ކުރީގެ އެޓޯލްސް މިނިސްޓްރީން ދިދަތަކެއް ގަތުމަށް އިއުލާން ކުރުމުން އެ ކަމަށް ބިޑް ކުރުމުގައި ރައްޔިތުންގެ މަޖިލީހުގެ އަދި ޕީޕަލްސް އެލަޔަންސް ]ޕީއޭ[ގެ ނައިބު ރައީސް އަހުމަދު ނާޒިމްގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ އިތުރު ދައުވާއެއް ޕްރޮސެކިއުޓާ ޖެނެރަލް ]ޕީޖީ[ އޮފީހުން މިއަދު އުފުލައިފި އެވެ.

ނާޒިމްގެ މައްޗަށް ކުރާ ދައުވާ އިއްވަވަމުން ޕީޖީގެ ވަކީލު އަބްދުﷲ ރާބިއު ވިދާޅުވީ ކުރީގެ އެޓޯލްސް މިނިސްޓްރީން 15،000 ދިވެހި ގައުމީ ދިދަ ގަތުމަށް ޖޫން 18، 2005 ގައި އިއުލާން ކުރުމުން ނާޒިމްގެ ހިއްސާ އޮންނަ ނަމީރާ އިންޖިނިއަރިން އެންޑް ޓްރޭޑިންގެ މެނޭޖިން ޑިރެކްޓަރަކަށް އޭނާ ހުންނަވައި، އެ ކުންފުނީގެ ތަކެއްޗާ މުދާ ބޭނުންކޮށްގެން ޓެކް މީޑިޔާ ސާވިސާސްގެ ނަމުގައި އެ ކުންފުންޏަށް ނޭނގި މަކަރާއި ހީލަތުން ބިޑް ހުށަހަޅާފައިވާ ކަމަށެވެ.

ވަކީލު ވިދާޅުވީ މަކަރާއި ހީލަތުން އެ ބިޑް ހުށަހަޅާފައިވާތީ ގާނޫނުލް އުގޫބާތުގެ 131 ވަނަ މާއްދާގެ ހ.ގެ ދަށުން ނާޒިމްގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ދައުވާ އުފުއްލަވާ ކަމަށެވެ.

ނާޒިމްގެ މައްޗަށް ކުރާ ދައުވާ އިއްވެވުމުން އެ މައްސަލަ ބައްލަވާ ގާޒީ ސައީދު އިބްރާހިމް ނާޒިމަށް އެނގެނީ ކޮޅަށް ތެދުވެވަޑައިގެންނެވުމަށެވެ. އަދި ވިދާޅުވީ މި މައްސަލައިގައި ވަކީލަކާއި ނުލައި ނުވަތަ ވަކީލަކު އައްޔަން ކުރައްވައިގެން ވެސް ކުރިއަށް ވަޑައިގެންނެވިދާނެ ކަމަށާއި އިހްތިޔާރު ކުރައްވަނީ ކޮން ގޮތެއްތޯ އެވެ. ނާޒިމް އެދިވަޑައިގަތީ ވަކީލަކު އައްޔަން ކުރެއްވުމުގެ ފުރުސަތަކަށެވެ.

ވަކީލަކު އައްޔަން ކުރެއްވުމަށް ނާޒިމަށް ގާޒީ ދެއްވީ ހަތް ދުވަހުގެ ފުރުސަތެކެވެ. އަދި ވިދާޅުވީ ދެން މައްސަލަ ބާއްވާ ދުވަހު ވަކީލަކު އައްޔަން ކުރައްވާފައި ނެތް ނަމަ އަމިއްލައަށް މައްސަލައަށް ޖަވާބުދާރީވެވަޑައިގަންނަވަން ޖެހޭނެ ކަމަށެވެ.

