23 Jul 2016, 09:18
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ތައްޔާރުކުރި ދިވެހި ފިލްމު "ހާދަރު"، ރޭ ޝްވެކް ސިނަމާގައި ޕްރިމިއާ ކޮށްފި އެވެ.
ތިނެއް ނޮވެމްބަރުގައި ދިވެހިން ދުށް ނުރައްކާތެރި އުދުވާނީ ހަމަލާގައި އެކުލެވިގެންވާ އަސަރާއި ހިތްދަތިކަން އަދި ޖެހިލުން ކުޑަކަމާއި ގައުމީ ބަތަލުންގެ ގުރުބާނީތަކުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމު "ހާދަރު" ޝްވެކް ސިނަމާގައި ރޭ ޕްރިމިއާ ކޮށްދެއްވީ އެމްއެންޑީއެފްގެ ރިޓަޔާޑް ލެފްޓިނެންޓް ކާނަލް އިބްރާހިމް އަފްޒަލް އެވެ.
ހާދަރު ޝްވެކް ސިނަމާގައި އެޅުވުން -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ފިލްމު "ހާދަރު"ގެ އެއް ޕްރޮޑިއުސަރު އަދި ސިފްކޯގެ ސީއީއޯ ކެޕްޓަން ހައްވާ ޝެނިން ވިދާޅުވީ، އެ ފިލްމުގެ ހަތަރު ޝޯވ އެއް ޝްވެކް ސިނަމާގައި ދައްކަން ހަމަޖެހިފައި ވާއިރު، ހަތަރު ޝޯވގެ ޓިކެޓް ވެސް ވިކި ހުސްވެފައިވާ ކަމަށެވެ.
ނަމަވެސް އިތުރު ދުވަސްތަކެއްގައި އެ ފިލްމު ޝްވެކް ސިނަމާގައި އެޅުވުމަށް މަސައްކަތްކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ބިންމާ އިބްރާހިމްގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމު ''ހާދަރު'' އެންމެ ފުރަތަމަ ޕްރިމިއާ ކުރީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އޮލިމްޕަހުގަ އެވެ.
އޮލިމްޕަހާ އެއް ދުވަހެއްގައި އެ ފިލްމު ވަނީ ހދ. ކުޅުދުއްފުށި، ލ. ގަން، ލ. ފުނަދޫ، ސ. ހިތަދޫ، ސ. މަރަދޫ އަދި ޅ. ނައިފަރު ގައި ވެސް ޕްރިމިއާ ކޮށްފަ އެވެ.
ކެޕްޓަން ޝެނިން ވިދާޅުވީ، އޮލިމްޕަހުގައި ޖުމްލަ 10 ޝޯއެއް ދައްކަން ހަމަޖެހިފައިވާއިރު، މިހާތަނަށް އެޅުވި ހަ ޝޯވ ވެސް ހައުސް ފުލް ވެފައިވާ ކަމަށެވެ. އަދި މިހާތަނަށް އެޅުވި ރަށްތަކުން ވެސް ލިބެމުންދާ ތަރުހީބު ވަރަށް ރަނގަޅު ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ފިލްމު، "ހާދަރު" ރަށްރަށުގައި އަޅުވައިދިނުމަށް އެދި ރަށްތަކުން އެދެމުންދާ ކަމަށާއި އެގޮތުން ދުވަސްތައް ލިބޭ ވަރަކުން އިތުރު ރަށްތަކެއްގައި އެ ފިލްމު އަޅުވާނެ ކަމަށެވެ.
ޝްވެކް ސިނަމާގައި ރޭ ފިލްމު "ހާދަރު" ޕްރިމިއާ ކޮށްފައިވާއިރު، އަންނަ ހުކުރު ދުވަހު އދ. ދަނގެތީގައި އެ ފިލްމު ވަނީ ދައްކަން ނިންމާފަ އެވެ.
ސިފައިންގެ މޮޅު ޑްރާމާތައް ވެސް ޑައިރެކްޓު ކޮށްފައިވާ އައްސަރު ވަހީދު ޑައިރެކްޓްކޮށްފައިވާ ފިލްމު "ހާދަރު" ޝޫޓް ކޮށްފައިވަނީ ލ. އަތޮޅުގައެވެ. ޝޫޓިން އަށް ހަތަރު ވަރަކަށް މަސް ދުވަސް ވަނީ ހޭދަވެފަ އެވެ.
ހާދަރަކީ ސިފައިންގެ އެކުވެރި ސިފްކޯ ކުންފުނީގެ އެހީތެރިކަމާ އެކު އުފައްދާފައިވާ ފިލްމެކެވެ. އެ ފިލްމަށް ދައުލަތުގެ ބަޖެޓުން އެއްވެސް ފައިސާއެއް ހަރަދުކޮށްފައި ނުވާ އިރު، ފިލްމުގެ ސްޕޮންސަރުންގެ ތެރޭގައި އެސްޓީއޯ، އެލައިޑް އިންޝުއަރެންސް އަދި އުރީދޫ ހިމެނެ އެވެ.