މެދުއިރުމަތީ ހަލާކުކޮށްލީ އެމެރިކާ ކަމަށް އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަކުރުމުގެ ޓިކެޓް ލިބިވަޑައިގެންފައިވާ ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަކުރުމުގެ ޓިކެޓް ޓްރަމްޕަށް ދިނުމަށް އެޕާޓީން ބޭއްވި ހަތަރު ދުވަހުގެ ކޮންގްރެސް ނިންމާލުމުގެ ޖަލްސާގައި އެޓިކެޓް ގަބޫލުކުރެއްވިކަން ހާމަކުރައްވައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ މެދުއިރުމަތީގެ ގައުމުތައް ހަލާކުވީ އެމެރިކާ އެގައުމުތަކަށް ޑިމޮކްރަސީ ގެނަސް އަލުން ބިނާކުރުމުގެ ނަމުގައި އެގައުމުތަކާ ހަނގުރާމަކޮށްގެންނާއި ހަމަލާދީގެން އެގައުމުތަކުގެ ވެރިކަމުގެ ނިޒާމުތައް ބަދަލުކުރުމުގެ ނަތީޖާއެއްގެ ގޮތުން ކަމަށެވެ.

އިރާގާއި ލީބިޔާއަށް ކުރިމަތިވެފައިވާ ހާލަތު އެކަމުގެ ހެއްކަކަށް ފުދޭކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ. އެމެރިކާގެ ރިޔާސީ ރޭހުގައި ޓްރަމްޕާ ވާދަކުރައްވާނެ ކަމަށްބެލެވޭ ހިލަރީ ކްލިންޓަނަށް ބަހުގެ ހަމަލާތައް ދެއްވަމުން ޓްރަމްޕް ވިދާޅުވީ ހިލަރީއަކީ މެދުއިރުމަތީގެ ގައުމުތައް ހަލާކުކޮށްލުމުގައި ބައިވެރިވި ބޭފުޅެއްކަމަށާ އެކަމަނާގެ ވިސްނުން އަދިވެސް ހުންނާނީ އެގޮތަށް ކަމުގައެވެ.

ޓްރަމްޕްގެ ކަނާތްފަރާތުގައި އޭނާގެ އަނބިކަނބަލުން

ޓްރަމްޕް ވިދާޅުވީ އޭނާގެ ވެރިކަމުގައި ހަނގުރާމަކޮށްގެންނާއި އަސްކަރީ ހަމަލާދީގެން ގައުމުތަކުގެ ވެރިކަން ބަދަލުކުރުމަށް މަސައްކަތް އެއްވެސް ވަރަކަށް ނުކުރާނެ ކަމަށާއި އެކަމުގެ ސަބަބުން ޚުދު އެމެރިކާ ސިފައިންގެ އެތަށް ސަތޭކަ ބަޔަކު މަރުވެ އެމެރިކާއަށް ޓެރަރިޒަމްގެ ބިރު ކުރިމަތިވެފައިވާ ކަމަށެވެ. އެމެރިކާގެ ބައެއްމީހުން ހަރުކަށި ބޭފުޅެއްކަމަށް ސިފަކުރައްވާ ޓްރަމްޕް ވިދާޅުވީ އޭނާގެ ވެރިކަމެއްގައި މަސައްކަތް ކުރައްވާނީ އެމެރިކާގެ އެތެރޭގެ ކަންކަން އިސްލާޙްކޮށް ރަނގަނޅު ކުރުމަށް ކަމަށާއި ބޭރުގައުމުތަކުގެ ކަންކަމުގެ ތެރެއަށް ވަނުމަށް ޒަމާނުއްސުރެ އެމެރިކާ ގެންގުޅޭ ސިޔާސަތުތަކުގެ ސަބަބުން އެމެރިކާގެ އެތެރޭގެ ކަންކަން ވަރަށް ބޮޑަށް ބޮއްސުންލާފައިވާ ކަމަށެވެ.

