އިދިކޮޅު ފަރާތްތަކުން އިސްލާމީ މަރުކަޒުގެ ގޯތިތެރޭގައި ދުއާ ކުރަމުން ދަނިކޮށް އެކަން ހުއްޓުވައި، ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަސްއަދު އަލީ (އަޑުބަރޭ) ހައްޔަރުކޮށްފި އެވެ.

މިއަދު ހުކުރު ނަމާދަށް ފަހު އިދިކޮޅު ފަރާތްތަކުން ދުއާ ކުރަން ފެށިތާ އިރުކޮޅެއްގެ ތެރޭގައި ފުލުހުން ވަނީ އެ މީހުން ދުރަށް ޖެއްސުމުގެ މަސައްކަތް ފަށައިފަ އެވެ. އެގޮތުން ދުއާ ކުރަން ސަފަކަށް އެތުރިގެން ތިބި މީހުން ކޮއްޕައި ފަހަތަށް ޖައްސާފައިވެ އެވެ.

އަޑުބަރޭ ހައްޔަރުކޮށްފައި ވަނީ ދުއާ ކުރަން ފުލުހުން ހުރަސް އެޅުމުން ވެސް އެތަނުގައި ވަކިން ހުރެ ދުއާކޮށް ނިމިގެން ސުންނަތް ނަމާދުކޮށް ނިމުނުތަނާ އެވެ.

22 ޖުލައި 2016: ހުކުރު ނަމާދަށް ފަހު ދުޢާ ކުރި މިހުންނަށް ފުލުހުން ހުރަސް އެޅުން--- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރާއްޖޭގައި އަނިޔާވެރިކަން އިތުރުވެފައިވާ ކަމަށާއި އަދުލު އިންސާފު ނެތި ހިނގައްޖެ ކަމަށާއި އެހެންކަމުން ރާއްޖެ ސަލާމަތުގެ އައްސޭރިއަކަށް ގެނެސް ދެއްވުމަށް އެދި މިއަދު އެ މީހުން ދުއާކުރި އެވެ.

22 ޖުލައި 2016: ހުކުރު ނަމާދަށް ފަހު ދުޢާ ކުރި މިހުންނަށް ފުލުހުން ހުރަސް އެޅުން--- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ދުއާ ކުރި ސަރަހައްދުގައި ހުއްޓައި ޕެޕާ ސްޕްރޭގެ އަސަރު ކުރި ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުރުޝިދު އަބްދުލް ހަކީމް ބުނީ އޭނާގެ ލޮލަށް ވަރަށް ކައިރިން ފުލުހުން ޕެޕާ ސްޕްރޭ ޖެހީ ހިމޭނުން އެތަނުގައި ހުއްޓައި ކަމަށެވެ.