އިނގިރޭސި ފުޓްބޯޅައިގައި ލަންޑުގެ ޝަރަފެއްގެ ގޮތުގައި ބަލަމުން އައި ޗެލްސީ ފުޓްބޯޅަ ކްލަބަށް މިދިޔަ ފުޓްބޯޅަ ސީޒަނަކީ ވަރަށް ހިތްދަތި ސީޒަނެކެވެ. އޭގެ ކުރީ އަހަރު އިނގިރޭސި ޗެމްޕިއަނުންގެ ގޮތުގައި މިދިޔަ ސީޒަނާ ކުރިމަތިލި ޗެލްސީން ސީޒަން ނިންމައިލީ ލީގުގެ 10 ވަނައިގައެވެ. އަދި މެދު ކެނޑުމެއް ނެތި ގިނަ އަހަރުތަކެއް ވަންދެން ޗެމްޕިއަންސް ލީގުގައި ކުޅުމަށްފަހު މިފަހަރު ޗެމްޕިއަންސް ލީގުންވެސް ޗެލްސީ ނުފެންނާނެއެވެ.

ކޮންމެއަކަސް އާ ސީޒަނަކަށް ކްލަބުތަކުން ފައްކާވަމުން ދާއިރު ޗެލްސީ ވެސް ވަނީ އެ ކްލަބުގެ އުފާވެރި ދުވަސްތައް އިޔާދަކުރުމަށް އަތުކުރި އޮޅާލައިފައެވެ. ފާއިތުވެ ދިޔަ ހިތްދަތިދުވަސްތައް އުފާވެރިކަމަށް ބަދަލުކުރުމަށް ބޮޑެތި މަޝްރޫއުތަކެއް ވަނީ އެ ކްލަބުން ފަށައިފައެވެ. އެގޮތުން، ކްލަބުގެ ކޯޗިން ސްޓާފުން ފެށިގެން މުޅި ޓީމަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ފަށައިފައެވެ.

ޗެލްސީގެ ކޯޗުކަމާ އަލަށް ހަވާލުވެފައި ވަނީ، އިޓަލީ ގައުމީ ޓީމާ އެންމެ ފަހުން ހަވާލުވެ ހުރި ކޯޗު އެންޓޯނިއޯ ކޮންޓޭއެވެ. ކޮންޓޭގެ ފުރަތަމަ އަމާޒަކީ ވެސް ޗެލްސީގެ ސަޕޯޓަރުންގެ ހިތްތަކުން ޖާގަ ހޯދުމެވެ. ވޭތުވެ ދިޔަ 12 ވަރަކަށް މަސްދުވަހު ޗެލްސީ ސަޕޯޓަރުންގެ މޫނުމަތިން ފެންނަމުން ދިޔަ މާޔޫސްކަން ފިލުވައިލުމެވެ. އަދި ސަޕޯޓަރުންގެ މޫނުމައްޗަށް އަލުން އުފާވެރިކަމުގެ ހިނިތުންވުން ގެނެސްދިނުމެވެ.

"އާންމުގޮތެއްގައި މިފަދަ ނުރަނގަޅު ސީޒަނެއް ތަޖްރިބާކުރާން ޖެހެނީ ކްލަބުގައި މައްސަލަތަކެއް ހުރީމަ. އެކަމަކު ފާއިތުވެދިޔަ ދުވަސްތައް އަހަންނަށް އެހާ މުހިއްމެއް ނޫން، އަދި ކްލަބަށް ވެސް ކުޅުންތެރީންނަށް ވެސް މުހިއްމެއް ނޫން،" އިޓަލީގެ ޔުވެންޓަސްއާ ހަވާލުވުމަށްފަހު ވެސް ފާހަގަކޮށްލެވޭފަދަ ކާމިޔާބީތަކެއް ހޯދި ކޯޗު ބުންޏެވެ.

"އަހަންނަށް މުހިއްމީ މިހާރު...، އަހަރެމެން އެބަޖެހޭ އެނބުރި އައުމަށް މަސައްކަތްތަކެއް ކުރަން، އަލުން ލީގު ހޯދަން މަސައްކަތްކުރަން. ޗެލްސީއަށް ކުރިމަތިވި ނުތަނަވަސްކަން ފިލުވާލުމަށް އެންމެ އެކުގައި ގުޅިގެން މަސައްކަތްކުރުން ވަރަށް މުހިއްމު."

