22 Jul 2016, 01:14
ޔޭޔޭ އައިޑިއާސް ކަޕުގައި މިރޭ ކުޅުނު މެޗުތަކުން މޮޅުވެ، އިމިގްރޭޝަނާއި ބީއެމްއެލް ފެށުން ރަނގަޅުކޮށްފި އެވެ.
ކުޅިވަރު އެކުވެނި ވެލިދަނޑުގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު ގްރޫޕް ޑީގެ މެޗުގައި ލަގާނާ އަތުން އިމިގްރޭޝަން މޮޅުވެފައި ވަނީ 3-0 ލަނޑުންނެވެ.
އެ މެޗުގައި އިމިގްރޭޝަނުން ކާމިޔާބުކުރި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު އަބްދުﷲ ވާސިފް ކާމިޔާބުކޮށްދިން އިރު، އެ ޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ހަސަން ނިޔާޒް އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އިމިގްރޭޝަނަށް ދެ ލަނޑު ކާމިޔާބުކޮށްދިން ވާސިފް އެވެ.
އައިޑިއާސް ކަޕްގައި ބީއެމްއެލް އާއި ނައިފަރު ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު 4:0 ލަނޑުން ކާމިޔާބުކުރީ ބީއެމްއެލް --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ގްރޫޕް އީގައި ބުރާސްފަތިދުވަހުގެ ރޭ ކުޅުނު އަނެއް މެޗުގައި ނައިފަރުގެ މައްޗަށް ބީއެމްއެލް ކުރި ހޯދީ 4-0 ލަނޑުންނެވެ. މެޗުގައި ބީއެމްއެލް އިން ކާމިޔާބުކުރި ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ޔާމިން މުހައްމަދު ކާމިޔާބުކޮށްދިން އިރު، އެ ޓީމުގެ އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހިމް ސިނާހު އާއި މުހައްމަދު ނާސިދު އެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ބީއެމްއެލް އަށް ދެ ލަނޑު ކާމިޔާބުކޮށްދިން ޔާމިން އެވެ.
ގްރޫޕް ސީގައި ރޭ ވިންސެންޑޯ އާއި އޮމަދޫ ބައްދަލުކުރި މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އޮމަދޫގެ މުހައްމަދު އަލާއު އެވެ.
އައިޑިއާސް ކަޕްގައި އޮމަދޫ އާއި ވިންސެންޑޯ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ހއ. ކެލާ އައިލެންޑް ޑިވެލޮޕްމަންޓް އެންޑް އެންވަޔަރަންމެންޓަލް އެވެއާނަސް ސޮސައިޓީ (އައިޑިއާސް) އިން އިންތިޒާމުކޮށްގެން ބާއްވާ އައިޑިއާސް ކަޕުގައި މާދަމާ ފަސް މެޗު ކުޅުމަށް ހަމަޖެހިފައިވެ އެވެ. މާދަމާ ހަވީރު 4:00ގައި ކުޅޭ ގްރޫޕް އެފްގެ މެޗުގައި އެމްޕީއެލް އާއި ޕީއޯ އެސްސީ ބައްދަލުކުރާ އިރު، މާދަމާ ހަވީރު 5:00ގައި ކުޅޭ ގްރޫޕް އޭގެ މެޗުގައި ބައްދަލުކުރާނީ ހޯރަ ޔުނައިޓެޑާއި ކަސްޓަމްސް އެވެ.
މާދަމާ ރޭ 8:00ގައި ކުޅޭ ގްރޫޕް ބީގެ މެޗުގައި އެލައިޑާއި މުލި ބައްދަލުކުރާ އިރު، މާދަމާ ރޭ 9:00ގައި ކުޅޭ ގްރޫޕް ސީގެ މެޗުގައި ބައްދަލުކުރާނީ އެމްއެމްއޭ އާއި އެސްޓީއޯ އެވެ. އަދި މާދަމާ ރޭ 10:00ގައި ކުޅޭ ގްރޫޕް ޑީގެ މެޗުގައި ބައްދަލުކުރާނީ ޕީޖީ އާއި ޓީއައިޑީއެސް އެވެ.
މި މަހުގެ 20 އިން ފެށިގެން އަންނަ މަހުގެ 12 އަށް ކުރިއަށްދާ އައިޑިއާސް ކަޕުގައި 24 ޓީމެއް ވާދަކުރާ އިރު، އެ ޓީމުތައް ހަ ގްރޫޕަކަށް ބަހާލާފައިވެ އެވެ.
އައިޑިއާސް ކަޕްގައި އޮމަދޫ އާއި ވިންސެންޑޯ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
މުބާރާތުގެ ދެވަނަ ބުރަށް ދަތުރު ކުރާނީ ކޮންމެ ގުރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. އޭގެ އިތުރުން ތިން ވަނައަށް ދާ ޓީމުތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ ހަތަރު ޓީމަކަށް ވެސް ގަދަ 16 އިން ޖާގަ ލިބޭނެ އެވެ.
މި އަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 30،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާ އިރު، ރަނަރަޕް ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެ އެވެ. ޗެމްޕިއަން ޓީމާއި ރަނަރަޕް ޓީމުގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނާއި، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި އެންމެ ގިނަ ލަނޑުޖަހާ ކުޅުންތެރިޔާގެ މަގާމު ހޮވުމަށް ނިންމާފައިވެ އެވެ. މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ އޮންލައިނެވެ.