަން ވާނީ ދުނިޔޭގެ އެންމެ މޮޅެތި ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ބާސެލޯނާގެ އާޖެންޓީނާ ތަރި ލިއޮނެލް މެސީ ނުވަތަ ކްރިސްޓިއާނޯ ރޮނާލްޑޯ ކަމަށް ސްކޯލްސް ބުނެ އެވެ.

"ޕޮގްބާ އަކީ ވަރަށް ހުނަރުވެރި ކުޅުންތެރިއެއް. އަހަރެން އޭނާއާ އެކުގައި ގިނަ ދުވަސްތަކަކު ކުޅުނިން. ޕޮގްބާ މެޗެއް ކުޅެފައި ނުވި ނަމަވެސް، ކުރިން އޭނާގެ އެޖެންޓް ބޮޑު އަގެއް ބޭނުންވި. އޭނާ ވަނީ އޭރަށްފަހު ބޮޑު ކުރިއެރުންތަކެއް ހޯދާފައި. އެކަމަކު ޕޮގްބާ 100 މިލިއަން ޕައުންޑަށްވުރެ ބޮޑު އަގެއްގައި ގެނައުން ރަނގަޅެއް ނޫން،" ސްކޯލްސް ބުންޏެވެ.

ކުރިއަށްއޮތް ސީޒަނަށް ޔުނައިޓެޑަށް ގެނައި ޒްލަޓަން އިބްރަހިމޮވިޗް އާއި ހެންރިކް މިކިތާރިޔަންއާ ބެހޭ ގޮތުން ސްކޯލްސް ބުނީ، އެ ކުޅުންތެރިންނާއެކު ޔުނައިޓެޑުގެ ފޯވަޑް ލައިން އިތުރަށް ރަނގަޅުވާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

"އަހަރެންނަށް މިކިތާރިޔަން ކުޅޭ ތަނެއް މާގިނައަކުން ނުފެނޭ. އެކަމަކު އޭނާ އަކީ ރަނގަޅު ކުޅުންތެރިއެއް. އިބްރަހިމޮވިޗް އަދި މިކިތާރިޔަންއާ އެކު ޔުނައިޓެޑަށް ގިނަ ލަނޑުތައް ކާމިޔާބުކުރުމުގެ މަގު ފަހިވާނެ ކަމަށް ގަބޫލުކުރަން،" އޭނާ ބުންޏެވެ.