ކޮންޓޭ ވަނީ، ޔުވެންޓަސްއާއި އިޓަލީގެ ގައުމީ ޓީމަށް ކޯޗުކޮށްދިނުމުގެ ކުރީން ބަރީ، އެޓްލަންޓާ އަދި ސިއެނާއަށްވެސް ކޯޗުކޮށްދީފައެވެ. އެހެންނަމަވެސް އޭނާ އެންމެ ފާހަގަވެގެން ދިޔައީ ޔުވެންޓަސްއާއެކު ހޭދަކުރި ކާމިޔާބު ތިން ސީޒަނުންނެވެ.

މޭ 22، 2011ގައި ޔުވެންޓަސްގެ ކޯޗުކަމުން ލުއިޖީ ޑެލްނޭރީ ދުރުކުރުމަށް ފަހު ދެން އެމަގާމު ހަވާލުކުރީ ކޮންޓޭއާއެވެ. ކްލަބުގެ ކުޅުންތެރިއެއްގެ ގޮތުގައި ވެސް ޔުވެންޓަސްގެ ސަޕޯޓަރުން މަގުބޫލުކަން ހޯދާފައިވާ ކޮންޓޭ އެ ކްލަބާ ހަވާލުވީ ސަޕޯޓަރުން ވަރަށް ބޮޑެތި އުންމީދުތަކެއްގައި ތިއްބައެވެ. އެއީ މިހާރު ޗެލްސީގެ ސަޕޯޓަރުންވެސް ކްލަބާމެދު ދެކެމުން އަންނަ ފޮނި ހުވަފެންތަކެއްގައި ތިއްބައެވެ.

ކޮންޓޭގެ އިރުޝާދުގެ ދަށުން ޔުވެންޓަސް ކުޅުނު ފުރަތަމަ މެޗުވެސް ވަނީ ވާދަވެރި ފިއޮރެންޓީނާ އަތުން 5-0ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފައެވެ. އަދި އެ ދިޔަގޮތަށް ގޮސް، ޔުވެންޓަސްއާއެކު، 28 މެޗުން ބަލިނުވެ 2005ގެ ނޮވެމްބަރުން 2006ގެ މޭ މަހާ ދެމެދު ފަބިއޯ ކަޕެއްލޯ ގާއިމްކޮށްފައިވާ ރެކޯޑާ އަރައި ހަމަކުރިއެވެ. އަދި ކަޕެއްލޯއަށް ފަހު ފުރަތަމަ ފަހަރަށް ޔުވެންޓަސް ކޮޕާ އިޓާލިއާގެ ފައިނަލަށް ގެންދިޔައެވެ. އެއަށްފަހު، އިންޓަ މިލާން ބަލިކޮށް އެފަހަރުގެ އިޓަލީކަޕާއި އަދި އެ ސީޒަންގެ ލީގުވެސް ޔުވެންޓަސްއަށް ކާމިޔާބުކޮށްދިނެވެ. އެވަރުން ފުއްދާލީކީ ނޫނެވެ. ޖެހިޖެހިގެން ތިން ސީޒަންގައި ޔުވެންޓަސްއަށް އިޓަލީ ލީގު ހޯދައިދިނެވެ. އޭގެ ތެރޭން 2012-13 ސީޒަން ޔުވެންޓަސް ކާމިޔާބުކުރީ 87 ޕޮއިންޓާއެކު 9 ޕޮއިންޓުގެ ލީޑެއްގައެވެ. އަދި ޖެހިގެން އައި ސީޒަންގެ ލީގު ކާމިޔާބުކުރީ، 102 ޕޮއިންޓުގެ ރެކޯޑު އަދަދެއް ގާއިމުކުރުމަށް ފަހުއެވެ.

ޗެލްސީގެ އެންމެ ކާމިޔާބު ކޯޗެއްގެ ގޮތުގައި ފެނުނު، "ސްޕެޝަލް ވަން" ނުވަތަ ހޯޒޭ މޮރީނިއޯ ދެވަނަ ފަހަރަށް އެ ކްލަބާ ހަވާލުވެ ހުއްޓައި އޭނާ ކޯޗުކަމުން ދުރުކުރަން މަޖުބޫރުވީ އޭނާ އިރުޝާދުގެ ޗެލްސީ ރެލިގޭޓްވުމާ ގާތަށް ގޮސްފައި ވަނިކޮށެވެ. އަދި އެއަށްފަހު ސީޒަން ނިމެންދެން ކްލަބު ބެލެހެއްޓީ ކެއަރޓޭކަރ ކޯޗް ގޫސް ހިޑިންކެވެ.

ދެން މިފެށެނީ މުޅިން އާ ދައުރެކެވެ. 2016-17ގެ ސީޒަނަށް ޗެލްސީ ކުރިމަތިލަނީ ޔުވެސްޓަސްއާއެކު ކާމިޔާބު ތިން ސީޒަން ހޭދަކުރި މަޝްހޫރު އަދި މޮޅެ ކޯޗު ކޮންޓޭއާއެކު އެވެ. މީގެ ކުރިން ވެސް ކޮންޓޭ ވަނީ އޭނާއަކީ ސަޕޯޓަރުންގެ ހިނިތުންވުން އިޔާދަކުރެވޭފަދަ މޮޅުކޯޗެއްކަން ސާބިތުކޮށްދީފައެވެ.

