23 Jul 2016, 20:33
އިމިގްރޭޝަނުން ބ. އަތޮޅުގައި ހާއްސަ ރެއިޑް ޕްރޮގްރާމެއް ހިންގައި ގަވާއިދާ ހިލާފަށް އުޅުނު 82 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ބ އަތޮޅުގެ ތުޅާދޫއިން 24 ބިދޭސީން އޭދަފުށިން 26 ބިދޭސީން އަދި ދަރަވަންދޫއިން 18 ބިދޭސީންގެ އިތުރުން ގޮއިދޫއިން 14 ބިދޭސީއަކު ގަވައިދާ ހިލާފަށް އުޅޭތީ އިމިގްރޭޝަންގެ ބެލުމުގެ ދަށަަށް ވަނީ ގެންގޮސްފަ އެވެ. އިމިގްރޭޝަނުން ބުނީ އެ ރެއިޑް ޕްރޮގްރާމް ބ އަތޮޅަށް އަމާޒުކުރެވުނީ އެ އަތޮޅަކީ އަތްތެރި މަސައްކަތް ކުރާ ގިނަ ރަށްތަކެއް ހިމެނިފައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އެމަސައްކަތްތަކުގައި ހަރަކާތްތެރިވާތީ ދިވެހިންގެ ވިޔަފާރިއަށް ގެއްލުންވަމުންދާތީ ކަމަށެވެ.
ހިފެހެއްޓި ބިދޭސީންގެ ތެރޭގައި ލިޔެލާ ޖެހުމުގެ މަސައްކަތްކުރާ ބިދޭސީންނާއި، ދަނޑުވެރިކަން ކުރާ ބިދޭސީންގެ އިތުރުން ފެހުމެގެ މަސައްކަތާއި ކޮންސްޓްރަކްޝަން މަސައްކަތްކުރާ ބިދޭސީން ހިމެނޭ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ބިދޭސީންގެ އިތުރުން ގަވައިދާ ހިލާފަށް ބިދޭސީން ރެކްރޫޓްކުރާ ތިން ފަރާތެއްވެސް އިމިގްރޭޝަންގެ ބެލުމުގެދަށަށް ގެންގޮސްފައިވާ ކަމަށް އެފަރާތުން ބުންޏެވެ.
އިމިގްރޭޝަންގެ އިންފޮމޭޝަން އޮފިޝަލު ހަސަން ހަލީލް 'ސަން' އަށް ވިދާޅުވީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެން ބިދޭސީން ރެއާއި މިއަދުގެ ވަގުތުތަކުގައި ހުޅުމާލެއަށް ގެނެސްފައިވާ ކަމަށެވެ. އަދި މައްސަލަ ބެލުމަށްފަހު ޑިޕޯޓްކުރަން ޖެހޭކަމަށް ފެންނަ ފަރާތްތައް ޑީޕޯޓްކުރާނެ ކަމަށް ހަލީލް ވިދާޅުވި އެވެ.
މިއަހަރުގެ ތެރޭގައި އަތޮޅެއްގައި ރެއިޑް ޕްރޮގްރާމެއް ހިންގި މިއީ ދެވަނަ އަތޮޅެވެ. މީގެކުރިން އއ އަތޮޅުގައިވެސް އިމިގްރޭޝަނުން ވަނީ ރެއިޑް ޕްރޮގްރާމެއް ހިންގާފަ އެވެ.