ގައުމެއް ބިނާ ކުރެވޭނީ ކޮންމެ ފަރުދެއްވެސް ގައުމަށްޓަކައި ކޮށްދޭ މަސައްކަތުގެ ސަބަބުން ކަމަށާއި އަޑުގަދަކޮށް ޝުއޫރުފާޅު ކޮށްގެން ވަތަނެއް ބިނާ ނުކުރެވޭނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

މިއަދުގެ ހުކުރު ހުތުބާ ބޮޑަށް ބިނާވެފައި އޮތީ މިނިވަންކަމާއި ގައުމު އާރާސްތު ކުރުމުގައި ގައުމުގެ އެންމެހާ ރައްޔިތުންގެ ހިއްސާގެ މައްޗަށެވެ. އެގޮތުން ހުކުރު ހުތުބާގައި ބުނެފައި ވަނީ ހުސް އަނގަ ތެޅުމަކުން ގައުމެއް ބިނާ ނުކުރެވޭނެ ކަމަށާއި ވަތަން ބިނާ ކުރެވޭނީ ގުރުބާނީތަކުން ކަމަށެވެ.

"ގައުމު ބިނާ ކުރެވޭނީ ފައިދާހުރި އަމަލުތަކުން ނެވެ. އެކުވެރިކަމާއި އެއްބާރުލުމުގެ ތެރެއިން ނެވެ. ތިމާގެ މިނިވަންކަމުގެ ބޭނުން ކުރާއިރު އަނެކުންގެ މިނިވަންކަމުގެ މަތީން ހަނދާން ބަހައްޓައިގެން ނެވެ. މިނިވަން ދެމެހެއްޓުމަށްޓަކައި އަތުކުރި އޮޅާލައިގެން ނެވެ،" ހުތުބާގައި ބުންޏެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނެފައި ވަނީ ބަޔަކު ގިލަނުގައި ޖައްސައިގެން ނުވަތަ އަބާއްޖަވެރި ކުރުވައިގެން މެނުވީ ބައެއް މީހުންނަށް ބާއްޖަވެރިކަން ނުލިބޭ ކަމަށް އެފަދަ މީހުންނަށް ހީވެފައި އޮންނަ ކަމަށެވެ.

"ތެދުތެދަށް ދަންނަވަނީ ނަމަ ވަތަނުގައި އަހުރެންވަންތަކަމެއް ނޯންނާނެ އެވެ. ވަތަނުގައި އޮންނާނީ އަހުރެމެންވަންތަ ކަމެވެ. އެންމެނަކީވެސް އެއް އޮޑިއެއްގައި ތިބި ބައެކެވެ. އޮޑިއަށް ލިބޭ ކޮންމެ ގެއްލުމެއްގެ އަސަރު އޮޑީގައި ދެން ތިބި މީހުންނަށް ވެސް ކުރާނެ އެވެ. އޮޑި ބެހިއްޖެ ނަމަ އެންމެންވެސް ބެހޭނެ އެވެ. އޮޑި އުރިއްޖެ ނަމަ އެންމެންވެސް އޮޑި ފުންކުރަން އުޅެންޖެހޭނެ އެވެ،" ހުތުބާގައި ބުނެފައިވެ އެވެ.

ހުތުބާގައި ބުނީ އެ އޮޑި ފެތިއްޖެ ނަމަ އެކަމުގެ ގެއްލުން އެންމެނަށްވެސް ކުރާނެ ކަމަށެވެ. އަދި ބުނީ އެ އޮޑީގެ މަތީ ބައިގައި ތިބި ބަޔަކަށް އުނދަގޫ ނުކުރުމުގެ ގޮތުން އޮޑީގެ ތިރީ ބައިގައި އުޅޭ މީހުން ފެން ހޯދުމަށްޓަކައި އޮޑީގައި ބާގަނޑެއް އަޅަން އުޅޭއިރު އެކަން މަނާނުކޮށްފި ނަމަ އެ އޮޑީ ފެތުމުން އެންމެނަށް ގެއްލުންވާނެ ކަމަށެވެ.

"ވަތަން ގޮވާލަނީ ވަތަނުގެ އެންމެން އަތުގުޅާލައިގެން މަސައްކަތް ކުރުމަށެވެ. އެންމެން ތަފާހުމުވެ، އެންމެން އެންމެންގެ ހާލަތު ދެނެގަނެ އެކަކު އަނެކަކަށް އެހީވުމަށެވެ. އެންމެންގެ މެދުގައި އޮންނަން ޖެހޭނީ ގުޅުން ވާސިލުވުމުގެ ރޫހެވެ. ގައުމަށްޓަކައި އެންމެން އެއްބާރުލުމުގެ ރޫހެވެ. އެންމެން އީޖާބީވެ، ސަލަބިއްޔާތާ ދުރުހެލިވުމުގެ ރޫހެވެ،" ހުތުބާގައި ބުނެފައިވެ އެވެ.

މިއަދުގެ ހުތުބާގައި މިނިވަން ކަމާއި ގުޅޭ ގޮތުން ވެސް ވަނީ އަލިއަޅުވާފަ އެވެ. އެގޮތުން މިނިވަން ކަމަކީ ހަމައެކަނި އިހުސާސުތަކެއް ނޫން ކަމަށާއި މިނިވަންކަމަކީ ހަމައެކަނި ޖަޒުބާތުތަކެއް ނޫން ކަމަށް ހުތުބާގައި ވަނީ ބުނެފަ އެވެ.

"އޭގެއިތުރުން މިއީ އުފުލަންޖެހޭ މަސްއޫލިއްޔަތުތަކެއްގެ އިހުސާސުތަކެއްވެސްމެ އެވެ. އަދާކުރަންޖެހޭ ވާޖިބުތަކެއް އިހުސާސުތަކެއްވެސްމެ އެވެ. އެއީ ވަތަނުގެ ތަފާތު ފަރުދުންގެ ނުވަތަ ނުވަތަ ރައްޔިތުންގެ މެދުގައި ގުޅިފައި އޮތް އަހުވަންތަކަމުގެ އިހުސާސެވެ. ގުޅިފައިވާ ހަޔާތާއި ކުރިމަތިލާން ޖެހިފައިވާ ގޮންޖެހުންތަކުގެ އިހުސާސެވެ." މިނިވަންކަމާއި ގުޅޭ ގޮތުން ހުތުބާގައި ބުނެފައިވެ އެވެ.