21 Jul 2016, 20:10
މިފަހަރުގެ ''ޓްރާންސްފަރ ވިންޑޯ'' ހުޅުވިގެން ކްލަބުތަކުން ދަނީ ކުޅުންތެރީން ގަނެވިއްކުމުގެ ބޮޑެތި މުއާމަލާތްތައް ހިންގަމުންނެވެ. އެގޮތުން ކުޅުންތެރީން ގަނެވިއްކުމުގެ މި ވިޔަފާރީގައި މިހާރު އެންމެ ފޯރިގަދަކޮށް ދެކެވޭ އެއް ވާހަކައަކީ، އިޓަލީގެ ޔުވެންޓަސްއަށް ކުޅެމުން އަންނަ ފްރާންސް މިޑްފީލްޑަރު ޕައުލް ޕޮގްބާގެ ޓްރާންސްފަރގެ ވާހަކައެވެ.
ޔޫރަޕްގެ ބޮޑެތި ކްލަބުތަކުން ދަނީ އުމުރުން 23 އަހަރުގެ ޕޮގްބާ ގަންނަން ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ. އެގޮތުން އެ މުއާމަލާތުގައި އެންމެ ގަދައަށް 'ވިއްދާފައި' ހުރީ އޭނާ ކުރިން އެ ކްލަބަކަށް ކުޅުނު އިނގިރޭސި ކްލަބް މެންޗެސްޓަރ ޔުނައިޓެޑެވެ.

ޔުވެންޓަސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ -- ފޮޓޯ: ދަ ސަން
ޔުނައިޓެޑް ދޫކޮށް ހިލޭ ޓްރާންސްފަރއެއްގައި ޔުވެންޓަސްއާ ޕޮގްބާ ގުޅުނީ 2012 ވަނަ އަހަރުގެ ޖުލައިމަހު ތިންވަނަ ދުވަހުއެވެ. އޭނާ ޔުނައިޓެޑު ދޫކޮށް ދިޔައީ އޭރު އެ ކްލަބާއެކު ވެފައިވާ އެއްބަސްވުން އާކުރުމަށް ކްލަބުން އެދިއެދި ތިއްބައެވެ. އެގޮތުން ޔުނައިޓެޑުން އޭރު ހުށަހެޅި ހުށަހެޅުންތަކުގައި ޕޮގްބާ ކޮޅުފައިން ޖަހައި، ޔުވެންޓަސްއަށް ދިއުމުން އޭރު ޔުނައިޓެޑްގެ ކޯޗް ކަމުގައި ހުރި ސަރ އެލެކްސް ފާގަސަން ވަނީ، "ޕައުލް ޕޮގްބާ މެންޗެސްޓަރ ޔުނައިޓެޑަށް އެއްވެސް އިހްތިރާމެއް ނުކުރި،" ކަމަށާއި އަދި އެއީ ކްލަބުން ވަރަށް ބޮޑަށް މާޔޫސްވިކަމެއް ކަމަށް ބުނެ ޕޮގްބާއަށް ވަރަށް ބޮޑަށް ފާޑުވެސް ކިޔައިފައެވެ.
އަލުން ޕޮގްބާ ޔުނައިޓެޑަށް ގެންނަން ހުށަހަޅާފައި ވަނީ އެކްލަބުގެ މިހާރުގެ ކޯޗު ހޯޒޭ މޮރީނިއޯއެވެ. ފްރާންސްގެ ލެ ހާރވްއިން މެންޗެސްޓާ ޔުނައިޓެޑްގެ ޔޫތު އެކަޑެމީއާ ގުޅުނު ޕޮގްބާގެ ޓްރާންސްފަރ ފީ އޭރު "ސިއްރު"ކޮށްފައި ބޭއްވި ނަމަވެސް މިފަހަރު ޔުވެންޓަސްއިން ޕޮގްބާއަށް ހުށަހަޅާފައި ވަނީ، އެގޮތަށް ސިއްރުކޮށްލެވޭވަރުގެ އަގެއް ނޫނެވެ. ބުނެވޭ ގޮތުގައި ޔުނައިޓެޑުން އޮތީ 120 މިލިއަން ޔޫރޯގެ އަގެއް ދީގެން ނަމަވެސް އެ "ޑީލް" ނިންމާލުމަށް ތައްޔާރަށެވެ.
މިހާރު ޝަންހާއީގައި ކުރިއަށްދާ އިންޓަރނޭޝަނަލް ޗެމްޕިއަންސް ކަޕްގައި މާދަމާ ބޮރޫޝާ ޑޯޓްމަންޑާ ދެކޮޅަށް ޔުނައިޓެޑް ކުޅޭ މެޗުގެ ކުރިން ނޫސްވެރީންނާ ވާހަކަދައްކަމުން މޮރީނިއޯ ބުނި ގޮތުގައި ކްލަބުގެ ބޯޑުން އޮތީ ބޮޑު އަގެއް ދީގެން ނަމަވެސް އޭނާ އެދުނު ގޮތަށް އެ ޓްރާންފާގެ ކަންތައް ކޮށްދޭ ތައްޔާރަށެވެ.
