23 Jul 2016, 08:49
ކޮންމެ އަހަރެއްގެ ރަމަޟާން މަހާ ގުޅިގެން ވައިޓް ހައުސްގައި ބާއްވާ ރޯދަ ވިއްލުމުގެ ބަދަލުގައި އެމެރިކާގެ މުސްލިމުންނާއެކު އެގައުމުގެ ރައީސް ބަރަކް އޮބާމާ ވައިޓް ހައުސްގައި ފުރަތަމަ ފަހަރަށް ފިތުރު އީދު ފާހަގަކުރައްވައިފި އެވެ.
ވައިޓް ހައުސްގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އީދު ފާހަގަކުރުމުގައި އެމެރިކާގެ ގިނަ އަދަދެއްގެ މުސްލިމުން ބައިވެރިވި އެވެ. އޭގެ ތެރޭގައި އެމެރިކާއަށް އުފަން އަދި މިދިޔަ ޖޫން މަހުގެ ތެރޭގައި ނިޔާވި މުހައްމަދު އަލީގެ އަނބިކަނބަލުން ލާނީ އަދި އޭނާގެ ހަ ކުދިން ހިމެނެ އެވެ.
އީދު ފާހަގަކުރުމުގެ ގޮތުން ހާޒިރުވެ ތިބި މީހުންނާ ވާހަކަފުޅުދައްކަވަމުން އޮބާމާ ވިދާޅުވީ، މުސްލިމުންނަކީ އަބަދުވެސް އެމެރިކާގެ ބައެއް ކަމަށާއި އެކި ކަންކޮޅުތަކުގެ އެމެރިކާގެ މުސްލިމުން އެގައުމު ބިނާކުރުމުގައި އެހީތެރިވެފައިވާ ކަމަށެވެ. އަދި އެމެރިކާގެ މުސްލިމުންނަކީ ކޮންމެ ދުވަހެއް ވެސް ތަނަވަސްކޮށްދީ އުޖާލާ ކޮށްދޭ ބައެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ވައިޓް ހައުސް ގައި ފުރަތަމަ ފަހަރަށް ބޭއްވި އީދު ފާހަގަކުރުމުގައި ބައިވެރިވި މުސްލިމުންނާ މުހާތަބުކޮށް އޮބާމާ ވާހަކަފުޅުދައްކަވަނީ --- ފޮޓޯ/ އޭޕީ
"ދަނޑުވެރިން އަދި މާޗަންޓުނާއި ފެކްޓަރީތަކުގައި މަސައްކަތްކުރާ މީހުންނާއި އާކިޓެކްޗަރުން ނާއި ޓީޗަރުން އަދި ކޮމިއުނިޓީ ލީޑަރުންވީ ނަމަވެސް، އެމެރިކާ މުސްލިމުންނަކީ ކޮންމެ ދުވަހެއް ވެސް ތަނަވަސްކޮށްދޭ ބައެއް،" އޮބާމާ ވިދާޅުވި އެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި އެމެރިކާގެ މުސްލިމު ޑޮކްޓަރުންނާއި ވިޔަފާރިވެރިންނާއި އާޓިސްޓުންގެ އިތުރުން ބޮކްސިން ކުޅުންތެރިއާ އަލީ ފަދަ އެތުލީޓުން އެމެރިކާއަށް ކޮށްދީފައިވާ އަދި ކޮށްދެމުންދާ ކަންތައްތަކުގެ އަގު ވަނީ ވަޒަންކޮށްފަ އެވެ.
އަދި ވިދާޅުވީ، އެމެރިކާގެ މުސްލިމުންނާއި ހުރިހާ ރައްޔިތުންގެ ފަރާތުން ތަފާތު ކުރުން ނައްތާލަންޖެހޭ ކަމަށާއި އެމެރިކާގެ މުޖުތަމައުގައި އުޅޭއިރު އެގައުމުގެ މުސްލިމުން ކެތްތެރިވާންޖެހޭ ކަމަށެވެ.

ވައިޓް ހައުސް ގައި ފުރަތަމަ ފަހަރަށް ބޭއްވި އީދު ފާހަގަކުރުމުގައި ބައިވެރިވި މުސްލިމުންނާ އޮބާމާ ބައްދަލުކުރައްވާ ސަލާމް ކުރައްވަނީ --- ފޮޓޯ/ އޭޕީ
އެމެރިކާގެ މުސްލިމުންނަށް ދިމާވަމުންދާ އުނދަގޫތަކުގެ ވާހަކަތައް އޮބާމާ ދައްކަވަން ފެއްޓުމުން އެއްވެފައި ތިބި އެމެރިކާގެ މުސްލިމުން ވަނީ އިތުރު ހަތަރު އަހަރަކަށް އޮބާމާ ކުރިމަތިލެއްވުމަށް ގޮވާލާފަ އެވެ. ނަމަވެސް ހިނިފުޅުވަޑުވާލެއްވުމަށްފަހު އޮބާމާ ދެއްވީ ސަމާސާ ޖަވާބެކެވެ.
"މިޝޭލް ތިރިއަށް އައިސް ހަޅޭއްލަވައި ގަނެފާނެ. އެހެން ނުބުނޭ،" އޮބާމާ ވިދާޅުވި އެވެ. (ވޮއިސް އޮފް އެމެރިކާ)