ބާސެލޯނާއަށް ކުޅެމުން އަންނަ ކްެރޮއޭޝިއާ މިޑްފީލްޑަރު އިވާން ރަކިޓިޗް އެ ކްލަބު ދޫކޮށް އެހެން ކްލަބަކަށް ބަދަލުވާން އުޅޭކަމަށް ފެތުރިފައިވާ ވާހަކަތައް އޭނާ ދޮގުކޮށްފިއެވެ.

ސްޕެއިންގެ ވެލެންސިއާއަށް ކުޅެމުން އައި ޕޯޗްގަލް މިޑްފީލްޑަރު އެންޑްރޭ ގޯމޭޒް މިފަހަރުގެ ޓްރާންސްފަރގައި ބާސާއަށް ބަދަލުވުމާއެކު އެންމެ ގަދައަށް ފެތުރިގެން ދިޔަ އެއް ވާހަކައަކީ، ރަކިޓިޗް ބާސާ ދޫކޮށް އެހެން ކުލަބަކަށް ބަދަލުވާން އުޅޭކަމަށް އޭނާގެ އޭޖެންޓުން ބުނެފައިވާ ކަމަށްބުނެ ފެތުރުނު އަޑުތަކެވެ.

އެގޮތުން ގޯމޭޒްއާއެކު ޓްރާންސްފަރ އެއްބަސްވުމަކަށް އާދެވުނުކަން ބާސާއިން އިއުލާނުކުރުމާއެކު، އުމުރުން 28 އަހަރުގެ ކްރޮއޭޝިއަން މިޑްފީލްޑަރުގެ އޭޖެންޓެއްކަމަށް ބެލެވޭ، މިގުއެލް ސޯރސް، އޭނާގެ ޓްވިޓަރ އެކައުންޓްގައި މިދިޔަ ހުކުރު ދުވަހު "މިހާރު ދާންވީ ވަގުތު ޖެހިއްޖެ" ކަމަށް ބުނެ ކުރި ޓްވީޓާއެކު އެވާހަކަތަކުގެ އަޑު އިތުރަށް ގަދަވެގެން ދިޔައެވެ.

އެހެންނަމަވެސް ރަކިޓިޗް ވަނީ، އޭނާގެ ޓްވިޓާއެކައުންޓް މެދުވެރިކޮށް ސޯރސްގެ އެ ވާހަކަތައް ދޮގުކޮށްފައެވެ. އަދި ބާސާއާއެކު ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވަމުން ދާކަމަށްވެސް އޭނާ ބުނެފައިވެއެވެ. އަދި މިގުއެލް ސޯރސްއަކީ އޭނާގެ އޭޖެންޓެއް ނޫންކަން ހާމަކުރަމުން، ޖިމްގައި ހުރެ އޭނާ ނަގާފައިވާ ފޮޓޯއަކާއެކު ކޮށްފައިވާ އެ ޓްވީޓްގައި ބުނެފައި ވަނީ، "އަހަރެންގެ ހަމަ އެކަނި އޭޖެންޓަކީ އަރުތޫރޯ ކެނަލީސް" ކަމަށެވެ.

ރަކިޓިޗް ސެވިއްޔާއިން ބާސާއާ ގުޅުނީ 2014 ވަނަ އަހަރުއެވެ. އޭގެ ފަހުން އޭނާ ދަނީ ބާސެލޯނާގެ ކާމިޔާބީ ތަކުގައި މުހިއްމު ދައުރެއް އަދާކުރަމުންނެވެ. އެގޮތުން އޭނާ ފުރަތަމަ ބާސާއާ ގުޅުނު ސީޒަންގައި ޔުއެފާ ޗެމްޕިއަންސް ލީގާއެކު ބޮޑު ތިން މުބާރާތް އެ ކްލަބަށް ކާމިޔާބުކުރުމަށް އެހީތެރިވެދިނުމުގެ އިތުރުން މިދިޔަ ސީޒަންގައި ބާސާއަށް ސްޕެނިޝް ލީގާއި ކޮޕާ ޑެލް ރޭ ހޯދުމުގައި ވެސް ރަކިޓިޗް ވަނީ ފާހަގަކޮށްލެވޭ ފަދަ ކުޅުމެއް ދައްކައިފައެވެ.

އާ ސީޒަނަށް ބާސާ ކުރިމަތިލާއި އެޓީމުގެ ފުރަތަމަ 11 އިން ޖާގަ ހޯދުމަށް ރަކިޓީޗަށްވެސް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހޭނެއެވެ. އެގޮތުން ބާސާގެ މިޑްފީލްޑް ލައިންގައި ރަކިޓިޗް ވާދަކުރާން ޖެހޭ ކުޅުންތެރީންގެ ތެރޭގައި އަންދްރޭ އިނިއެސްޓާ، ސާޖިއޯ ބުސްކެޓްސް، އަރުދާ ތޫރާން، ރަފީނިއާ، ސަރޖީ ސަމްޕަރ، ސަރޖީ ރޮބާޓޯ، ޑެނިސް ސުއަރޭޒް، އަދި އަންދްރޭ ގޯމޭޒް ހިމެނެއެވެ.