މިހާރު ނަގަމުންދާ ބައެއް ޓެކްސްތައް މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ)ގެ ސަރުކާރެއްގައި އުވާލާނެކަމަށް އެ އިއްތިހާދުގެ ލީޑަރު އަދި ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

އެމްޔޫއޯ އިން މިރޭ މާލޭގައި ބޭއްވި ޖަލްސާގައި އިނގިރޭސިވިލާތުގައި ހުންނަވައިގެން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ވާހަކަފުޅު ދައްކަވަމުން ޖަމީލު ވިދާޅުވީ، "ގެސްޓްހައުސްތަކަށް ނޭވާލާން ފުރުސަތުދީ، ޖާއިޒުނޫން ޓެކްސްތައް" އެމްޔޫއޯގެ ސަރުކާރެއްގައި އުވާލާނެކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، އިއްތިހާދު އުފެދިފައިވަނީ، ދިވެހި ރާއްޖެއަށް ބަދަލުތައް ގެނައުމަށް ކަމަށާއި، އެމްޔޫއޯގެ ވެރިކަމެއްގައި ގައުމު ފަހަތަށްޖެހިފައި އޮތްއޮތުން ނެތިގެންދާނެކަމަށެވެ.

ޖަމީލު ވަނީ، ޓޫރިސްޓް ރިސޯޓު ތަރައްގީ ކުރަން އިއުލާން ކުރުމެއް ނެތި ފަޅުތަކާއި ރަށްތައް ކުއްޔަށް ދޫކުރެވޭ ގޮތަށް ޓޫރިޒަމްގެ ގާނޫނަށް ދާދި ފަހުން ގެނައި އިސްލާހަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

20 ޖުލައި 2016: މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަނުން ބޭއްވި ޖަލްސާގެ ތެރެއިން--- ސަން ފޮޓޯ/ ފަޔާޒް މޫސާ

އެމަނިކުފާނު ވިދާޅުވީ، ގާނޫނީ އިމުން ބޭރުން ބިޑަކާއި ނުލައި ޓޫރިސްޓު ރިސޯޓް ތަރައްގީ ކުރަން ދީފައިވާ ރަށްތަކާއި، ފަޅުތަކާއި އަދި ބިންތައް އެމްޔޫއޯގެ ސަރުކާރެއްގައި ދައުލަތަށް ނަގާނެކަމަށެވެ.

"ބޮޑެތި ޕްރޮޖެކްޓް ތަކުގެ ތެރެއިން ނަގާފައިވާ ކަރަޕްޝަންގެ ފައިސާ ﷲގެ އިރާދަފުޅާއެކު ދިވެހި ދައުލަތަށް ނެގޭނެ. އަދި އެކަމުގައި ހިމެނޭ ފަރާތްތަކާ ހަމައަށް ގާނޫނު އަރާ ހަމަކުރާނެ،" ޑރ. ޖަމީލު ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެމްޔޫއޯގެ ޑެޕިއުޓީ ލީޑަރު އަދި އެމްޑީޕީގެ ޗެއާ ޕާސަން އަލީ ވަހީދު ވިދާޅުވީ، އަދުލު އިންސާފާއި ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހައްގުތައް ރާއްޖޭގައި މިއަދު ގެއްލިފައިވާ ކަމަށެވެ.

މީގެ ކުރިން ބޭއްވި ޖަލްސާއެއްގައި އަލީ ވަހީދު ވާހަކަފުޅު ދައްކަވަނީ: އަދުލު އިންސާފާއި، ހައްގުތައް ރާއްޖޭގައި ގެއްލިފައިވާކަމަށް އޭނާ ވިދާޅުވި. -- ސަން ފައިލް ފޮޓޯ/ އަލީ ނަސީރު

މިރޭގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެމްޔޫއޯގެ ޑެޕިއުޓީ ލީޑަރު އަދި އެމްޑީޕީގެ ޗެއާ ޕާސަން އަލީ ވަހީދު ވިދާޅުވީ، އަދުލު އިންސާފާއި ގާނޫނު އަސާސީއިން ކަށަވަރުކޮށްދީފައިވާ ހައްގުތައް ރާއްޖޭގައި މިއަދު ގެއްލިފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ހޯދަން މިއުޅޭ ހައްގުތައް ހޯދައިދޭން ހުރިހާ ސިޔާސީ ލީޑަރުން ގެއްލިއްްޖެ. އަދުލު އިންސާފު ގެއްލިއްޖެ. ހައްގު ހުކުމެއް ލިބުމުގެ ހުވަފެންވެސް އަޅުގަނޑުމެންގެ ރައްޔިތުންނަށް ގެއްލިއްޖެ،" އަލީ ވަހީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ތެލުން ނަގަންފެށި 10 ފަސަންޓުގެ ޑިއުޓީއާއެކު، މުދަލުގެ އަގު 25 ޕަސަންޓު އުފުލިގެން ހިނގައްްޖެކަމަށާއި، ބޯހިޔާވެހިކަމުގެ އަގު އެތައް ގުނައަކަށް އުފުލިފައިވާ ކަމަށެވެ.