22 Jul 2016, 20:51
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް ފުޓްސަލް އީދު ކަމަށްވާ ޔޭޔޭ އައިޑިއާސް ކަޕްގެ ކުޅުން ރަސްމީކޮށް އެފްއޭއެމްގެ ސީނިއާ ވައިސް ޕްރެޒިޑެންޓް މުހައްމަދު ކަލީމް ފައްޓަވައި ދެއްވައިފި އެވެ.
ކުޅިވަރު އެކުވެނި، ވެލިދަނޑުގައި މިދިޔަ ބުދަ ދުވަހު އެ މުބާރާތުގެ ކުޅުން ފެށި ނަމަވެސް ރަސްމީކޮށް އެ މުބާރާތް ފަށާފައި ވަނީ މިއަދު ހަވީރު އެވެ. މުބާރާތް ފެށުމުގެ ގޮތުން ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ކަލީމް ވަނީ ދެ ޓީމުގެ ކުޅުންތެރިންނާ ސަލާމް ކުރުމަށް ފަހު ޕެނަލްޓީއެއް ޖަހައި މުބާރާތުގެ ކުޅުން ރަސްމީކޮށް ފައްޓަވައިދެއްވި އެވެ.

ޔޭޔޭ އައިޑިއާސް ކަޕް ރަސްމީކޮށް ކަލީމް ފައްޓަވައި ދެއްވުމުގެ ގޮތުން ކަލީމް ޕެންލްޓީއެއް ފޮނުވާލަމީ --- ސަން ފޮޓޯ: ފަޔާޒް މޫސާ
މިއަދު ހަވީރު ވަނީ މުބާރާތުގެ ދެ މެޗު ކުރިއަށް ގެންގޮސްފަ އެވެ. ފުރަތަމަ މެޗު މޯލްޑިވްސް ޕޯޓް ލިމިޓެޑް (އެމްޕީއެލް) ކާމިޔާބް ކުރީ 8-1ގެ ނަތީޖާ އަކުން ރައީސް އޮފީސްގެ މައްޗަށް ކުރި ހޯދައިގެންނެވެ.
އެ މެޗުގައި އެމްޕީއެލްގެ ސިނާން އިބްރާހިމާއި ހުސައިން ނިހާން ވަނީ ކޮންމެ ކުޅުންތެރިއަކު ތިން ގޯލު ކާމިޔާބުކޮށް ހެޓްރިިކެއް ފުރިހަމަ ކޮށްފައެވެ. އެމްޕީއެލްގެ އަނެއް ގޯލު ކާމިޔާބު ކޮށްދިނީ އަހުމަދު ސިނާނެވެ.
ޔޭޔޭ އައިޑިއާސް ކަޕްގައި މިއަދު ހަވީރު އެމްޕީއެލް އާއި ރައީސް އޮފީސް ކުޅުނު މެޗުގެ ތެރެއިން --- ސަން ފޮޓޯ: ފަޔާޒް މޫސާ
ރައީސް އޮފީހަށް ސުން ކަނޑުވާލަ ދިން ގޯލު ކާމިޔާބް ކޮށްދިނީ އަހަމަދު ޝަމީމެވެ.
އެ މުބާރާތުގައި މިއަދު ހަވީރު ކުޅުނު ދެ ވަނަ މެޗު 5-0ގެ ނަތީޖާ އަކުން ކަސްޓަމްސް ވަނީ ހޯރަ ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދާފައެވެ.
ޔޭޔޭ އައިޑިއާސް ކަޕްގައި މިއަދު ހަވީރު ހޯރަ ޔުނައިޓެޑް އާއި ކަސްޓަމްސް ކުޅުނު މެޗުގެ ތެރެއިން --- ސަން ފޮޓޯ: ފަޔާޒް މޫސާ
ކަސްޓަމްސްގެ އިބްރާހިމް މަހްދީ އަހުމަދު ދެ ގޯލު ކާމިޔާބު ކޮށްދިން އިރު އަނެއް ތިން ގޯލު ކާމިޔާބް ކޮށްދިނީ ހުސެން ޝުއައިބާއި އަހުމަދު އަބްދުﷲގެ އިތުރުން ހުސެން ހަނީފެވެ.