24 May 2011, 16:41
އެންޓި ޓްރަސްޓް ގާނޫނެއް ހަދައިގެން މަޝްހޫރު ވިޔަފާރިވެރި "މަހުޖަނުން" ސައިޒު ކުރާނެ ކަމުގެ އިންޒާރު ވެރިކަން ކުރާ، އެމްޑީޕީން ދީފި އެވެ.
ޑީއާރުޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރަކު އެމްޑީޕީ އަށް ސޮއި ކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު ކާނަލް މުހައްމަދު ނަޝީދު ރޭ ވިދާޅުވީ ހާއްސަ ކޮމެޓީއެއް ހައްދަވައިގެން ގާނޫނުތަކެއް ޑްރާފްޓް ކުރައްވާ ކަމަށާއި "ދެތިން ހަތަރު ފަސް މަހުޖަނެއްގެ މުށުތެރޭގައި އޮތް" އިގްތިސާދު އެންޓި ޓްރަސްޓް ގާނޫނެއް ހައްދަވައިގެން ނިމުމަކަށް ގެންނަވާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ އިގްތިސާދު މިއަދާ ހަމަޔަށް އައިއިރުގައި ވަކި ދެ ތިން ހަތަރު ފަސް މަހުޖަނެއްގެ މުށުތެރޭގައި އޮތް އޮތުން، އަޅުގަނޑުމެން ނިނުމަކަށް ގެންނާނަން. އެންޓި ޓްރަސްޓް ގާނޫނުތައް އަޅުގަނޑުމެން ހަދާނަން،" ކާނަލް ވިދާޅުވި އެވެ.
މާފަންނު ހުނޅަގު ދާއިރާގެ މެންބަރު އަބްދުﷲ އަބްދުއްރަހީމް އިދިކޮޅު އެންމެ ބޮޑު ޕާޓީ، ޑީއާރްޕީން ވަކިވެވަޑައިގެން އެމްޑީޕީއާ ރޭ ގުޅިވަޑައިގަތުމުން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ވެރިކަން ކުރާ އެމްޑީޕީ އަށް ލިބިފައިވާ ކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުން މަޖިލީހުގައި ކުރި މަސައްކަތްތައް ސަރުކާރުން ބޭނުންވާ ގޮތަށް ފުރޮޅާލާނެ ކަމުގެ އިންޒާރު ވެސް އެމްޑީޕީން ދިނެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ރީކޯ މޫސާ މަނިކު ރޭ ވިދާޅުވީ "ހިތުގައި ވަޅިއަޅާފައި ރައްޔިތުން މަޖިލީހުގެ ތެރެއަށް ވައްދައިގެން މި ސަރުކާރުގެ ވަޒީރަކު ދެން ވަކި ނުކުރެވޭނެ" ކަމަށެވެ. އަދި އަދުލު އިންސާފު ގާއިމް ކުރުމަށް ބޭނުންވާ ގާނޫނުތަކުގެ ތެރެއިން ގާނޫނުލް އުގޫބާތުގެ މަސައްކަތް ވަރަށް އަވަހަށް ނިންމައި، މަޖިލީހުގެ ތެރެއިން އެ ބިލް ފާސް ކުރާނެ ކަމަށާއި ސަން ސެޓް ގާނޫނު އެއްކައިރީގައި ބޭއްވުމަށް ފަހު، ވެސް ޖިނާއީ އިޖުރާތުގެ ބިލް ނިންމުމަށް މަސައްކަތްކުރާނެ ކަމަށް މޫސަ ވިދާޅުވި އެވެ.
އިސްލާހުތަކާ އެކު ފާސްކުރި މާލިއްޔަތު ގާނޫނު ސަރުކާރު ބޭނުންވާ ގޮތަށް ބަދަލު ގެންނާނެ ކަމަށާއި އެމްޑީޕީން ކުރިން ވެސް ބޭނުންވާ ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމަށް ސަރުކާރުން ބޭނުންވާ ހަތް ސަރަހައްދަކަށް ރާއްޖެ ބަހާލާނެ ކަމަށް ވެސް މުސަ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުރީގެ ސަރުކާރުން ޖަލުތަކުގައި ގައިދީނަށް އަނިޔާކޮށްފައި ވަނީ ކުރީގެ ރައީސް އަލްއުސްތާޒު މައުމޫންއަބްދުލް ގައްޔޫމް ކަމަށާއި ގާނޫނަކުން ލާޒިމްކޮށްގެން ހައްޔަރު ކުރުމުގެ ކުރިން އިންސާފުގެ ކުރިތީގައި ނިޔާ ކަނޑައަޅާ ދިނުމަށް ފަނޑިޔާރުންނަށް ގޮވާލައްވާ ކަމަށެވެ.
