22 Jul 2016, 21:35
ހުސްވެފައިވާ އިނގިރޭސި ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ސަންޑަލެންޑުގެ ކުރީގެ ކޯޗު ސޭމް އެލަޑައިސް ހަމަޖައްސައިފި އެވެ.
އިނގިރޭސި ގައުމީ ޓީމުގެ ކޯޗުގެ މަގާމު ހުސްވީ ޔުރޯ ފުޓްބޯޅަ މުބާރާތުގައި ކުޑަކުޑަ އައިސްލޭންޑް އަތުން 2-1ގެ ނަތީޖާ އަކުން އެ ޓިމު ބަލިވެ މުބާރާތުން ވަކިވި މެޗަށް ފަހު ކޯޗުކަމުން ރޮއީ ހޮޑްސަން އިސްތިއުފާ ދިނުމާއި ގުޅިގެންނެވެ.
އިނގިރޭސި ފުޓްބޯޅަ އިދާރާއިން މިއަދު އެ ގައުމުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް އެލަޑައިސް ހަމަޖައްސުމަށްފަހު އެފްއޭގެ ޗީފް އެގްސެކްޓިވް ވިދާޅުވީ މިހާރު ޓީމްއޮތް ހާލަތު އެންމެ ރަނގަޅަށް އެގޭނީ އެލަޑައިސް އަށް ކަމަށާއި އޭނޭއަށް އެޓީމް ރަނގަޅު ހިސާބަކަށް ގެންދެވޭނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ.
އިނގިރޭސި ކޯޗުކަމާއި އެލަޑައިސް ހަވާލުވުމުގެ ކުރިން އޭނާ ހުރީ ސަންޑަލޭންޑްގެ ކޯޗުގެ މަގާމުގައެވެ. އުމުރުން 61 އަހަރުގެ އެލަޑައިސް ވަނީ މީގެ ކުރިން ސަންޑާލޭންޑް އާއި ބޯލްޓަންގެ އިތުރުން ވެސްޓް ބްރޮމްވިޗް އަށް ޑިފެންޑަރެއްގެ ގޮތުގައި ކުޅެފައެވެ.
"މިއީ ސިއްރެއް ނޫން. އަހަރެން ވަރަށް ބޮޑަށް އެދިއެދި ހުރި ވަޒީފާއެއް މިއީ. އިނގިރޭސި ފުޓްބޯޅައަށް ތާރީހީ ދުވަހެއް. އަހަރެން މަސަތްކަތް ކޮށްދޭނީ އިނގިރޭސި ޓީމަށް ކާމިޔާބީ ހޯދައި ދީ މިގައުމުގެ ސަޕޯޓަރުން އެދޭފަދަ ނަތީޖާތަކެއް ނެރެދިނުމަށް،" މަގާމާ ހަވާލުވުމަށް ފަހު އެލަޑައިސް ބުންޏެވެ.
އެލަޑައިސް ވަނީ މީގެ ކުރިން އިނގިރޭސި ނުވަ ކްލަބަކަށް ކޯޗުކޮށްދީފަ އެވެ. އޭގެ ތެރޭގައި ނިއުކާސަލް ޔުނައިޓެޑާއި ބްލެކްބާން ރޯވާސްގެ އިތުރުން ވެސްޓް ހޭމް ޔުނައިޓެޑް ވެސް ހިމެނެ އެވެ. ނަމަވެސް އޭނާއަށް އެއްވެސް ކުލަބަކަށް ޓްރޮފީއެއް ހޯދައި ނުދެވޭކަން ފާހަގަކޮށްލެވެ އެވެ.
އެލަޑައިސްގެ އިރުޝާދުގެ ދަށުން އިނގިރޭސިން ދެން އެންމެ އަވަހަކަށް މެޗަކަށް ނުކުންނާނީ ސެޕްޓެމްބަރު މަހުހެ ހަތަރު ވަނަ ދުވަހު 2018ގެ ވޯލްޑްކަޕް ކޮލިފައިންގައި ސްލޮވާކިއާ ދެކޮޅަށް ނުކުންނަ މެޗަށެވެ. އެހެންކަމުން އެ މެޗަށް ތައްޔާރުވުމަށް އޭނާ އަށް މަހަކަށް ވުރެން ގިނަ ދުވަސް ލިބޭނެއެވެ.