22 Jul 2016, 00:07
ހިނގަމުން މިދާ 2016 ވަނަ އަހަރަކީ ދުނިޔޭގައި މިހާތަނަށް ރެކޯޑް ކުރެވޭ އެންމެ ހޫނު ގަދަ އަހަރަށް ވެދާނޭކަމުގެ އިންޒާރު، ވޯލްޑް މީޓިއޮރޮލޮޖިކަލް އޯގަނައިޒޭޝަން (ޑަބްލިޔުއެމްއޯ) އިން ދީފިއެވެ.
ދުނިޔޭގެ މޫސުމާ ބެހޭ އިދާރާއިން ބުރާސްފަތި ދުވަހު ހާމަކުރިގޮތުގައި މިއަހަރުގެ ފުރަތަމަ ހަމަސް ދުވަހު ދުނިޔޭގެ ހޫނުމިން މައްޗަށް ގޮސްފައިވަނީ، މީގެ ކުރީގެ އަހަރުތަކާ އަޅައިބަލާއިރު 2016 ވަނަ އަހަރަކީ އެންމެ ހޫނު ގަދަ އަހަރުގެ ގޮތުގައި ރެކޯޑް ކުރެވިދާނޭފަދަ ގޮތަކަށް ކަމަށެވެ.
ޑަބްލިޔުއެމްއޯއިން މިއަހަރުގެ ޖޫން މަސް ފާހަގަކޮށްފައި ވަނީ، ދުނިޔޭގެ އެއްގަމާއި ކަނޑުގެ ފިނުހޫނުމިން ރެކޯޑް މިންވަރަކަށް މައްޗަށް ޖެހެމުންދާތާ ޖެހިޖެހިގެން 14 ވަނަ މަހުގެ ގޮތުގައެވެ. އަދި 20 ވަނަ ގަރުނާ އަޅައިބަލާއިރު، މި ޖޫން މަހަކީ ހޫނުމިން ރެކޯޑް މިންވަރެއްގައި ހުންނަތާ ޖެހިޖެހިގެން 378 ވަނަ މަހެވެ. 20 ވަނަ ގަރުނުގެ ދުނިޔޭގެ އެވްރެޖް ހޫނުމިން އެންމެ ދަށްކޮށް ރެކޯޑް ކުރެވިފައި ވަނީ 1984 ވަނަ އަހަރުގެ ޑިސެންބަރުގައެވެ.
"އަނެސް މަސްދުވަސް، އަނެއް ރެކޯޑް. އަނެއްކާވެސް އަނެއް ރެކޯޑް، އަނެއްކާވެސް. 2015-2016ގެ އެލް ނީނޯގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކުގެ ޓްރެންޑް އަހަރުތަކަކަށް ދެމިގެންގޮސް މިހާރު މިވަނީ އާ ހަރުފަތަކަށް ގޮސްފައި،" ދުނިޔޭގެ މޫސުމާ ބެހޭ އިދާރާގެ ސެކްރެޓަރީ ޖެނެރަލް ޕެޓެރީ ތާލާސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެލް ނީނޯގެ ސަބަބުން ދުނިޔޭގެ މޫސުމަށް އަންނަ ބޮޑެތި ބަދަލުތަކާއި، ހޫނު ހިފަހައްޓާ ގްރީންހައުސް ގޭސްތަކުގެ ސަބަބުން ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތައް މިވަނީ އިންތިހާއަށް ކަންބޮޑުވާ ހިސާބަށް ގޮސްފައި ކަމަށެވެ. އަދި މި ކަންތައްތަކުގެ ސަބަބުން ދުނިޔެ ހޫނުވުމުގެ އިތުރުން އާދަޔާޚިލާފަށް ވިއްސާރަވުމާއި ނުރައްކާތެރި ތޫފާންތަކާ ކުރިމަތިލާން ޖެހުމުގެ ބިރު އިންތިހާއަށް ގޮސްފައިވާ ކަމަށް ވިދާޅުވި އެވެ.
ޖައްވުގައި ކާބަން ޑައިއޮކްސައިޑްގެ ކޮންސެންޓްރޭޝަން ކުރިން އެވްރެޖްކޮށް އެންމެ މަތިކޮށް ރެކޯޑް ކުރެވިފައި ވަނީ 400 "ޕާޓްސް ޕަރ މިލިއަން" (ޕީޕީއެމް) ގައެވެ.
އެހެން ނަމަވެސް މިހާރު، އެ މިންވަރު ވަނީ ފަހަނަ އަޅައި ގޮސްފައެވެ. އެގޮތުން 2016 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހު، ކާބަން ޑައިއޮކްސައިޑްގެ މިންވަރު ހައިރާންކުރަނިވި މިންވަރަކަށް މައްޗަށް ގޮސްފައިވާއިރު، މިދިޔަ ޖޫން މަހު ކާބަން ޑައިއޮކްސައިޑްގެ ކޮންސެންޓްރޭޝަން ރެކޯޑް ކުރެވިފައި ވަނީ، 407 ޕީޕީއެމްގައެވެ. އެއީ 2015 ވަނަ އަހަރުގެ ޖޫން މަހާ އަޅައިބަލާއިރު 4 ޕީޕީއެމްގެ މަތިވުމެކެވެ.
އދ.ގެ ސެކްރެޓަރީ ޖެނެރަލް ބަންކީމޫން ވަނީ، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން އެކުލަވާލާފައިވާ ޕެރިސް އެގްރީމެންޓް ތަސްދީގު ކުރުމަށް، ނުވަތަ އެ އެއްބަސްވުން ގަބޫލުކޮށް ރުހުން ދިނުމަށް ސެޕްޓެމްބަރު 21ގައި ބާއްވާ ހާއްސަ ހަރަކާތުގައި ބައިވެރިވުމަށް ދުނިޔޭގެ ލީޑަރުންނަށް ދައުވަތު ދެއްވައިފައެވެ.
މި ބައްދަލުވުމަކީ 2016 ނިމުމުގެ ކުރީން، ޕެރިސް އެގްރީމެންޓަށް މިހާތަނަށް އިޖާބަ ނުދޭ ގައުމުތަކަށް ވެސް ފާޅުގައި އެއަށް އެއްބާރުލުން ދިނުމަށް ލިބިގެންދާނޭ ފުރުސަތެކެވެ.