އެމެރިކާއަށް ޣައިރު ގާނޫނީ ގޮތުން ހިޖްރަކުރާމީހުންނާއި ވިސާ ހަމަވެގެންވެސް އެމެރިކާއިން ނުނުކުމެތިބޭ ބޭރުމީހުންގެ އަދަދު އެތަށް މިލިޔަނަކުން ގުނާލެވޭއިރު އެމެރިކާގެ ސަރުކާރު ތަކުން ވަނީ އެކަންކަމުގައި ވަރަށް ބޮޑަށް އިހުމާލުވެފައި ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. އަދި އެމެރިކާގައި ޖަރީމާތައް އިތުވެ ހަރުކަށި އަމަލުތައް ގިނަވެފައިވާއިރު އެމެރިކާގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބިރުއޮތީ ބޭރުންނޫންކަމާއި އެތެރޭންކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕަކީ މުސްލިމުން އެމެރިކާއަށް ވަނުން މަނާކުރުމަށް ގޮވާލެއްވުމުގެ ސަބަބުން ހަރުކަށި މީހެއްގެ ގޮތުގައި ލޭބަލް ކުރެވިފައިވޭ ބޭފުޅެކެވެ. ނަމަވެސް މުސްލިމުން އެމެރިކާއަށް ވަނުން މަނާނުކުރިނަމަވެސް އެމެރިކާގެ އެހެން ރައީސުންވަނީ އިސްލާމީ ގައުމުތަކަށް ބިރުދެއްކުމާއި އަސްކަރީގޮތުން އަރައިގަނެ ވެރިކަން ބަދަލުކުރުމާއި ހަނގުރާމަކޮށްގެންނާއި ޑްރޯން ހަމަލާތައް ދީގެން އެގައުމުތަކުގެ އެތަށް ލައްކަ ބަޔަކު މެރުންފަދަ ޖަރީމާތައް މުސްލިމުންނާ ދެކޮޅަށް ހިންގަވާފައެވެ.

މުސްލިމުންގެ އެތަށް ލައްކަ ބަޔަކު މަރާލުމުގެ ޒިންމާ އުފުއްލަވަންޖެހޭ ހަރުކަށި ދެބަފައިން ކަމަށްވާ ބައްޕަ ޖޯޖް ބުޝް އާއި ދަރި ޖޯޖް ޑަބްލިއު ބުޝް

ޓްރަޕް، ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓްކަމަށް ރަސްމީކޮށް ހަމަޖެއްސި ޖަލްސާއަށް އެޕާޓީގެ ހަރުކުލައިގެ ނުފޫޒުގަދަ ބޭފުޅުން ހާޒިރުވެ ވަޑައެއް ނުގަންނަވައެވެ. މީގެތެރޭގައި އެމެރިކާގެ ކުރީގެ ދެރައީސުންކަމަށްވާ ޖޯޖް ބުޝްއާއި އޭނާގެ ހައްދު ފަހަނަޅާފައިވާ ދަރިކަލުން ޖޯޖް ޑަބްލިޔު ބުޝް ހިމެނިވަޑައިގަންނަވައެވެ. ހައްދު ފަހަނަޅާފައިވާ ޖޯޖް ޑަބްލިޔު ބުޝްއަކީ މިޒަމާނުގެ ހިޓްލަރުގެ ގޮތުގައި މުސްލިމުންގެ ގިނަ ބަޔަކު ތުހުމަތުކުރާ ހަރުކަށި ބޭފުޅެކެވެ.

އޭނާގެ ވެރިކަމުގައި އެމެރިކާވަނީ އަފްޣާނިސްތާނަށާއި އިރާގަށް އަރައިގަނެ އެދެގައުމުގެ ވެރިކަން ގަދަބާރުން ބަދަލުކޮށް އެގައުމުން މިލިއަނެއްހާ މީހުން މަރާފައެވެ. އަދި ބުޝް ވެރިކަމުގައި ހުންނެވި 8 އަހަރު އީރާނަށްވެސް ހަމަލާދޭނެކަމުގެ ބިރުވެސް އެމެރިކާ ނުދައްކާ އެންމެ ދުވަހެއްވެސް ނުދެއެވެ. މިހުރިހާ ޖަރީމާތަކަކާއެކުވެސް ބުޝްގެ މައްޗަށް ޝަރީއަތް ހިންގޭނެ ގޮތެއްނެތެވެ. އޭނާ ގެ ޝިކާރައަކަށްވި އެތަށް ލައްކަ ބަޔަކަށް އިންސާފު ލިބޭނެ ގޮތެއް ނެތެވެ. ބުޝްއަށް އެމެރިކާގެ ތެރެއިންވެސް އަދި ބައިނަލްއަގްވާމީ ގޮތުންވެސް އެއްވެސް އަދަބެއް ދެވިފައެއް ނުވެއެވެ.

