24 May 2011, 09:01
ޢަންމާން : ޢިރާޤާ ދެކޮޅަށް އެމެރިކާއާއި އިނގިރޭސިވިލާތުން ފެށި ޢުދުވާނީ ހަނގުރާމައަށް އެދެޤައުމުގެ ކިބައިން ބަދަލު ހޯދުމަށް ގޮވާލައި ޢިރާޤުގެ ކަމުވޮށިގެންވާ ފަރާތްތަކުން ފުރަތަމަ ފަހަރަށް ވާހަކަ ދައްކައިފިއެވެ.
މިކަމާބެހޭގޮތުން އުރުދުންގެ ވެރިރަށް ޢަންމާންގައި އިއްޔެ ފެށި ސިންޕޯޒިޔަމެއްގައި ޢިރާޤުގެ ސަރުކާރުގެ އިސްބައެއް މަސްއޫލުވެރިންނާއި ސިޔާސީ ފަރާތްތަކާއި އެކަޑަމިކުންނާއި ރީސާޗަރުންނާއި ޢަސްކަރީ ތަޖްރިބާކާރުންނާއި ޕާލަމެންޓްގެ ބައެއް މެންބަރުން ބައިވެރިވިއެވެ. ޢިރާޤުގެ ކަމުވޮށިގެންވާ މިފަރާތްތަކުން ބުނީ 2003 ވަނަ އަހަރު އިރާޤާ ދެކޮޅަށް އެމެރިކާއާއި އިނގިރޭސިވިލާތުން ހަނގުރާމަފެށީ ބޮޑެތި ދޮގުތަކެއް ހެދުމަށްފަހު އދ. ގެ ސަލާމަތީ މަޖިލީހުގެ ހުއްދައަކާނުލައި ކަމަށްވާތީ މިހަނގުރާމައިގާ ޢިރާޤަށް ލިބުނު ގެއްލުންތަކުގެ ބަދަލު ހޯދުމަށް އެމެރިކާގެ ކިބައިން އެދެވޭނެ ކަމަށާ އަދި ބަދަލުދޭން އާޚިރުގައި އެމެރިކާއަށް މަޖްބޫރުވެސް ވާނެ ކަމުގައެވެ.
ނަމަވެސް އެމެރިކާގެ ކިބައިން ބަދަލުހޯދުމަށް ޢިރާޤުގެ ސަރުކާރަށް އެދެވޭނީ ޢިރާޤު ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަމާއި ވަޙްދަތު ޤާއިމްކޮށް އިރާޤުގެ ޙާލަތު ހަމައަކަށް އެޅުމުން ކަމަށް މިފަރާތްތަކުން ދެކެއެވެ.
ޢިރާޤާ ދެކޮޅަށް އެމެރިކާއާއި އިނގިރޭސީން ފެށި ހަނގުރާމައިގާ މުޅި އިރާޤު ވަނީ ހަލާކުކޮށް ފުނޑުފުނޑުކޮށް ސުންނާފަތި ކޮށްލާފައެވެ. މިހަނގުރާމައިގާ ޢިރާޤުގެ ތިންލައްކައަށްވުރެ ގިނަޢާންމުން މަރާލެވި އެތަށްލައްކަބަޔަކު ޒަޚަމްކޮށްލާފައިވާއިރު އެމެރިކާއާއި އިނގިރޭސި ސިފައިންގެ ޙަމަލާތަކުގައި މަރުވި ޢިރާޤުގެ ޢާންމުންގެ ޢަދަދުވެސް ލައްކައަކަށް އަރާކަމަށް މިކަމާބެހޭގޮތުން ހުޅަނގުގެ މުސްތަޤިއްލު މުއައްސަސާތަކުން ނެރެފައިވާ ތަފާސްހިސާބުތައް ބުނެއެވެ.
މީގެއިތުރުން ޢިރާޤުގެ އަބޫޣުރައިބު ޖަލާއި އެނޫންޖަލުތަކުގައި އެމެރިކާ ސިފައިން ޢިރާޤު ރައްޔިތުންނާ ދެކޮޅަށް ހިންގާފައިވާ އިންސާނިއްޔަތާ ޚިލާފު ޢަމަލުތަކާއި ޢިރާޤުގެ ގޭގެއަށް ރޭގަނޑުދަންވަރު އެމެރިކާ ސިފައިން ވަދެ އަންހެނުން ރޭޕްކޮށް ގޭގޭގައި ހުޅުޖަހައި ޢާއިލާތައް ދިރިތިއްބައި އެންދުންފަދަ އެމެރިކާ ސިފައިން ހިންގާފައިވާ ޖަރީމާތަކަކީ އެމެރިކާގެ އިސްވެރިން ބައިނަލްއަޤްވާމީ ޖިނާއީ ކޯޓަށް ހާޒިރު ކުރަންޖެހޭފަދަ ހަނގުރާމައިގެ ޖަރީމާތައް ކަމަށްވެސް ޤާނޫނީ ތަޖްރިބާކާރުން ދެކެއެެވެ.
