21 Jul 2016, 23:54
ދިވެހިންގެ ވެރިކަން ހޯދައިދޭން ދިވެހި ވެރިކަމަށް އެނބުރި އަންނާނެ ކަމަށާއި ރާއްޖޭގައި އިންތިގާލީ ވެރިކަމެއް ގާއިމްކޮށްދޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ ހަރުގެ ކުރިމަތީގައި އިދިކޮޅު އިއްތިހާދުން މިރޭ ބޭއްވި ފުރަތަމަ ޖަލްސާގައި، ލަންޑަނުގައި ހުރެ ވީޑިއޯ މެދުވެރިކޮށް ދެއްކެވި ވާހަކަފުޅުގައި ނަޝީދު ވިދާޅުވީ، ރާއްޖެ ބަދަލުވެ ދިވެހިންގެ އުއްމީދުތައް ހަގީގަތަކަށްވެ އުފާވެރިކަން ލިބެން ޖެހޭ ކަމަށެވެ.
އެ އުއްމީދުތަކާއި އުފާވެރިކަން ހޯދައި ދިނުމަށް އެކިކުލަ އެކުވެގެން އެކަތިގަނޑެއްގެ ގޮތުގައި އުފެދި އޮތް އިދިކޮޅު އިއްތިހާދުން ފަހަތަކަށް ނުޖެހޭނެ ކަމަށާއި އެ މަސައްކަތް ކާމިޔާބުކޮށް އެނބުރި އައިސް ރައްޔިތުންނަށް ހެޔޮވެރި ކަމެއް ކޮށްދީ އިންތިގާލީ ވެރިކަމެއް ގާއިމްކޮށްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެކިއެކި އަލިއަލި ކުލަ އެއްކުލަވެވިގެން އަޅުނގަޑުމެން އަނެއްކާވެސް މި ނުކުތީ ދިވެހިންގެ އުއްމީދުތައް ދިވެހިންގެ އެދުންތައް ހޯދައިދިނުމަށް އަޅުނގަޑުމެން ފަހަތަކަށް ނުޖެހޭނެ. އަޅުނގަޑުމެން މި މަސައްކަތް ކާމިޔާބު ކުރާނެ. އަޅުނގަޑުމެން އެނބުރި އަންނާނެ. ދިވެހިންނަށް ހެޔޮވެރިކަމެއް ކޮށްދޭނެ،" ނަޝީދު ވިދާޅުވި އެވެ.

20 ޖުލައި 2016: މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަނުން ބޭއްވި ޖަލްސާގެ ތެރެއިން--- ސަން ފޮޓޯ/ ފަޔާޒް މޫސާ
އާއްމު ދިރިއުޅުން ގުޅިފައި އޮންނަނީ ވެރިކަން ހިންގާ ގޮތާއި ވެރިކަމުގައި ހުންނަ މީހާގެ ތެދުވެރިކަމަށް އިޝާރާތްކުރައްވާ ނަޝީދު ވިދާޅުވީ، ދިވެހިންގެ އާއްމު ހާލަތު ރަނގަޅުކުރުމަށް ރާއްޖޭގެ ވެރިކަން ބަދަލުވެ ރައްޔިތުންނަށް އިންތިގާލީ ވެރިކަމެއް އަންނަންޖެހޭ ކަމަށެވެ.
އިނގިރޭސިވިލާތުން ސިޔާސީ ހިމާޔަތް ލިބިވަޑައިގަތް ލަންޑަނުގައި މިހާރު ދިރިއުޅުއްވާ ނަޝީދު ވިދާޅުވީ، އިންތިގާލީ ވެރިކަމެއް ގާއިމްކުރުމަށް ކުރާ މަސައްކަތުގައި ރައްޔިތުން އުއްމީދު ނަގާލައިގެން ނުވާނެ ކަމަށާއި އެ އުއްމީދު ނަގާލާކަށް ނުވެސް ޖެހޭ ކަމަށެވެ. އަދި މި ވެރިކަން ލަސްތަކެއް ނުވެ ބަދަލުކުރާނެ ކަމަށް ވިދާޅުވި އެވެ.

21 ޖުލައި 2016: އިދިކޮޅު އިއްތިހާދުން ބޭއްވި ޖަލްސާގެ ތެރެއިން--- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ރާއްޖޭގެ ސިޔާސީ ފަރާތްތަކުން އިދިކޮޅު އިއްތިހާދާ ގުޅިވަޑައިގަތުމަށް ގޮވާލައި ނަޝީދު ވަނީ އެމަނިކުފާނު ގެންނާނެ ކަމަށް ތަކުރާރުކޮށް މިރޭ ވިދާޅުވި އިންތިގާލީ ވެރިކަމެއް ބިނާ ވެފައި އޮންނާނީ ހުރިހާ ސިޔާސީ ފަރާތްތަކެއް ހިމެނޭ އުސޫލެއްގެ މަތިން ކަމަށް ވިދާޅުވެފަ އެވެ.
އެ ސަރުކާރުން ރާއްޖޭގެ މިނިވަން މުއައްސަސާތަކާއި ޝަރުއީ ނިޒާމް އިސްލާހްކޮށްދޭނެ ކަމަށާއި މިނިވަން މުސްތަގިއްލު އިލެކްޝަން ކޮމިޝަނެއް އުފައްދައިދީ، ޖުޑީޝަރީއެއް އެކުލަވައިދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.