ތެލެސީމިއާ ކުދީންނަށް ފަސޭހައިން ލޭ ލިބިދިނުމަށް މަގުފަހި ކުރުމަށްޓަކައި އެލިއާ އިންވެސްޓްމެންޓާއި މޯލްޑިވްސް ބްލަޑް ސަރވިސަސްއާ ގުޅިގެން ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް މިއަދު ފަށައިފި އެވެ.

ދުނިޔޭގެ ލޭ ހަދިޔާ ކުރުމުގެ ދުވަހާ ގުޅުވައިގެން ނޭޝަނަލް އާޓް ގެލެރީގައި މިއަދު ފެށި އެ ކޭމްޕު އިފްތިތާހް ކޮށްދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ލޭ ހަދިޔާ ކުރާ ދުވަހެއްގެ ގޮތުގައި ވަކި ދުވަހެއް ހާއްސަވެފައި އޮތް ނަމަވެސް، ކޮންމެ ދުވަހަކީ ވެސް ދުނިޔޭގައި ލޭ ހަދިޔާ ކުރާ ދުވަހެއްގެ ގޮތުގައި ދެކެން ޖެހޭކަމަށެވެ.

"އެއްވެސް ސަބަބަކާހުރެ ލެޔަށް ބޭނުންވެފައިވާ މީހަކަށް އެ ލޭ ނުލިބުމުގެ ސަބަބުން އެމީހާ މި ދުނިޔެ ދޫކޮށްދާން ޖެހުމަކީ ވަރަށް ހިތާމަވެރިކަމެއް،" ނާޒިމް ވިދާޅުވި އެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި، ކިޔަވާ ކުދިންގެ ހެލްތު ސްކްރީނިން ހެދުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީ އާއި ގުޅިގެން ކުރިއަށްގެންދާ ކަން ފާހަގަކުރެއްވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި، ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި މޯލްޑިވްސް ބްލަޑް ސާރވިސަސް އަށް އެންމެ ގިނަ އަދަދަކަށް ލޭ ހަދިޔާކުރި ފަރާތްތަކަށް، އެކަމުގެ އަގުވަޒަންކޮށް ހަނދާނީ ފިލައެއް ވެސް ވަނީ ދީފަ އެވެ.

އާއްމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ އެ ކޭމްޕު މިއަދު ހަވީރު 06.00 އާ ހަމައަށް ކުރިއަށް ގެންދާނެ ކަމަށް އެލިއާ އިން ބުނެ އެވެ.

ދުނިޔޭގެ ލޭ ހަދިޔާ ކުރުމުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ވެސް ޖޫން މަހުގެ 14 ވަނަ ދުވަހެވެ. މިއަހަރުގެ ލޭ ހަދިޔާ ކުރުމުގެ ދުވަހުގެ ހަރަކާތްތައް ލަސްކޮށްފައިވަނީ އެ ދުވަސް ރޯދަމަހާ ދިމާވުމުންނެވެ.