22 Jul 2016, 19:46
މިދިޔަ ސީޒަނުގައި ބޯލްޓަން އަށް ކުޅުނު އިނގިރޭސި ޒުވާން ޑިފެންޑަރ ރޮބް ހޯލްޑިންގް އާސެނަލް އަށް ސޮއިކޮށްފި އެވެ.
އުމުރުން 20 އަހަރުގެ ރޮބް މިއަދު އާސެނަލްއާ ގުޅުނު އިރު އެ ކުލަބުން ބުނީ ރޮބް އެ ކުލަބާ ގުޅުނީ ދިގު މުއްދަތަކަށް ކަމަށާއި އެއީ އާސެނަލްގެ ކޯޗު އާސެން ވެންގާ ބޭނުންވާ ކަހަލަ ހުނަރުވެރި ކުޅުންތެރިއެއް ކަމަށެވެ.
އިނގިރޭސި ތިން ވަނަ ޑިވިޝަނުގެ ބޯލްޓަން އަށް ކުޅުނު ރޮބް ވަނީ މިދިޔަ ސީޒަނުގެ އެ ކުލަބަށް 30 މެޗު ކުޅެދީ ސީޒަނުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމު ވެސް ހޯދާފަ އެވެ. އަދި އޭނާ އަކީ 21 އަހަރުން ދަށުގެ އިނގިރޭސި ގައުމީ ޓީމްގައި ވެސް ހިމެނޭ މުހިއްމު ކުޅުންތެރިއެކެވެ.
"މިއީ އަހަރެން ކުޑައިރުން ފެށިގެން ވެސް ދެކެމުން އައި ހުވަފެނެއް. އާސެނަލް އަށް ކުޅެން ލިބުމުން މިހުރީ ވަރަށް އުފަލުން. މި ޓީމަކީ ޒުވާން ކުޅުންތެރިންނަށް ހުނަރު ދައްކާލުމަށް އެންމެ ބޮޑަށް ފުރުސަތު ދޭ ކުލަބު،" ރޮބް ބުންޏެވެ.