23 Jul 2016, 09:32
ރެއާލް މެޑްރިޑްގެ ކޮލަމްބިއާ ފޯވާޑް ޖޭމްސް ރޮޑްރިގޭޒް ހޯދުމަށް ގިނަ ކުލަބުތަކަކުން މަސަތްކަތް ކުރި ނަމަވެސް އޭނާ އެކުލަބު ދޫކޮށް ނުދާނެ ކަމަށް ބުނެފިއެވެ.
ބްރެޒިލްގައި 2014 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕްގެ ޓޮޕް ސްކޯރާގެ މަގާމް ހޯދުމަށް ފަހު ރެއާލް މެޑްރިޑާ ގުޅުނު ޖޭމްސް އަށް ވަނީ މިދިޔަ ސީޒަނުގައި އޭނާގެ އަސްލު ކުޅުން ނުދެއްކި ގިނަ މެޗުތަކެއްގައި ފުރަތަމަ 11 އިން ވެސް ޖާގަ ގެއްލިފައެވެ.
ނަމަވެސް ޖޭމްސް ބުނީ އޭނާގެ ވިސްނުން ހުރީ ރެއާލް މެޑްރިޑް ދޫކޮށް ދިއުމަށް ނޫން ކަމަށާއި އޭނާގެ އަމާޒަކީ އިތުރަށް މަސަތްކަތް ކޮށްގެން އެޓީމްގައި އޭނާގެ އަސްލު މާގާމް ހޯދައި ކާމިޔާބު ހާސިލްކުރުން ކަމަށެވެ.
"އަހަރެންނަށް އިނގޭ ކްލަބަށް 85 މިލިއަން ޕައުންޑް ހުށަހެޅިކަން އަހަރެން ހޯދުމަށް. ނަމަވެސް މި ޓީމް ދޫކޮށް ދިއުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅެން،" ޖޭމްސް ބުންޏެވެ.
ޖޭމްސް ހޯދުމަށް މެޑްރިޑަށް އެހާ ބޮޑު އަގެއް ހުށަހެޅިކަން ހާމަކޮށްފައިވާ އިރު އޭނާ ހޯދުމަށް އެނެމް ބޮޑަށް މަސަތްކަތް ކުރީ އިނގިރޭސި ދެ ކުލަބު ކަމަށްވާ މެންޗަސްޓާ ޔުނައިޓެޑާއި ޗެލްސީއެވެ.
ޖޭމްސް ވިއްކާލަން އުޅޭ ކަމަށް މީގެ ކުރިން އަޑު ފެތުރިފައިވާ އިރު މެޑްރިޑްގެ ކޯޗު ޒައިނުއްދީން ޒިދާން މީގެ ކުރިން ބުނީ އެ ޓީމް އޮތީ ވަރަށް ވަރުގަދަ ސްކޮޑަކާ އެކު ކަމަށާއި އެހެން ކަމުން އެއްވެސް ކުޅުންތެރިއެއް ދޫކޮށްލުމަކީ ވެސް ވަރަށް އުނދަގޫ ކަމެއް ކަމަށެވެ.
"އަހަރެން ނުބުނާނަން ޖޭމްސް އަށް ވެސް ފުރަތަމަ 11 އިން ޖާގަ ލިބޭނެއެކޭ. އޭނާ އަކީ ވެސް ވަރަށް މުހިންމު ކުޅުންތެރިއެއް. މިފަހަކަށް އައިސް އޮތް އެންމެ ވަރުގަދަ ސްކޮޑް މެޑްރިޑްގައި މިއޮތީ،" ޒިދާން ބުންޏެވެ.
ޖޭމްސް ވަނީ ރެއާލް މެޑްރިޑްގައި ހޭދަކުރި ދެ ސީޒަނުގެ ތެރޭގައި އެޓީމަށް 78 މެޗު ކުޅެދީ 25 ގޯލް ކާމިޔާބް ކޮށްދީފައެވެ.