22 Jul 2016, 16:20
ޕުޓްރާޖަޔާ (ޖުލައި 22): މާޗް 2014ގައި ގެއްލުނު މެލޭޝިއަން އެއާލައިންސްގެ ފްލައިޓް 370 ހޯދުމުގެ މަސައްކަތް ހުއްޓާލަން ނިންމާފައިވާ ކަމަށް ބޯޓު ހޯދުމުގައި ހަރަކާތްތެރިވާ ތިން ގައުމުގެ މިނިސްޓަރުން ވިދާޅުވެއްޖެ އެވެ.
މެލޭޝިއާ، އޮސްޓްރޭލިއާ އަދި ޗައިނާއިން ގުޅިގެން ބޯޓު ހޯދުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލަން ނިންމާފައި ވަނީ އިންޑިއާ ކަނޑުން މިހާރު ބަލަމުންދާ ސަރަހައްދު ނިމުމުން ކަމަށް މެލޭޝިއާގެ ޓްރާންސްޕޯޓު މިނިސްޓަރު ލިއޯ ޓިއޮންގް ލައި ވިދާޅުވި އެވެ.
"[ބޯޓު އެސަރަހައްދުގައިވާ ކަމުގެ] އާ ހެއްކެއް ނުފެނުމުގެ ސަބަބުން އެސަރަހައްދު ބަލާ ނިމުމުން ބޯޓު ހޯދުމުގެ މަސައްކަތް ހުއްޓާލަން މެލޭޝިއާ، އޮސްޓްރޭލިއާ އަދި ޗައިނާއިން ވަނީ ނިންމާފަ،" މިނިސްޓަރު ޓިއޮންގް ލައި ވިދާޅުވި އެވެ.
މީގެ އިތުރުން މިނިސްޓަރު ވަނީ އެމަސައްކަތް ހުއްޓާލުމަކީ ބޯޓު ހޯދުމުގެ މަސައްކަތް އެއްކޮށް ނިންމާލުން ނޫން ކަމަށް ވިދާޅުވެފަ އެވެ. އަދި ކުރިއަށް އޮތް ތަނުގައި ބޯޓު ވެއްޓިފައިވާ ކަމަށް ބެލެވޭ ސަރަހައްދަކާ ބެހޭ ގޮތުން އިތުބާރު ހިފޭ މައުލޫމާތު ލިބިއްޖެ ނަމަ ބޯޓު ހޯދުމުގެ މަސައްކަތް ފެށުމަކީ އެކަށީގެންވާ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ނަމަވެސް ބޯޓު ފެނުމުގެ ފުރުސަތު ކުޑަ ވަމުންދާ ކަމަށްވެސް ތިން މިނިސްޓަރުންގެ ފަރާތުން ދެއްވި ބަޔާނުގައިވެ އެވެ.
ބޯއިން 777 މަރުކާގެ އެބޯޓު ގެއްލިފައި ވަނީ ކުއަލަލަމްޕޫރުން ބެއިޖިންއަށް 239 މީހުންނާއެކު ދަތުރު ކުރަމުން ދަނިކޮށެވެ. (އޭޕީ)