މި ދައުވާގެ އިތުރުން ދިދަތަކުގެ މައްސަލައިގައި އެހެން ދައުވާއެއް ވެސް ޕީޖީ އޮފީހުން ނާޒިމްގެ މައްޗަށް ކުރެ އެވެ. އެ ދައުވާގައި ބުނަނީ އެޓޯލްސް މިނިސްޓްރީގެ ފަރާތުން 15،000 ދިދަ ގަންނަންވެގެން ޑިސެމްބަރު 31، 2003 ގައި އިއުލާނެއް ކުރި ކަމަށެވެ. އަދި ނާޒިމްގެ ހިއްސާ އޮންނަ ނަމީރާ އިންޖިނިއަރިން އެންޑް ޓްރޭޑިންގެ މެނޭޖިން ޑިރެކްޓަރަކަށް އޭނާ ހުރެ އެ ކުންފުނީގެ ތަކެއްޗާއި މުވައްޒަފުން ބޭނުން ކުރައްވައިގެން، ރާއްޖޭގައި ރަޖިސްޓްރީކޮށްފައިނުވާ "ކުންފުނިތަކެއް"ގެ ނަމުގައި ލެޓާ ހެޑް ހަދައި އެ ތަންތަނުގެ ނަމުގައި އެސްޓިމޭޓް ހުށަހަޅުއްވައި އެ ޕްރޮޖެކްޓް ކާމިޔާބުކޮށްފައިވާ ކަމަށް ވެސް ދައުވާގައި ބުނެ އެވެ.

ޕީޖީ އޮފީހުގެ ދައުވާފައި ބުނެފައި ވަނީ އެ ޕްރޮޖެކްޓުގެ ޖުމްލަ އަގަށްވާ 1،425،000ރ. މަކަރާއި ހީލަތުން ނާޒިމް ހޯއްދައްވާފައިވާތީ ގާނޫނުލް އުގޫބާތުގެ 131 ވަނަ މާއްދާގެ ހ. އާއި 132 ވަނަ މާއްދާ އާއި 143 ވަނަ މާއްދާގެ ދަށުން ސަރުކާރުގެ 10،000ރ. އަށް ވުރެ މަތީ އަދަދެއްގެ ފައިސާ އިން މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ދައުވާ އޭނާގެ މައްޗަށް އުފުލީ ކަމަށެވެ.

ގާނޫނުލް އުގޫބާތުގެ 131 ވަނަ މާއްދާގެ ހ. ގައި ބުނެފައި ވަނީ ހިޔާނާތުގެ ކުށެއްގައި މީހެއްގެ މައްޗަށް އަދަބެއް ކަނޑައަޅާ ނަމަ އެއީ އެމީހަކު ކުށް ކުރި ފުރަތަމަ ފަހަރު ނަމަ އަދަބު ކަނޑައަޅާނީ ހަ މަސް ދުވަހުން ފެށިގެން އެއް އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށްލުމަށް ނުވަތަ އަރުވާލުމަށް ކަމަށެވެ. އެ ގާނޫނުގައި 132 ވަނަ މާއްދާގައި ބުނެފައި ވަނީ ހިޔާނާތްވި މުދަލުގެ އަގު 10،000ރ. އަށް ވުރެ މަތިވާ ނަމަ އިތުރުވާ ނަމަ ކޮންމެ 1،000ރ. އަކަށް އެއް މަސް ދުވަސް، ޖަލަށްލާން ނުވަތަ އަރުވާލަންޖެހޭ މުއްދަތުގެ ތެރެއަށް އިތުރުވާނެ ކަމަށެވެ. ހަމަ އެ ގާނޫނުގެ 143 ވަނަ މާއްދާގައި ބުނެފައި ވަނީ ސަރުކާރުގެ މުދަލަކުން މަކަރާއި ހީލަތް ހަދައިފި މީހެއްގެ އަދަބަކީ 131 ވަނަ މާއްދާ އާއި 132 ވަނަ މާއްދާގެ ދަށުން ކަނޑައެޅޭ އުގޫބާތުގެ އިތުރަށް ދެ އަހަރާއި ފަސް އަހަރާދެމެދުގެ މުއްދަތަކަށް އަރުވާލުން ނުވަތަ ޖަލަށްލުން ކަމަށެވެ.

ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ ނ. ގެ ދެ ވަނަ ނަންބަރުގައި ބުނެފައި ވަނީ ޖިނާއި ކުށެއް ސާބިތުވެ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ މައްޗަށް އެއް އަހަރަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އަތުވެއްޖެ ނަމަ އެމީހަކު މަގާމުން ވަކިވާނެ ކަމަށެވެ.