23 Jul 2016, 10:15
ވޮޝިންޓަން (ޖުލައި 23): އެމެރިކާގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވި ހިލަރީ ކްލިންޓަންގެ ރަނިންމޭޓަކަށް ޓިމް ކެއިން އައްޔަން ކުރައްވައިފި އެވެ.
ހިލަރީގެ ރަނިންމޭޓު ކަމަށް ވާޖީނިއާ ސްޓޭޓުގެ ސެނެޓަރު ކެއިން އައްޔަން ކުރެއްވިކަން ހިލަރީ އިއުލާން ކުރެއްވީ ޓުވިޓާ މެދުވެރިކޮށެވެ. އަދި ރަނިންމޭޓު ރަސްމީކޮށް އިއުލާން ކުރުން މިއަދުގެ ކެމްޕެއިން ރެލީއެއްގައި އޮންނާނެ އެވެ.
"އަޅުގަނޑުގެ ރަނިންމޭޓަކީ އެހެން މީހުންނަށް ޓަކައި ހަނގުރާމަ ކުރުމަށް ދިރިއުޅުން ހުސްކޮށްފައިވާ ޓިމް ކެއިން ކަން ވަރަށް އުފަލާ އެކު އިއުލާން ކުރަން،" ހިލަރީގެ ޓުވީޓުގައިވެ އެވެ.

ޓިމް ކެއިން އަދި ހިލަރީ ކްލިންޓަން -- ފޮޓޯ: އޭއެފްޕީ
ކެއިން އަކީ ސްޕެނިޝް ބަހަށް ފަރިތަ ބޭފުޅެކެވެ. އެހެންކަމުން ހިލަރީގެ ރަނިންމޭޓަކަށް ކެއިން ހޮވުމުކީ ހިސްޕޭނިކް އެމެރިކާ ރައްޔިތުންގެ މެދުގައި ހިލަރީގެ މަގުބޫލުކަން އިތުރުވެގެން ދާނެ ކަމެއް ކަމަށް ލަފާ ކުރެވެ އެވެ.
މީގެ އިތުރުން ކެއިންއަކީ 2008 ވަނަ އަހަރު ބަރަކް އޮބާމާގެ ރަނިންމޭޓަކަށް ހޮވަން ހިޔާރު ކުރެއްވި ފައިނަލިސްޓުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. އަދި އޭނާ ވަނީ ސެނެޓަށް ކުރިމަތިލެއްވުމުގެ ކުރިން ވާޖީނިއާގެ ގަވަރުނަރުކަން ކުރައްވާފަ އެވެ. (ބީބީސީ)