ޝަންހާއީ (ޖުލައި 23): ޗައިނާގައި ބޯކޮށް ވާރޭ ވެހި ފެން ބޮޑުވުމުގެ ސަބަބުން 87 މީހަކު މަރުވެ، 16 މިލިއަން މީހުން ހާލުގައި ޖެހިފައިވާ ޗައިނާގެ މީޑިއާތަކުން ބުނެފި އެވެ.

ޒިންހުއާއިން ރިޕޯޓު ކުރާ ގޮތުގައި ޗައިނާގެ އުތުރުގައި އޮންނަ ހީބެއި ޕްރޮވިންސުން އެކަނި ވެސް ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން 72 މީހަކު މަރުވެފައިވެ އެވެ. އަދި 78 މީހަކު ގެއްލިފައިވާ އިރު 50،000 ގެ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށް ޒިންހުއާ އިން ބުނެ އެވެ.

ޗައިނާގެ އެކި ސަރަހައްދުތަކަށް މި ހޫނު މޫސުމުގައި ކުރި ވިއްސާރައިގެ އަސަރު 8.6 މިލިއަން މީހުންނަށް ކޮށްފައިވާ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ލަފާ ކުރެ އެވެ. އަދި މޫސުން ފެށުނު ފަހުން މަރުވި މީހުންގެ އަދަދު 200 އަށް އަރާފައިވާ އިރު އެވިއްސާރައިގެ ސަބަބުން ޗައިނާއަށް ލިބުނު ގެއްލުމުގެ އަގު ތިން ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެގައުމުގެ ސަރުކާރުން ބުނެފައިވެ އެވެ.

ޗައިނާގެ ސެންޓްރަލް ބޭންކުން އިއްޔެ ވަނީ ފެންބޮޑު ވުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނަށް މާލީ އެހީ ފޯރުކޮށްދޭނެ ކަމަށް ބުނެފަ އެވެ. (ރޮއިޓާސް)