ކޮންޓޭ ބުނީ، ޗެލްސީއަކީ ޗެމްޕިއަންސް ލީގުގައި ވެސް އޮންނަން ޖެހޭ ކްލަބެއް ކަމަށެވެ. އެހެންކަމުން އެ ކްލަބުގެ އަސްލު މަގާމަށް ކްލަބު ވާސިލްކޮށް، ކްލަބުގެ ކުޅުންތެރީންނާއި މެނޭޖަރަކީ ސަޕޯޓަރުން ފަހުރުވެރިވާ ފަދަ ބަޔަކަށް ހެދުމަކީ އޭނާގެ އަމާޒު ކަމަށެވެ.

"އަހަރެމެން ކުރަން ޖެހޭ މަސައްކަތްތައް ވަރަށް ގިނަ. ލީގު ތާވަލުގެ 10 ވަނައިގައި އޮވެ ނާކާމިޔާބު ސީޒަނަކަށް ފަހު އަހަރެމެން އަލުން މި ފަށަނީ. އަހަރެމެންގެ އަސްލު މަގާމަށް ވަރަށް އަވަހަށް ވާސިލްވާން ޖެހޭ. ސަބަބަކީ ޗެލްސީއަކީ އިންގްލެންޑުގައި ވެސް އަދި މުޅި ދުނިޔޭގައި ވެސް ވަރަށް ބޮޑު ކްލަބެއް،" ޗެލްސީގެ އާ ކޯޗު ބުންޏެވެ.

ކޮންޓޭގެ އަމާޒަށް ވާސިލްވުމަށް ޗެލްސީން ވަނީ މިހާރު ކުރިއަށް ދާ ޓްރާންސްފަރގައި މިޝީ ބަޓްޝުއައީ އާއި އެންގޯލޯ ކަންޓޭ ގެނައުމަށް ގާތްގަނޑަކަށް 63 މިލިއަން ޕައުންޑު ހޭދަކޮށްފައެވެ. އެހެންނަމަވެސް ކޮންޓޭ ވަނީ އެވަރުން އަދި ނުފުދޭކަމަށް ޗެލްސީގެ ވެރިޔާ ރަޝިއާގެ މަހުޖަން ރޯމަން އަބްރަމޮޗު ގާތު ބުނެފައެވެ. ޗެލްސީގެ ހަގީގީ ކުލަ ދައްކާލުމަށް މިފަހަރުގެ ޓްރާންސްފަރގައި އަދި އިތުރު ފަސް ކުޅުންތެރިއަކު ގެންނަން ޖެހޭކަމަށް ކޮންޓޭ ބުންޏެވެ.

ކޮންމެއަކަސް ޗެލްސީގެ ކާމިޔާބީއަށްޓަކައި އެޓީމުގެ ކޯޗުން ބޭނުންވާ މިފަދަ ކަންތައްތަކަށް އަބަދުވެސް ރޯމަން ފެހި ސިގްނަލްދެއެވެ. އެހެންކަމުން މިފަހަރު ކޮންޓޭ ބޭނުންވާފަދަ ސްކޮޑެއް އެކުލަވައިލުމަށްވެސް އިތުރު އިންވެސްޓްމަންޓްތަކެއް ކުރަން ރޯމަން ފަހަތަކަށް ނުޖެހޭނެއެވެ.

ކޮންޓޭގެ ލިސްޓްގައި ހިމެނިގެން މިހާރު ޗެލްސީއާއެކު މަޝްވަރާކުރަމުންދާ ކުޅުންތެރީންގެ ތެރޭގައި ރެއާލް މެޑްރިޑްގެ ސްޕެނިޝް ފޯވާޑް އަލްވާރޯ މޮރާޓާއާއި، އެވަޓަންގެ ބެލްޖިއަމް ފޯވާޑް ރޮމެލޫ ލުކާކޫއާއި، އޭއެސް ރޯމާގެ ގްރީކް ޑިފެންޑަރު ކޮސްޓަސް މަނޮލަސްއާއި ނަޕޯލީގެ ސެނެގާލް ޑިފެންޑަރު ކަލީދޫ ކޮލިބަލީ އާއި ޔުވެންޓަސްގެ އިޓާލިއަން ޑިފެންޑަރު ލިއަނާޑޯ ބޮނޫޝީ ހިމެނެއެވެ.