21 Jul 2016, 19:47
ކްލަބް ވެލެންސިއާ އިން ލަނޑެއް ކާމިޔާބުކޮށް މެޗުގެ ކުރި ހޯދާފައި ވަނިކޮށް ފަހަތުން އަރައި 2-1ގެ ނަތީޖާ އަކުން މޮޅުވެ ކްލަބު އީގަލްސް އުރީދޫ ދިވެހި ޕްރިމިއާ ލީގްގެ ދެވަނަ އަށް ޖެހިލައިފިއެވެ.
އީގަލްސްގެ އެ މޮޅާ އެކު އެ ޓީމް ދެވަނައިގައި އޮތީ އެއްވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ވުރެން ތިން ޕޮއިންޓު މަދުން، 17 ޕޮއިންޓާ އެކުއެވެ. ތިން ވަނައިގައި ޓީސީ ސްޕޯޓްސް އޮތީ 14 ޕޮއިންޓާ އެކުއެވެ. ޔުނައިޓެޑް ވިކްޓަރީ 13 ޕޮއިންޓާ އެކު ހަތަރު ވަނައިގައި އޮތް އިރު މިއަދުގެ މެޗުން ބަލިވި ވެލެންސިއާ އޮތީ 12 ޕޮއިންޓާ އެކު ފަސް ވަނައިގައެވެ.
މެޗު ފެށިގެން ވެލެންސިއާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ އިރު ހަތް ވަނަ މިނެޓްގައި އަކްރަމް އަބްދުލް ޣަނީ ނަގައިދިން ހުރަހެއް ބޮލުން ޖަހައި ގޯލުގެ ތެރެއަށް ބޯޅަ ވައްދާލައިގެން ހަންސްލީ އަވީލޯ ވަނީ އެ ޓީމަށް ލީޑް ނަގައިދީފައެވެ.
އަވީލޯގެ ގޯލަށް ފަހު ވެސް ވެލެންސިއާއަށް ވަނީ ލީޑް އިތުރަށް ފުޅާ ކުރަން ރަނގަޅު ދެފުރުސަތެއް ލިބިފައެވެ. ނަމަވެސް އަކްރަމް އާއި އަވީލޯ އަށް ލިބުނު އެ ދެ ބޯޅަ ވަނީ ބޭނުންކުރެވޭ ގޮތް ނުވެފައެވެ.
ވެލެންސިއާ އިން ރަނގަޅަށް ކުޅެމުން އައި ނަމަވެސް 19 ވަނަ މިނެޓްގައި އީގަލްސްއިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. އެ ގޯލު އީގަލްސްގެ ކެޕްޓަން އިމްރާން މުހައްމަދު ކާމިޔާބުކުރީ އަހުމަދު ރިޒްވާން ދިން ބޯޅައެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެނެވެ.
އީގަލްސްގެ ގޯލަށް ފަހު އެ ޓީމުން ރަނގަޅަށް ކުޅެމުން ދިޔަ އިރު ދެވަނަ ހާފްގައި އެ ޓީމުން ވަނީ ލީޑް އިތުރަށް ފުޅާ ކުރަން ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ.
ނަތީޖާ އަކަށް ވެގެންދިޔައީ މެޗުގެ 76 ވަނަ މިނެޓްގައި އީގަލްސް އިން ގޯލެއް ކާމިޔާބުކޮށް ލީޑް ނެގުމެވެ. އެގޯލު އީގަލްސްއަށް ކާމިޔާބް ކޮށްދިނީ އިމްރާން ދިން ރީތި ބޯޅައެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން ރިޒްވާންއެވެ.
އީގަލްސް އިން މެޗުގެ ލީޑް ނަގައިގެން ކުޅެމުން ދިޔަ އިރު އެ ޓީމަށް ވަނީ ލީޑް އިތުރަށް ފުޅާ ކުރުމަށް ވެސް ރަނގަޅު ފުރުސަތެއް ލިބިފައެވެ. އީގަލްސްގެ ބިނދޭސީ މިޑްފީލްޑަރ ރިސްޓީ ނައުމޯ ފޮނުވާލި ހިލޭ ޖެހުން ވެލެންސިއާގެ ކީޕަރު މުހައްމަދު ފައިސަލް ދިފާއު ކުރުމުން އެ ބޯޅަ ލިބުނީ ގޯލު ކުރިމަތީގައި ހުރި އީގަލްސްގެ ޝިފާން ހުސެއިންނަށެވެ. ނަމަވެސް ޝިފާން ފޮނުވާލި އެ ބޯޅަ ވެސް ފައިސަލް ވަނީ ދިފާއު ކޮށްފައެވެ.