"އަހަރެން ޔަގީންކޮށެއްވެސް ނުދެން، އަދި އެއީ ނުވާނޭކަމެކޭ ވެސް ނުބުނަން. ފުރަތަމަ ކަމަކީ އަހަރެން ގަބޫލެއް ނުކުރަން އެހެން ކްލަބެއްގެ ކުޅުންތެރިއަކާ ބެހޭގޮތުން ވާހަކަދެއްކުމަކީ އެހާ ރަނގަޅު ކަމެއްކަމަކަށް. ޕޮގްބާއަކީ އަދި ޔުވެންޓަސް ކުޅުންތެރިއެއް،" ޕޮގްބާގެ ޓްރާންސްފަރއާ ބެހޭގޮތުން މޮރީނިއޯ ބުންޏެވެ.
"އެކަމަކު އަހަންނަށް ޔަގީންކަން ދެވިދާނެ އަހެރެންގެ ކްލަބުގެ ބޯޑުން، ކްލަބުގެ ޑައިރެކްޓަރުން މިވަނީ ވަރަށް ފުރިހަމަ މަސައްކަތެއް ނިންމާފައި. އަހަރެން އެމީހުންނަށް ދިނީ ހަތަރު ކުޅުންތެރިއެއްގެ ޕްރޮފައިލް އައި އިތުރު އޮޕްޝަންތަކެއް. އޭގެ ތެރޭން އިބްރާހިމޮވިޗް، މިޚްތަރިޔާން، އަދި ބެއިލީ ހިމެނޭގޮތަށް 75 ޕަސެންޓް މިވަނީ ނިންމާފައި."

މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗް ހޯޒޭ މޮރީނިއޯ: ޕޮގްބާ ޔުނައިޓެޑާ ގުޅޭނޭކަމުގެ ވަރަށް ބޮޑު ޔަގީކަނެއް މޮރީނިއޯއަށް ލިބިފައިވޭ -- ފޮޓޯ: ގޯލް
މޮރީނިއޯ ބުނީ، މިހާރު ކުރިއަށްދާ ޓްރާންސްފަރގައި ކްލަބުގެ ވިސްނުން ހުރިގޮތުން އޭނާގެ ލިސްޓުގައި ހިމެނޭ އަނެއް 25 ޕަސެންޓް މަސައްކަތް އޯގަސްޓް 31 ވަނަ ދުވަހުގެ ކުރީން ނިންމާލެވޭނޭ ކަމުގެ ހިތްހަމަޖެހުންވެސް އެބަ އޮތްކަމަށެވެ.
"އަހަރެމެން މިތިބީ ހަމަޖެހިގެން، އަހަރެމެން ބޭނުންވާ ކުޅުންތެރީންގެ ވަނަވަރުތައް ވަރަށް ރަނގަޅަށް އެނގޭ. އޭގެ ތެރޭން ތިން ކުޅުންތެރިއަކު މިވަނީ ގެނެވިފައި، އެހެންކަމުން އެޑްވުޑްވާޑް އަދި ކްލަބުގެ ވެރިޔާ ވެސް އަހަރެން ބޭނުންވި ގޮތަށް ސްކޮޑް ބެލަންސްކުރުމަށް ބޭނުންވާ ބާކީ ކުޅުންތެރިޔާ ގެނެސްދޭނޭކަމުގެ ފުރިހަމަ އިތުބާރު އެބައޮތް،" މޮރީނިއޯ ބުންޏެވެ.
ޕޮގްބާގެ ޓްރާންސްފައާ ގުޅޭގޮތުން ޔުނައިޓެޑްގެ ކޯޗް ހޯޒޭ މޮރީނިއޯއަށް އެވަރުގެ އިތުބާރެއް އޮތްއިރު، ޕޮގްބާބެ އިސްތަށިގަނޑު ތަފާތު ގޮތްގޮތަށް ފަރުމާކޮށް، ތައްޔާރުކޮށްދޭ އޭނާގެ ބޯކޮށައިދޭ މީހާ ވަނީ، އޭނާގެ އަމިއްލަ އިންސްޓަގްރާމަށް ޕޮގްބާގެ ފޮޓޯއަކާއެކު މެންޗެސްޓާ ޔުނައިޓެޑަށް ޕޮގްބާ ބަދަލުވާން އުޅޭކަން ޔަގީންވާ ފަދަ އިބާރާތަކުން ފޮޓޯގެ ކެޕްޝަން ލިޔެ ޕޯސްޓެއް ކޮށްފައެވެ. އެހެން ނަމަވެސް އެ ޕޯސްޓަށް މީޑިއާގެ ސަމާލުކަން ލިބުނު ފަހުން އޭނާ ވަނީ އެ ޕޯސްޓް ޑިލީޓްކޮށްލައިފައެވެ.
Paul Pogba's barbers deleted his Instagram post possibly revealing Pogba's transfer to United.#MUFCpic.twitter.com/ecRzghsqZN
— Busby Bulletin (@BusbyBulletin)July 21, 2016
"ޕޮގްބާގެ އިސްތަށިގަނޑުގެ ކުލަވެސް އެބަޖެހޭ އޭނާގެ އާ ޓީމާ ގުޅޭގޮތަށް ބަދަލުކުރާން. manchesterunited #lyfebrand#" ޕޮގްބާގެ ބޯކޮށާ މީހާ ޑިލީޓްކޮށްލި އިންސްޓަގްރާމް ފޮޓޯގެ ކެޕްޝަންގައި ވެއެވެ.