މިދިޔަ އަހަރު ނިމުނު އިރު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށް ލިބެންޖެހޭ 1.2 މިލިޔަނަށް ވުރެ ގިނަ ރުފިޔާ އެ ކޮމިޝަނުން ހޯދާފައި ނުވާ ކަމަށާއި ބަޖެޓުގެ އިތުރަށް ޚަރަދުކޮށްފައިވާ ކަމަށް އޮޑިޓާ ޖެނެރަލް ވިދާޅުވެފައިވާ ވިދާޅުވުމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ރައްދު ދީފި އެވެ.

މިދިޔަ ހޯމަ ދުވަހު އޮޑިޓާ ޖެނެރަލް ނެރުއްވި ހިއުމަން ރައިޓްސް ކޮމިޝަނުގެ 2015 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓުގައި ބުނެފައިވަނީ، އެޗްއާރުސީއެމްގެ މިދިޔަ އަހަރު ހިއުމަން ރައިޓްސް ކޮމިޝަނުގެ ޚަރަދުތައް ރަނގަޅަށް ބަލަހައްޓާފައި ނުވާ ކަމަށާއި ވަކި ކަމަކަށް ޚަރަދު ކުރުމަށް ކަނޑައަޅާފައިވާ ފައިސާ، އެހެން ކަންކަމަށް ކަނޑައަޅާފައި ހުރި ބަޖެޓުތަކުން ޚަރަދު ކޮށްފައިވާ ކަމަށެވެ.

އަދި އެކަމުގެ ތެރެއިން ކޮމިޝަނަށް މިދިޔަ އަހަރަށް ކަނޑައަޅާފައިވާ ޖުމްލަ ބަޖެޓަށް ވުރެ 97،569 ރުފިޔާ އިތުރަށް ޚަރަދު ކޮށްފައިވާ ކަމަށް

މިކަމަށް ރައްދު ދެއްވައި، އެޗްއާރުސީއެމްއިން މިއަދު ބުނީ ސެންޓްރަލް ޕޭމެންޓް ސިސްޓަމް (ސެޕް ނިޒާމު)ން ޚަރަދު ކުރެވޭނީ ބަޖެޓު ކޯޑު އައިޓަމްގައި ފައިސާ ހުރުމުން އެކަނި ކަމަށެވެ.

"ދައުލަތުގެ މާލީހިސާބުތައް ބެލެހެއްޓުމަށްޓަކައި ދައުލަތުގެ ހުރިހާ މުއައްސަސާއަކުންވެސް ބޭނުންކުރަމުންދާ ސެޕް ސިސްޓަމަކީ ހަމައެކަނި ދައުލަތުގެ މާލީވުޒާރާގެ ބެލެހެއްޓުމުގެ ދަށުން ކުރިއަށްގެންދާ ސިސްޓަމަކަށް ވީހިނދު މިސިސްޓަމަށް ގެންނަ އުނިއިތުރު ގެނެވޭނީވެސް ހަމައެކަނި މިނިސްޓްރި އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށެވެ. އެހެންކަމުން މިކޮމިޝަނަށް 2015 ވަނަ އަހަރަށް ލިބިފައިވާ ބަޖެޓަށްވުރެ އިތުރަށް ޚަރަދުކުރެވޭނެ ފުރުޞަތެއް ނެތް،" އެޗްއާރުސީއެމްގެ ބަޔާނުގައި ބުނެފައި ވެ އެވެ.

އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވާ ދެވަނަ މައްސަލައަކީ 2011 ވަނަ އަހަރުން 2014 ވަނަ އަހަރަށް ހިއުމަން ރައިޓްސްގެ ދާއިރާއިން ކޯސްތަކެއް ފުރިހަމަ ކުރުމަށް ހަތަރު މުވައްޒަފަކު އެއް އަހަރު ދުވަހުގެ މުއްދަތަކަށް ސްކޮލަޝިޕުގައި ރާއްޖެއިން ބޭރަށް ފޮނުވި އިރު، އެ ހަތަރު މުވައްޒަފުން ވެސް ކޯސް ފުރިހަމަ ނުކޮށް އެނބުރި މާލެ އައި އިރު، އެމީހުންގެ ފަރާތުން ކޮމިޝަނުން ކުރި ޚަރަދުގެ ބަދަލު ހޯދާފައި ނުވާ މައްސަލަ އެވެ.

އޮޑިޓު ރިޕޯޓުގައި ބުނެފައިވަނީ އެ ޚަރަދުގެ ގޮތުގައި އެޗްއާރުސީއެމްގެ ބަޖެޓުން 1،158،700 ރުފިޔާ ޚަރަދު ކޮށްފައިވާ އިރު، އޭގެ ބަދަލުގައި އެއްވެސް ފައިސާއެއް ހޯދިކަން އެނގިފައި ނުވާ ކަމަށެވެ.

މި މައްސަލައިގައި އެޗްއާރުސީއެމުން ބުނީ މިގޮތުން ކޮމިޝަނުގެ ޚަރަދުގައި ކޯސްތަކުގައި ބައިވެރިވެ، ނަމަވެސް ކޯސް ނުކުރާ ފަރާތްތަކުން ހޯދަންޖެހޭ ފައިސާ ދައްކާނެ ގޮތުގެ ތާވަލެއް ތައްޔާރުކޮށްފައިވާ ކަމަށާއި، ތާވަލާ އެއްގޮތަށް ފައިސާ ލިބޭ ވަރަކުން ދައުލަތުގެ ބަޖެޓަށް ޖަމާކުރެވޭނެ ކަމަށެވެ.

މީގެ އިތުރުން ރަސްމީ ކަންކަމުގައި ރާއްޖެއިން ބޭރަށް ދިއުމަށް މަތިންދާ ބޯޓު ޓިކެޓު ނެގުމަށް ފަހު ޓިކެޓު ކެންސަލް ކޮށް، ޓިކެޓު ރީފަންޑުގެ ގޮތުގައި މިދިޔަ އަހަރާ ހަމައަށް 52،423 ރުފިޔާ ލިބެން ޖެހޭ ކަމަށް ވެސް އޮޑިޓު ރިޕޯޓުގައި ބުނި އިރު، އެޗްއާރުސީއެމުން ބުނީ ދަތުރުތައް ކެންސަލް ކޮށްފައިވާނީ ރާއްޖެއިން ބޭރުގައި ކޮމިޝަން ތަމްސީލް ކުރަންޖެހޭ ބައްދަލުވުމަށް ދިޔުމަށް ބޭނުންވާ ވިސާ ހަމަނުޖެހި، ދަތުރު ދެވޭ ގޮތްނުވުމުގެ ސަބަބުން ކަމަށާއި ދަތުރުގެ ޓިކެޓް ފައިސާ ރީފަންޑްކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

އަދި އެ ފައިސާ ވެސް ކޮމިޝަނަށް ލިބޭހާ އަވަހަކަށް ދައުލަތުގެ ބަޖެޓަށް އެފައިސާ އަނބުރާ ