23 Jul 2016, 09:49
ފުލުހުންގެ ހިދުމަތުގައި ރަސްމީ ޑިއުޓީ އަދާކުރަމުންދަނިކޮށް، އެކިއެކި ހާދިސާތަކާއި ދެކޮޅުވެރި ހަމަލާތަކުގައި ނިޔާވި ފުލުހުންގެ ޝަރަފުގައި ފުލުހުންގެ ހުރިހާ މަރުކަޒެއްގެ ދިދަ ބައިދަނޑިއަށް ރޭ ތިރި ކޮށްފި އެވެ.
ފުލުހުން ބުނީ، ފުލުހުންގެ މެމޯރިއަލް ޑޭ ގެ ގޮތުގައި މިއަދު ފާހަގަކުރާ ދުވަހާ ގުޅިގެން ފުލުހުންގެ ހުރިހާ މަރުކަޒެއްގެ ދިދަ ރޭ 12:00ގައި ބައިދަނޑިއަށް ތިރިކޮށްފައިވާ ކަމަށެވެ. އަދި 24 ގަޑި އިރު ވަންދެން ދިދަ ބައިދަނޑިއަށް ތިރިކޮށްފައި ބެހެއްޓުމަށް ވަނީ ނިންމައިފަ އެވެ.
މެމޯރިއަލް ޑޭގެ ހާއްސަ ޖަލްސާ އޮންނާނީ މިރޭ އިސްކަންދަރު ކޮށީގަ އެވެ.
ކޮންމެ އަހަރެއްގެ ވެސް ޖުލައި މަހުގެ 23 ވަނަ ދުވަހު ފުލުހުން ފާހަގަކުރާ ޕޮލިސް މެމޯރިއަލް ޑޭ އަކީ ފުލުހުންގެ ގާނޫނީ ވާޖިބު އަދާކޮށް ރަސްމީ ޑިއުޓީގައި އުޅެނިކޮށް ނުވަތަ ޑިއުޓީ އަދާކުރުމުގެ ސަބަބުން ދިމާވާ އެކިއެކި ހާދިސާތަކާއި ކަންކަމުގައި މި ދުނިޔެ ދޫކުރާ ފުލުހުންގެ ހަނދާން އާކޮށް އެ ފުލުހުން ގައުމަށް ޓަކައި ވެފައިވާ ގުރުބާނީ އާއި ކޮށްދީފައިވާ ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން 2013 ވަނަ އަހަރުން ފެށިގެން ފާހަގަކުރަމުން އަންނަ ދުވަހެކެވެ.
އެ ދުވަސް ފާހަގަކުރަން ހަމަޖެއްސީ ރަސްމީ ޑިއުޓީގައި ހުއްޓައި ދެކޮޅުވެރި މީހެއްގެ ހަމަލާއެއްގައި ކ. ކާށިދޫ، ކެތި، ޕޮލިސް ސާޖަންޓް އާދަމް ހަލީމް ނިޔާވުމުން ނެވެ. އޭނާ މަރާލާފައި ވަނީ ކ. ކާށިދޫގައި 2012 ޖުލައި 23 ވަނަ ދުވަހުގެ ރޭ މީހަކު އޭނާ އަށް ތޫނު ހަތިޔާރުން ހަމަލާ ދިނުމުންނެވެ.
ފުލުހުންގެ ރަސްމީ ޑިއުޓީގައި ތިއްބައި މިހާތަނަށް އާދަމް ހަލީމުގެ އިތުރުން އިތުރު ތިން ފުލުހަކު ވަނީ ނިޔާވެފަ އެވެ.
ބ.ހިތާދޫ، ނަސީމީވިލާ ޕޮލިސް ކޯޕްރަލް މިސްބާހް އަބްދުﷲ
ކޯޕްރަލް މިސްބާހް އަބްދުﷲ ނިޔާވެފައި ވަނީ މަގުމަތީގެ ރައްކާތެރިކަން ދެމެހެއްޓުމަށް ވެހިކަލް ޗެކް ޕޮއިންޓެއް ގާއިމްކޮށްގެން ވެހިކަލްތައް ޗެކްކުރުމުގައި ހުއްޓައި ބާރު ސްޕީޑެއްގައި ދުއްވާފައި އައި ސައިކަލަކުން ޖައްސައި 2013 ޖޫން 01 ވަނަ ދުވަހު އެވެ.
ވ.ރަކީދޫ، ނަރުގިސްވިލާ ޕޮލިސް ކޮންސްޓަބަލް ޔޫސުފު ޒަމީރު
ކޮންސްޓަބަލް ޔޫސުފް ޒަމީރު ނިޔާވީ ފުލުހުންގެ ރަސްމީ ޑިއުޓީގައި ހުރެ ދޫނިދު އަށް ދިޔަ ފެރީއެއްގައި އިންދައި ދިމާވި އެކްސިޑެންޓެއްގައި ކަނޑަށް ވެއްޓި 2007 މާޗް 13 ވަނަ ދުވަހު އެވެ.
ލ.ފޮނަދޫ، ޗާނދަނީމާގެ ޕޮލިސް ލާންސް ކޯޕްރަލް އަލީ ނާޒިމް
ލާންސް ކޯޕްރަލް އަލީ ނާޒިމް ނިޔާވީ ކަނޑުމަތީގައި ދިމާވި ހާދިސާއެއްގައި ހާލުގައި ޖެހުނު ދޯންޏެއްގައި ތިބި މީހުންނާއި މުދާ ސަލާމަތްކުރުމަށް އެ ހާދިސާ ހިނގި ތަނަށް ދިޔަ މަގުމަތީގައި ދިމާވި އެކްސިޑެންޓެއްގައި 2006 ނޮވެމްބަރު 22 ވަނަ ދުވަހު އެވެ.