ސްޕެއިނުގެ ވެލެންސިއާ އަށް ކުޅެމުން އަންނަ ޕޯޗުގަލް މިޑްފީލްޑަރު އަންދްރޭ ގޯމޭސް ގަންނަން ބާސެލޯނާ އިން އެއްބަސްވުމަކަށް އަތުވެއްޖެ އެވެ.

ބާސެލޯނާއިން ބުނި ގޮތުގައި އުމުރުން 22 އަހަރުގެ ގޯމޭސް ވެލެންސިއާ އިން ގެނައުމަށް މިހާރު ވަނީ އެއްބަސް ވުމަކަށް އައިސްފައި ކަމަށާއި ކުރިއަށް އޮތް ހަފްތާތެރޭގައި އޭނާ ބާސެލޯނާއަށް ސޮއި ކުރާނެ ކަމަށެވެ.

ބާސެލޯނާ އަށް ގޯމޭސް ގުޅޭނެ ކަން އެ ކުލަބުން ހާމަކުރި ނަމެވެސް އޭނާ ވެލެންސިއާއިން ގެނައިއީ ކިހާވަރަކަށް ކަމެއް ހާމަކޮށްފައެއް ނުވެއެވެ. ރިޕޯޓްތައް ބުނާ ގޮތުން ގޯމޭސް ބާސެލޯނާއާ ގުޅުނީ ހަތަރު އަހަރުގެ އެއްބަސްވުމެއްގެ ދަށުން 45 މިލިއަން ޕައުންޑުގެ އަގަކަށެވެ.

ޕޯޗުގަލްގެ ބެނެފީކާއިން ވިދާލި ގޯމޭސް ވަނީ 2012 ވަނަ އަހަރު ވެލެންސިއާ އަށް ބަދަލުވެ އެ ޓީމަށް ކުޅެދުން 77 މެޗުގައި ނުވަ ގޯލު ކާމިޔާބު ކޮށްދީފައެވެ. އަދި ޕޯޗުގަލް އިން މި އަހަރުގެ ޔުރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރިއިރު އެ ޓީމްގައި ވެސް ގޯމޭސް ހިމެނެއެވެ.

ގޯމޭސް އެ ޓީމާއި ގުޅިފައިވާ އިރު މިއީ ކުރިއަށް އޮތް ސީޒަނަށް ބާސެލޯނާއިން ގެނައި ހަތަރު ވަނަ ކުޅުންތެރިއާއެވެ. އަނެއް ތިން ކުޅުންތެރިންނަކީ ސްޕެއިނުގެ މިޑްފީލްޑަރު ޑެނިސް ސުއަރޭޒާއި ފްރާންސުގެ ޑިފެންޑަރު ސެމުއެލް އުމްޓިޓީ އަދި ލޫކާސް ޑިގްނޭ އެވެ.