މިއުނިކް (ޖުލައި 23): ޖަރުމަނުގެ މިއުނިކްގެ ޝޮޕިން މޯލެއްގައި ރޭ ބަޑިން ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު ނުވަ އަކަށް އަރާ ކަމަށް ޖަރުމަނުގެ ފުލުހުން ބުނެފި އެވެ.

މިއުނިކުގެ އޮލިމްޕިއާ ޝޮޕިން ސެންޓަރުގައި ދިން ހަމަލާއާ ގުޅިގެން ބޭއްވި ނޫސް ކޮންފަރެންސެއްގައި ފުލުހުން ބުނި ގޮތުގައި އެހަމަލާ ދީފައި ވަނީ އީރާނާއި ޖަރުމަނުގެ ރަށްވެހިކަން އޮންނަ 18 އަހަރުގެ ކުއްޖެކެވެ. އަދި ހަމަލާގައި ނުވަ މީހަކު މަރުވުމުގެ އިތުރުން 16 މީހަކަށް އަނިޔާވި އެވެ.

ހަމަލާ ދިން ކުއްޖާ ވަނީ މޯލްގައި ހަމަލާ ދިނުމަށް ފަހު ފިލައިފަ އެވެ. އަދި ޝޮޕިން މޯލްއާ ގާތްގަނޑަކަށް އެއް ކިލޯ މީޓަރު ދުރަށް ދިޔުމަށް ފަހު އަމިއްލައަށް މަރުވެފަ އެވެ.

ފުލުހުން ވަނީ އޭނާގެ ކުށުގެ ރިކޯޑެއް ނެތް ކަމަށާއި އެއްވެސް ޓެރަރިސްޓު ޖަމާއަތަކާ ގުޅުން އޮތްކަން އަދި ޔަގީން ނުވާ ކަމަށް ބުނެފަ އެވެ.

ޖަރުމަނުގެ ޝޮޕިން މޯލެއްގައި ރޭ އެހަމަލާ ދީފައި ވަނީ އެގައުމުގެ ރޭލެއްގެ ތެރޭގައި 17 އަހަރުގެ ކުއްޖަކު ކޯރާޑިއަކުން ޕަސިންޖަރުންނަށް ހަމަލާދިންތާ ހަފްތާއެއް ނުވަނީސް އެވެ. (ބީބީސީ)