އޮބާމާގެ ވެރިކަމުގައިވެސް ޓެރަރިޒަމާ ހަނގުރާމަ ކުރުމުގެ ނަމުގައި ޕާކިސްތާނާއި އަފްޣާނިސްތާނާއި ޔަމަނަށް ޑްރޯން ހަމަލާތައްދީ އެގައުމު ތަކުގެ އާންމުންގެ އެތަށްހާސްބަޔަކު މަރާލާފައިވެއެވެ. އަދި ސޫރިޔާއާއި ލީބިޔާގެ ވެރިކަން އިދިކޮޅު ފަރާތްތަކަށް ހަތިޔާރުދީގެން ބަދަލުކޮށްލުމުގެ ހަރުކަށި އަމަލުތައްވެސް ހިންގަވާފައިވަނީ އޮބާމާގެ ވެރިކަމުގައެވެ. ނަމަވެސް އޮބާމާވަނީ އިރާގާއި އަފްޣާނިސްތާނަށް ބުޝްގެ ވެރިކަމުގައި ފޮނުވި އެމެރިކާގެ ލަޝްކަރުތައް ބާލާފައެވެ.

އެމެރިކާގެ ހަރުކުލައިގެ މީހުންގެ ނަޒަރުގައާއި ޔޫރަޕްގެ ލީޑަރުންގެ ނަޒަރުގައި ޓްރަމްޕް ހަރުކަށި ބޭފުޅަކަށްވީ އެމެރިކާއަށް މުސްލިމުން އެރުން މަނާކުރާނެ ކަމަށް ޓްރަމްޕް ވިދާޅުވެގެނެއް ނޫނެވެ. އެބޭފުޅުންގެ ނަޒަރުގައި ޓްރަމްޕް މޮޔައަކަށްވެސްވީ އަދި ހަރުކަށި މީހަކަށްވެސްވީ ޓްރަމްޕްގެ ވެރިކަމެއްގައި ނޭޓޯއަށް މާބޮޑަށް އަޅާނުލައްވާނެ ކަމާއި ޖަޕާނާއި ޖަރުމަނާއި ދެކުނު ކޮރެޔާފަދަ ގައުމުތަކުގައިވާ އެމެރިކާގެ ބާރުތައް އަނބުރައި އެމެރިކާއަށް ގެންނާނެ ކަމަށް ވިދާޅުވި ވިދާޅުވުމާ ގުޅިގެންނެވެ. މިއީ ޒަމާނުއްސުރެ ދުނިޔެއަށް އަތްގަދަކުރުމަށް އެމެރިކާ ހިންގާ އިންޕީރިއަލިސްޓް ހަރަކާތްތައް ހީނަރުވެގެންދާނެ ކަމެއްކަމަށްވާތީ އެބޭފުޅުންގެ ނަޒަރުގައި ޓްރަމްޕް، ހަރުކަށި ބޭފުޅަކަށްވީ ކަމަށް، ޓްރަމްޕަށް ތާއީދުކުރާ ފަރާތްތަކުން ދެކެއެވެ.

