ރަނގަޅު ކުޅުންތެރިޔަކު ލިބެންހުރި ނަމަ، އެކުޅުންތެރިޔަކު ގެންނަން ކިތަންމެ ބޮޑު ޚަރަދެއްކުރަންވެސް ތައްޔާރަށް ހުރި ކަމަށް އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނެފިއެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގެ ވާދަވެރި ކްލަބުތަކުން ބޮޑު ޚަރަދުކޮށްގެން މޮޅެތި ކުޅުންތެރީންތައް ހޯދަމުންދާއިރު، އާސެނަލަށް އެފަދަ ކުޅުންތެރިއަކު ނުގެންނަ ކަމަށްބުނެ އެ ކްލަބުގެ ސަޕޯޓަރުން ދަނީ، ކްލަބުގެ މެނޭޖްމަންޓަށާއި ވެންގާއަށް ފާޑުކިޔަމުންނެވެ.

އެހެންނަމަވެސް، މިފަހަރުގެ ޔޫރޯ ފެށުމުގެ ކުރީން އާސެނަލުން ވަނީ، ޓްރާންސްފަރ މާކެޓަށް ވަދެފައެވެ. އެގޮތުން އެ ކްލަބުން މިފަހަރުގެ ޓްރާންސްފަރގައި މިހާތަނަށް ވަނީ، 35 މިލިއަން ޕައުންޑުގެ ފީއަކަށް ބޮރޫޝިއާ މޮންޗެންގްލަޑްބެކްގެ ސްވިޒަލެންޑް މިޑްފީލްޑަރު ގްރަނިޓް ޒަކާ އެޓީމަށް ގެނެސްފައެވެ. އަދި އޭގޭ އިތުރުން، ޖަޕާނުގެ ޒުވާން ފޯވާޑް ޓަކުމާ އަސާނޯއާއި ބޯލްޓަން ވޮންޑަރަރސްގެ ޒުވާން ޑިފެންޑަރު ރޮބް ހޯލްޑިންގވެސް ވަނީ އެ ކްލަބާ ގުޅިފައެވެ.

ވެންގާބުނީ އެ ކްލަބުން މިފަހަރުގެ ޓްރާންފަރގައި ބާޒާރުގައި ކުޅުންތެރީން ހޯދުމުގެ މަސައްކަތް އަދި ހަމަ ކުރިއަށް އޮތީ ކަމަށާއި ރަނގަޅު ކުޅުންތެރިއަކު ގަންނަން ލިބޭނަމަ އެކަމަށް ކުރިމަތިލާނޭ ކަމަށެވެ.

"މިފަހަރުގެ ޓްރާންސްފަރގައި އަހަރެމެން ވަރަށް ހަރަކާތްތެރިކޮށް މިދަނީ. ރަނގަޅު ކުޅުންތެރިއަކު ފެނިއްޖެ ނަމަ އެކަމަށް ޚަރަދުކުރަން ތައްޔާރަށް މިތިބީ،" ވެންގާ ބުންޏެވެ.

ވެންގާ ބުނީ، މިފަހަރުގެ ޓްރާންސްފަރގައި މިހާރުވެސް އާސެނަލުން ވަނީ ކުޅުންތެރީން ހޯދުމަށް ބޮޑު ހޭދައެއް ކޮށްފައި ކަމަށާއި އަދިވެސް ކްލަބުން ދަނީ ކުޅުންތެރީން ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.

"އަހަރެން ބޭނުމެއް ނޫން މިވެނި ކުޅުންތެރިއަކު ބޭނުމޭ ބުނެ ނަންތަކެއް ކިޔާކަށް. ފަހު ވަގުތު އެ ކުޅުންތެރިއަކު ނުގެނެވިއްޖިއްޔާ މީހުން އަހާނެ ކީއްވެހޭ ނުގެނެވުނީ،" އާސެނަލްގެ ކޯޗު ބުންޏެވެ.

ވެންގާ ބުނީ، ޓްރާންފަރ މާކެޓް ބަންދުވާން އަދި މަހަކަށްވުރެ ގިނަ ދުވަސް އެބަ އޮތްކަމަށާއި އެހެންކަމުން އެ މުއްދަތުގެ ތެރޭގައި ވަރަށް ގިނަ ކަންތައްތަކެއް ފެނުން އެކަށީގެންވާކަމަށެވެ.

"މިފަހަރުގެ ޓްރާންފާގައި މިގައުމުގައި، މިހާތަނަށް އަހަރެމެންނަަށްވުރެ ވަކީން ބޮޑު ޚަރަދެއްއެހެންބަޔަކު ނުކުރޭ. ދެން ޕައުލް ޕޮގްބާ އިޓަލީން އިންގްލެންޑަށް އަތުވެއްޖެ ނަމަ ބުނާނެ އެއްޗެއް ނެތް...،" ވެންގާ ބުންޏެވެ.