ޔުނައިޓެޑް ވިކްޓަރީ 0-3 ލަނޑުގެ ނަތީޖާ އަކުން ބަލިކޮށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު އުރީދޫ ދިވެހި ޕްރިމިއާ ލީގްގެ ހަތަރު ވަނަ އަށް ޖެހިލައިފިއެވެ.

އެ ނަތީޖާއާ އެކު ޔުނައިޓެޑް ވިކްޓަރީ އާއި ނިއުއަށް ވެސް 13 ޕޮއިންޓް ލިބޭ އިރު ލީގުގެ ހަތަރުވަނަ ނިއުއަށް ލިބެނީ ފައިދާ ގޯލުން ކުރި ލިބިގެންނެވެ. ތާވަލުގެ ދެވަނައިގައި 14 ޕޮއިންޓާ އެކު ޓީސީ ސްޕޯޓްސް އޮތް އިރު ދެވަނައިގައި 17 ޕޮއިންޓާ އެކު އޮތީ އީގަލްސް އެވެ. އެއްވަނައިގައި މާޒިޔާ އޮތީ 20 ޕޮއިންޓާ އެކުއެވެ.

މިރޭގެ މެޗު ފެށިގެން ނިއު ރޭޑިއަންޓުން ރަނގަޅަށް ކުޅުނު އިރު 11 ވަނަ މިނެޓްގައި އިއްޒަތު އަބްދުލް ބާރީ ކާމިޔާބު ކޮށްދިން ރީތި ގޯލުން އެ ޓީމުން ވަނީ މެޗުގެ ކުރިހޯދައިފައެވެ. އަދި ފުރަތަމަ ހާފްގެ އެންމެ ފަހު މިނެޓްގައި ހަމްޒާ މުހައްމަދު (ހަމްޕު) ޔުނައިޓެޑް ވިކްޓަރީގެ ޕެނަލްޓީ އޭރިއާ ކުރިމަތީ ހުރެ ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެން ނުއުއިން ވަނީ ލީޑް ފުޅާ ކޮށްފައެވެ.

ދެވަނަ ހާފް ފެށިގެން ވެސް ނިއު ރޭޑިއަންޓުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔައިރު އެ ޓީމްގެ ތިން ވަނަ ގޯލު ކާމިޔާބުކޮށްދިނީ އަހުމަދު ނިޔާޒު އެވެ. އެ ގޯލަށް ފަހު ވެސް ނިއުއިން ވަނީ ރަނގަޅަށް ކުޅެ ޔުނައިޓެޑް ވިކްޓަރީގެ ގޯލަށް ނުރައްކާ ކޮށްފައެވެ.

ޔުނައިޓެޑް ވިކްޓަރީ އަށް މާގިނަ ފުރުސަތު ތަކެއް ތަނަވަސް ނުކުރެވުނު ނަމަވެސް އެ ޓީމްގެ މުހައްމަދު ނާވީ އަށް ވަނީ ރަނގަޅު ފުރުސަތެއް ލިބިފައެވެ. ނަމަވެސް ނާވީ ފޮނުވާލި އެ ބޯޅަ ނިއު ރޭޑިއަންޓްގެ ބިދޭސީ ކީޕަރު ވަނީ މަތަކޮށްފައެވެ.

ލީގްގައި ދެން މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 29 ވާ ހުކުރު ދުވަހު އެވެ. އެދުވަހު ހަވީރު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާ ދެކޮޅަށް ވިކްޓަރީ ސްޕޯޓްސް ކުލަބު ނިކުންނައިރު އެރޭ ކުޅޭ މެޗުގައި އީގަލްސް ނުކުންނާނީ ބީޖީ ސްޕޯޓްސްއާ ދެކޮޅަށެވެ.