ޓްރަމްޕްގެ ސަޕޯޓަރުން

ޓްރަމްޕަށް ތާއީދުކުރަނީ އެމެރިކާގެ ގައުމީ ވިސްނުމުގެ ޒުވާނުންނެވެ. އެމެރިކާގެ ރައްޔިތުންނަށް އެމެރިކާގެ އެތެރެއިން މިއަށްވުރެ ތަނަވަސް އަދި ފަހި މުސްތަގްބަލެއް ހައްގުވާނެ ކަމަށްދެކޭ ޒުވާނުންނެވެ. ޓްރަމްޕަކީވެސް ޖޯޖް ޑަބްލިޔު ބުޝްފަދަ ކަނާތުފިޔައިގެ ގައުމީވިސްނުގެ ލީޑަރެކެވެ. ނަމަވެސް ތަފާތަކީ ޓްރަމްޕަކީ އެމެރިކާގެ އެތެރެވަރުގަދަ ކުރުމާއި ބޭރުގައުމުތަކުގެ ކަންކަމުގެ ތެރެއަށް އެމެރިކާ ވަންނަމިންވަރު ކުޑަކުރުމުގެ ވިސްނުމުގެ ބޭފުޅަކަށްވުމެވެ. އެމެރިކާގެ އެހެން ލީޑަރުންނަކީ އެމެރިކާގެ އެތެރެވަރުގަދަ ކުރުމަށްވުރެ ބޮޑަށް ބޭރުގައުމުތަކުގެ ކަންކަމުގެ ތެރެއަށް އެމެރިކާ ވަދެ ދުނިޔެއަށް އަތްގަދަކުރުމަށް އިސްކަން ދެއްވާ ފަރާތްތަކަށްވުމެވެ.

އެފަދަ (ބުޝްފަދަ) ބޭފުޅުން އެމެރިކާއަށް މުސްލިމުން ވަނުން މަނާނުކުރެއްވިނަމަވެސް އެމެރިކާއަށް ދެވޭ ކޮންމެ ޓެރަރިސްޓް ހަމަލާއަކާ ގުޅިގެން އެމެރިކާގެ އެތެރޭގެ މުސްލިމުންނަށް ބިރުދެއްކުމާއި ގޯނާކުރުމުގެ އަމަލުތައް ހިންގަވާފައިވެއެވެ. އަދި އިސްލާމީ ގައުމުތަކަށް އިސްވެ ހަމަލާދީ ކުށެއްނެތް އެތަށް މުސްލިމުންނެއް މަރާފައިވެއެވެ.

ޓްރަމްޕަކީ ހަރުކަށި ބޭފުޅެކެވެ. އެއީ ޝައްކެތްވެސް އޮތްކަމެއްނޫނެވެ. އޭނާއަކީ މުސްލިމުންދެކެ ނަފްރަތު ކުރައްވާ ބޭފުޅެކެވެ. ނަމަވެސް އޭނާއަށް ފާޑުވިދާޅުވާ އެމެރިކާގެ އެެހެން ލީޑަރުންނަކީވެސް އެމެރިކާގެ އެތެރޭގެ މުސްލިމުންނާމެދުވެސް ހަރުކަށިކަން ވަކި ކުޑަބައެއް ނޫނެވެ. އަދި މުސްލިމުން ދެކެ ނަފްރަތު ނުވާ ބޭފުޅުންނެއް ނޫނެވެ. އެމެރިކާގެ އެހެން ލީޑަރުން ގެ ނުރައްކާ އިސްލާމީ ދުނިޔެއަށް ބޮޑުކަން ވަނީ ހާމަވެގެން ގޮސްފައެވެ. ޓްރަމްޕަށް ތާއީދުކުރާ ފަރާތްތައް ދެކޭގޮތުގައި ޓްރަމްޕަކީ އެހެން ލީޑަރުންނާ ޚިލާފަށް އޭނާ ދެކޭގޮތާއި ބޭނުންވާގޮތް ފާޅުގައި ވިދާޅުވާ ބޭފުޅެކެވެ. ނަމަވެސް ޓްރަމްޕާ ވާދަވެރި ހިލަރީ ކްލިންޓަން ފަދަ ބޭފުޅުންނަކީ ވަކިގޮތަކަށް ވާހަކަދައްކަވާފައި އެއާ ތަފާތުގޮތަކަށް އަމަލު ކުރައްވާ ލީޑަރުންނެވެ.

ޓްރަމްޕާއި އެމެރިކާގެ އެހެން ލީޑަރުންގެ ތަފާތަކީ ޓްރަމްޕް އެމެރިކާގެ އެތެރެ އިސްލާޙް ކުރުމަށް އިސްކަން ދެއްވުންކަމަށް ޓްރަމްޕަށް ތާއީދުކުރާ ފަރާތްތަކުން ދެކެއެވެ. (ނޫސްއެޖެންސީތައް)