22 Jul 2016, 17:21
ރާއްޖޭގައި އެންމެ ގިނަ މީހުން ވަންނަ އޮންލައިން ނޫސް، ސަން އޮންލައިންގެ ޓުވިޓާ އެކައުންޓް ވެރިފައި ކޮށްފި އެވެ. ސަން އޮންލައިންގެ ޓްވިޓާ އެކައުންޓް ވެރިފައި ކޮށްފައިވަނީ މިއަދު އެވެ.
މަޝްހޫރު ސޯޝަލް މީޑިއާ ނެޓްވޯކް، ޓުވިޓާގައި 66،000 ވުރެ ގިނަ މީހުން ސަން އޮންލައިންގެ ޓްވިޓާ އެކައުންޓް ފޮލޯ ކުރެ އެވެ. ސޯޝަލް މީޑިއާގެ ވަސީލަތްތަކުގައި ސަންގެ ކިޔުންތެރިންނަށް ތާޒާ ހަބަރާއެކު ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ތަފާތު ކަންތައްތަކެއް ގެނެސްދިނުމުގައި "ސަން" އަބަދުވެސް ދެމި އޮންނާނެ އެވެ.
ދުނިޔޭގެ ވެބްސައިޓުތައް ރޭންކު ކުރާ "އެލެކްސާ" އިން ދައްކާ ގޮތުން ސަން އޮންލައިނަކީ ރާއްޖޭގެ އެންމެ ގިނަ ބަޔަކު ވަންނަ ވެބްސައިޓެވެ. ރާއްޖޭގެ އެއް ވަނަ ވެބްސައިޓުގެ މަގާމުގައި ވެސް އޮތް "ސަން"އަކީ 2009 ވަނަ އަހަރު އުފެދުނު މީޑިއާއެކެވެ.
ވޭތުވެދިޔަ ހަތް އަހަރު ދުވަހުގެ ތެރޭގައި "ސަން"އިން ވަނީ ރާއްޖޭގެ އޮންލައިން މީޑިއާގައި އާ ކަންތައްތަކެއް ތައާރަފް ކޮށްފަ އެވެ. މުހިއްމު ރަސްމިއްޔާތުތަކާއި މުޒާހަރާތައް ރާއްޖޭގައި ފުރަތަމަ ފަހަރަށް 2011 ވަނަ އަހަރުން ފެށިގެން ލައިވް ސްޓްރީމް ކުރަން ފެށީ "ސަން" އިންނެވެ. ރާއްޖޭގެ މީޑިއާއަކުން ފުރަތަމަ ފަހަރަށް ނެރުނު އައިފޯން އެޕްލިކޭޝަން ނެރުނީ "ސަން" އިންނެވެ. އެސްއެމްއެސް މެދުވެރިކޮށް ޚަބަރު ސުރުހީ މޯބައިލްފޯނުތަކަށް ފޮނުވަން ފެށީ ވެސް "ސަން"އިންނެނެވެ.
ސޯޝަލް މީޑިއާގައި "ސަން"އަކީ މަގުބޫލް ނޫހެކެވެ. ރާއްޖޭގެ މީޑިއާތަކުގެ ތެރެއިން ފޭސްބުކްގައި އެންމެ ގިނަ ލައިކްސް ލިބިފައި ވަނީ ސަންއަށެވެ.
އަބަދުވެސް "ސަން" މަަސައްކަތް ކުރާނީ ނޫސްވެރިކަމުގެ އާ އުފެއްދުންތަކުގެ ތެރެއިން ކިޔުންތެރިންނަށް ފަސޭހަކޮށް ހަބަރާއި މައުލޫމާތު ގެނެސްދިނުމަށެވެ.