22 Jul 2016, 10:52
ސުޕެއިންގެ ގައުމީ ޓީމްގެ ކޯޗަކަށް ކުރީގެ ޕޯޓޯގެ ކޯޗު ހުލެން ލޮޕެޓެގީ ހަމަޖައްސައިފިއެވެ.
ޔޫރޯގެ ނާކާމިޔާބީއާ އެކު ސްޕެއިންގެ ކޯޗުކަމުން ވިންސެންޓް ޑެލް ބޮސްކޭ އިސްތިއުފާ ދިނުމުން ކުރީގެ ބާސެލޯނާ އަދި ރެއާލް މެޑްރިޑްގެ ގޯލު ކީޕަރު ހުލެން ސުޕެއިންގެ ކޯޗުކަމަށް ހަމަޖެއްސީ މިއަދު އެގައުމުގެ ފުޓްބޯޅަ އިދާރާއިންނެވެ.
ޑެލް ބޮސްކޭ ސްޕެއިންގެ ކޯޗު ކަމުގައި ހޭދަކުރި އަށް އަހަރު ތެރޭގައި އެގައުމަށް 2010 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2012 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ވެސް ވަނީ ކާމިޔާބު ކޮށްދީފައެވެ.
"އަހަރެން ޓީމަށް މާބޮޑެތި ބަދަލުތަކެއް ގެންނާކަށް ނުވިސްނަން. ޑެލް ބޮސްކޭ އަޅައިދިން ބިންގަލުގެ މަތިން ކުރިއަށް ދާނީ. ޓީމުން ފެންނާނީ ކުރިއެރުން،" ހުލެން ލޮޕެޓެގީ ބުންޏެވެ.
ސުޕެއިންގެ ރެއާލް ސޮސައިޑޭޑް އިން ކެރުއަރު ފެށި ހުލެން ވަނީ ރެއާލް މެޑްރިޑް އާއި އެކު އެއްފަހަރު ލީގް ކާމިޔާބު ކޮށް ވާދަވެރި ބާސެލޯނާއަށް ބަދަލުވެ އެ ޓީމާއި އެކު ވެސް ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ.
ކުޅުނު ހުއްޓާލުމަށް ފަހު ފޯޗުގަލްގެ ޕޯޓޯގެ ކޯޗުކަމާ 2014 ވަނަ އަހަރު ހަވާލުވި ހުލެން އަށް އެ ޓީމަށް މާބޮޑެތި ކާމިޔާބީތަކެއް ހޯދައިދެވިފައެއް ނުވެ އެވެ. އެހެންކަމުން މިއަހަރުގެ ކުރީ ކޮޅުގައި ޕޯޓޯގެ ކޯޗުކަމުން އޭނާ ވަނީ ވަކިކޮށްފައެވެ. ފޯޓޯގެ އިތުރުން ހުލެން ވަނީ ސްޕެއިންގެ 19 އަހަރުން ދަށުގެ ގައުމީ ޓީމާއި 21 އަހަރުން ދަށުގެ ގައުމީ ޓީމްގެ ކޯޗުކަން ވެސް ކޮށްދީފައެވެ.