އެމެރިކާއާއި އިނގިރޭސީން ފެށި މި ހަނގުރާމައަށްފަހު ޢިރާޤުވަނީ ޓެރަރިޒަމްގެ ހާއްޔަކަށް ބަދަލުކޮށް ބޮންގޮއްވުމާއި މީހުން މެރުން ޢިރާޤުގައިވަނީ ޢާންމުކޮށްފައެވެ. ޤާނޫނީ ފަރާތްތަކުން ދެކޭގޮތުގައި، އެމެރިކާއާއި އިނގިރޭސީން ޢިރާޤުގައި ފެށި ހަނގުރާމައަށްފަހު ޢިރާޤުގައި ހިނގަމުންދާ ބޮންގޮއްވުމާއި ޖާނުގޮއްވާލުމުގެ ޓެރަރިޒަމްގެ ހަމަލާތަކުން ޢިރާޤަށް ލިބެމުންދާ ގެއްލުންތަކުގެ ޒިންމާވެސް ޤާނޫނީ ގޮތުން އުފުލަންޖެހޭނީ އެދެޤައުންނެވެ.
1970 އިގެ ކުރީކޮޅު ވިއެޓްނާމާ ދެކޮޅަށް އެމެރިކާ ކުރި ހަނގުރާމައިގެ ބަދަލުވެސް އެމެރިކާ މިހާރުވަނީ ވިއެޓްނާމްގެ ރައްޔިތުންނަށް ދައްކަން ޖެހިފައެވެ. ނަމަވެސް އެމެރިކާ އަދިވެސް މިކަމާދެކޮޅުހަދައި ތަފާތު ބަހަނާތައް ދައްކަމުން ގެންދެއެވެ.
ޢިރާޤުގެ ޕާލަމެންޓް މެންބަރެއް ކަމަށްވާ ޙުސައިނުލްފައްލޫޖީ ވިދާޅުވިގޮތުގައި ޢިރާޤާ ދެކޮޅަށް އެމެރިކާއާއި އިނގިރޭސީން ފަށާފައިވަނީ ބައިނަލްއަޤްވާމީ ގޮތުންެވެސް ޣައިރު ޤާނޫނީ ހަނގުރާމައެއް ކަމަށްވާތީ އެދެޤައުމުގެ ކިބައިން ހަނގުރާމައިގެ ބަދަލު ހޯދުމުގެ ޙައްޤު ބައިނަލްއަޤްވާމީ ޤާނޫނުގައި ވަރަށް ފާޅުކަން ބޮޑުގޮތެއްގައި ޢިރާޤަށް ލިބިދެއެވެ.
ނަމަވެސް މިކަމަށް އެދި މަސައްކަތްކުރުމުގެ ފުރްސަތު ޢިރާޤަށް ލިބޭނީ މިއަހަރު ނިމޭއިރު އެމެރިކާ ސިފައިން ޢިރާޤުން ފާބައި އެމެރިކާގެ އަޅުވެތިކަމާއި އިސްތިޢްމާރުން ޢިރާޤު މިނިވަންވުމުން ކަމަށް އޭނާ ވިދާޅުވިއެވެ.
މިސިންޕޯޒިޔަމްގައި ވާހަކަ ދެއްކެވި ޢިރާޤުގެ ބައެއް ތަޖްރިބާކާރުން ދެކެވަޑައިގަންނަވާ ގޮތުގައި ބަދަލު ހޯދުމަށް ބައިނަލްްއަޤްވާމީ ކޯޓަށް ދިޔުމުގެ ކުރިން ޢިރާޤުގައި ސުލްޙަ ޤާއިމްވެ ރައްޔިތުން އެއްގަލަކަށް އަރައި ރައްޔިތުންގެ ބާރުގަދަ ސަރުކާރެއް ޢިރާޤުގައި އުފެދެންޖެހޭނެއެވެ. އަދި އެމެރިކާއާއި އިނގިރޭސީން ފެށި ޢުދުވާނީ ހަނގުރާމައިގާ ޢިރާޤަށް ލިބިފައިވާ ގެއްލުންތައް ވެސް ރަނގަޅަށް ބަލައި އަންދާޒާކޮށް އެދެޤައުމު ޢިރާޤަށް ދޭންޖެހޭ ބަދަލުގެ މިންވަރުވެސް ސާފުވާންޖެހޭނެއެވެ.
އެމެރިކާއާއި އިނގިރޭސިވިލާތުން ޢިރާޤަށް ލިބެންޖެހޭ ހަނގުރާމައިގެ ބަދަލުގެ މިންވަރު 1.5 ޓްރިލިޔަން އެމެރިކާ ޑޮލަރަށްވުރެ މަތިވާނެ ކަމަށް ޢިރާޤުގެ ފަންނީ ބައެއް ތަޖްރިކާރުން އަންދާޒާ ކުރައްވައެވެ. (އަލްޖަޒީރާ+ނޫސްއެޖެންސީތައް)