23 Jul 2016, 09:00
މެންޗެސްޓާ ސިޓީގެ ކުޑަކުޑަ ސަޕޯޓަރަކަށް ''ސަޕްރައިޒެއް'' ދިނުމަށް އެ ކްލަބުގެ ކޯޗު ޕެޕް ގާޑިއޯލާ މިވަނީ އެކުއްޖާއާ ބައްދަލުކޮށްފައެވެ. ބްރޭޑޮން ނަމަކަށް ކިޔާ މި ކުޑަ ކުއްޖާއާ ގާޑިއޮލާ ބައްދަލުކުރުމުން އޭނާ ވަނީ ގާޑިއޮލާގެ ކިބައިން ވަރަށް ބޮޑުކަމަކު އެދިފައެވެ. އެ ސަޕޯޓަރު އެދުނީ ބާސެލޯނާގެ ތަރި ލިއޮނަލް މެސީ ސީޓީއަށް ގެނައުމަށެވެ.
ސިޓީގެ އޮފިޝަލް ޔޫޓިއުބް ޗެނަލްގައި އާންމުކޮށްފައިވާ އެ ވީޑިއޯ އިން ފެންނަ ގޮތުގައި ބްރޭޑޮން ޓެކްސީ އަކަށް އަރަނީ އޭނާ ހިތުން ސިޓީ ޓީވީގެ ޕްރެޒެންޓަރު ޗަޕީއާ ބައްދަލު ކުރަން ކަމަށެވެ. ނަމަވެސް ބްރޭޑޮން ޓެކްސީގެ ފަހަތު ސީޓަށް އެރިއިރު ކާރު ދުއްވަން މި އިނީ ޗަޕީއެވެ. އަދި ބްރޭޑޮންގެ އިންތިޒާރުގައި ފަހަތުގައި އިނީ ގާޑިއޯލާއެވެ.
އެ ވީޑިއޯއިން ފެންނަ ގޮތުން ބްރޭޑޮންއަށް ގާޑިއޯލާ ފެނުމާ އެކު އޭނާ ދަނީ އާޝޯޚުވެގެންނެވެ. އަދި ސީޓްގައި އިށީނުމަށްފަހު ގާޑިއޯލާ އޭނާގެ ސީޓްބެލްޓް އަޅައިދިނުމަށް ފަހު ދަތުރަށް ނައްޓާލައެވެ. ކާރު ދުއްވަމުން ދިޔަ އިރު އުމުރުން ހަތް އަހަރުގެ ބްރޭޑޮން އައީ ހުއްޓުމެއް ނެތި ގާޑިއޯލާއާ ތަފާތު އެކި ސުވާލުކޮށް ހިޔާލު ވެސް ދެމުންނެވެ.
އެގޮތުން ބްރޭޑޮންގެ ވާހަކަތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވުނީ ސިޓީއަށް މެސީ ގެނައުމަށް އެދި ދެއްކި ވާހަކައެވެ.
"އަހަރެންނަށް އިނގޭ މެސީ އެއީ ކަލޭގެ ރައްޓެއްސެއްކަން. ކީއްވާނީ އޭނާއަށް ގުޅާފަ މި ކްލަބަށް އަންނާށޭ ބުނަން،" ބްރޭޑޮން ބުންޏެވެ.
ހިނިގަނޑެއް ޖަހާލުމަށްފަހު ޖަވާބުގައި ގާޑިއޯލާ ބުނީ އެއީ ވަރަށް ފައްކާ ހިޔާލެއް ކަމަށާއި ނަމަވެސް މެސީ ގެނައުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ.
ބާސެލޯނާ އާއި ޖަރުމަނުގެ ބަޔާން މިއުނިކަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިނުމަށް ފަހު މިއަހަރުގެ ސީޒަނަށް ގާޑިއޯލާ ސިޓީއާ ގުޅި އިނގިރޭސިވިލާތުގައި ދިރިއުޅެމުން އަންނައިރު ބްރޭޑޮން ބުނީ، ސައެއްބޯލަންދާން ރައްޓެއްސަކު ނެތިގެން އުޅެން ޖެހޭ ފަހަރެއްގައި ނަމަ އެނާއަށް ދައުވަތު ދިނުމަށެވެ.