މަޖިލީހުން ލިބޭ މެޖޯރިޓީއާ އެކު "ސިޔާސީ ގޮތުން ކަމެއްގައި ބައިވެރިވާ ނަމަ މައުމޫނަށްދޭ ހުރިހައި އިނާޔަތެއް އަޅުގަނޑުމެއް ހުއްޓުވާލާނެ،" ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.
"ހަމަ އިންޒާރެއް މިދެނީ، މާތްﷲ އިރާދަކުރެއްވިއްޔާ 39 މެންބަރުން އަޅުގަނޑުމެންނަށް ހަމަވާ ދުވަހަކީ މިރާއްޖޭގެ ފަނޑިޔާރުން ވެސް، މިނިވަން މުއައްސަސާތަކުން ވެސް، ވިސްނަން ޖެހޭނެ ދުވަހެއް،" މުސަ ރޭ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމަކީ ބޮޑެތި ޖިނާއީ ކުށްތައްކޮށްފައިވާ މީހެއް ކަމަށް ތުހުމަތުކޮށް މޫސަ ވިދާޅުވީ ނާޒިމަށް މަޖިލީހުގެ ނައިބު ރައީސް ކަމުގެ ގޮނޑީގައި ދެން ނީންދެވޭނެ ކަމަށެވެ.
"މިރޭ މި ގުޅުނު މީހުންނަކީ ވަރަށް އިހްލާސްތެރި ބައެއް. ވަރަށް ކެއްތެރިކަމާއި ތެދުވެރިކަމާއެކު މަސައްކަތް ކުރުމަށްޓަކާ ގުޅުނު ބައެއް. އަޅުގަނޑުމެންގެ ޕާލަމެންޓް ގުރޫޕަކުން އެންމެ މީހަކު ވެސް ތިޔަ ވިދާޅުވާ ބުރުމާއަކަށް ވެސް ރޮންދާ އަކަށް ވެސް ނައިގަނެގެން ނުގެންދެވޭނެ. އެހާ ހިތްވަރެއް ނުހުންނާނެ. އަޅުގަނޑުމެންނަކީ ނަފްސު ވިއްކާލާ ބައެއް ނޫން،" އެމްޑީޕީގެ މެންބަރުން އެހެން ސިޔާސީ ޕާޓީތަކަށް ބަދަލުވާން އުޅޭ ކަމުގެ އަޑުތައް ފެތުރެމުންދާތީ އެކަމަށް ރައްދު ދެއްވައި މޫސަ ވިދާޅުވި އެވެ.
ރެގޭ ޖަލްސާގައި ވާހަކަފުޅު ދައްވަމުން ކާނަލް ވިދާޅުވީ މަޖިލީހުގައި މެޖޯރިޓީ ލީޑަރަކަށް ހުންނެވި ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ފެއިލްވެފައިވާ ކަމަށާއި އެހެންކަމުން މި ދަނޑިވަޅަކީ ސަރުކާރުން ވައުދުތައް ފުއްދުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށެވެ. މަޖިލީހުގެ ކޮމެޓީތަކަށް ސަރުކާރުން ވައުދުތައް މެކުހަށް ޖެހުމަށް 11 ކޮމެޓީ ސަރުކާރަށް ލިބިގެންދާނެ ކަމަށާއި އެ ގޮތުން މާލިއްޔަތު ކޮމެޓީ، އިގްތިސާދީ ކޮމެޓީ ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ. އަދި އެ ކޮމެޓީގެ މުގައްރިރުން ބަދަލު ކުރާނެ ކަމަށް ކާނަލް ވިދާޅުވި އެވެ.
އަބްދުﷲ އަބްދުއްރަހީމް އެމްޑީޕީ އަށް ސޮއިކުރުމުން އެ ޕާޓީގެ މަޖިލީހުގެ މެންބަރުގެ އަދަދު 35 އަށް އަރާނެ އެވެ.
ރޭޖެ ޖަލްސާގައި ރައީސް ނަޝީދު ވާހަކަފުޅު ދެއްކެވުމަށް ޕޯޓިއަމަށް އަރައިވަޑައިގަތުމަށް ފަހު ވިދާޅުވީ ބުނެލަން އޮތް ވާހަކަ ވަރަށް ދިގު ކަމަށާއި އެހެނަސް ވަރަށް ކުރު ކަމަށެވެ. އެހެން ވިދާޅުވެ ޅެން ބައިތެއް ވިދާޅުވުމަށް ފަހު ސްޓޭޖުން ފައިބައިވަޑައިގަތެވެ.
"އުފާ އުފަލުން އުފާކުރަމުން، ވަޔާ އެކު ދެވިދާނޭ
ތަފާތު އެކި މަލުން ފޮނިބޮޔެ، މަޖާކޮށް ވެސް އުޅެވިދާނޭ" ރައީސް ވިދާޅުވި އެވެ.