ޓޫރިޒަމް ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރިއަރަމުން އަންނަ އއ. ތޮއްޑޫ އަށް ދިޔަ ޗައިނާގެ ޓޫރިސްޓުންތަކެއް އެރަށު މީހުންނަށް އޫރުމަސް ހިމެނޭ ލުއިކާނާ ޕެކެޓްތަކެއް ބަހައިފި އެވެ.

އެމީހުން އެތަކެތި ބެހީ އިއްޔެ ހަވީރު އެ ރަށު ފުޓްބޯޅަ ދަނޑުގައި ބޭއްވި ކުޑަކުދިންގެ ހަވީރެއްގަ އެވެ. އެ ޕެކެޓްތަކަކީ ކުޑަކުދިންގެ ހަވީރަށް ދިޔަ ކުޑަކުދިންނާއި އެ ކުދިންގެ ބެލެނިވެރިންނަށް އެމީހުން "ގިފްޓް" އެއްގެ ގޮތުގައި ބެހި ތަކެއްޗެވެ.

ތޮއްޑޫ ކައުންސިލުން ވެސް ވަނީ އެއީ އޫރުމަސް ހިމެނޭ އެއްޗެއްކަން "ސަން" އަށް ކަށަވަރުކޮށްދެއްވާފަ އެވެ.

ތޮއްޑޫގައި ޓޫރިސްޓުން ބެހި ޕެކެޓް: އޭގައި އޫރުމަސް ހިމެނޭ --- ފޮޓޯ/ ކައުންސިލް

ތޮއްޑޫ ކައުންސިލްގެ ފަރާތުން "ސަން" އަށް މައުލޫމާތު ހިއްސާކުރެއްވި ބޭފުޅަކު ވިދާޅުވީ، އެތަކެތި އިއްޔެ ހަވީރު ބެހި ނަމަވެސް އޭގައި އޫރުމަސް ހިމެނޭކަމުގެ ޝަކުވާ ކައުންސިލަށް ލިބުނީ ރޭ ގާތްގަނޑަކަށް 12:00 ޖެހި އިރު ކަމަށެވެ.

އެގޮތުން ޝަކުވާ ލިބުމާ އެކު އޭގެ ޕެކެޓެއް ބެލި ބެލުމުން އޭގައި އޫރުމަސް ހިމެނޭކަން އެނގިފައިވާ ކަމަށް ކައުންސިލްގެ ފަރާތުން މައުލޫމާތު ހިއްސާކުރެއްވި ބޭފުޅަކު ވިދާޅުވި އެވެ.

"ހަމަ ކުދި މަސްފޮތިތަކެއް ގޮތަށް ހުންނަނީ، އެހެން އެއްޗިއްސާ އެއްކޮށްފައި. ލުއިކާނާ ގޮތަށް ކާލަން ބޭނުންކުރާ އެއްޗެއް އެއީ. އެ މަސްފޮތިތަކަކީ ވެކިއުމް ކޮށްފައި ހުރި އޫރުމަސް،" ކައުންސިލުން ބުންޏެވެ.

ތޮއްޑޫގައި ޓޫރިސްޓުން ބެހި ޕެކެޓް: އޭގައި އޫރުމަސް ހިމެނޭ --- ފޮޓޯ/ ކައުންސިލް

ތޮއްޑޫ ކައުންސިލުން މިހާރު ވަނީ އެތަކެތި ބޭނުން ނުކުރުމަށް ރަށު ރައްޔިތުންނަށް އަންގައިފަ އެވެ. އަދި ޓޫރިސްޓުން ހިންގާ އެފަދަ ހަރަކާތްތަކުގައި ބަހާ ތަކެތި، އެފަދަ ހަރަކާތްތައް ހިންގާ ފަރާތުން ރަނގަޅަށް ބަލައި ކޮން އެއްޗެއްކަން ޔަގީންކުރުމަށް ފަހު ނޫނީ ބެހިޔަ ނުދިނުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

ތޮއްޑޫ އަށް ދާ ޓޫރިސްޓުން އާންމުކޮށް އެ ރަށުގައި ކުޑަކުދިންގެ ހަވީރުތައް ބާއްވަ އެވެ. އަދި އެފަދަ ހަވީރުތަކަށް އާންމުންގެ ބޮޑު ތަރުހީބެއް ވެސް ލިބެ އެވެ.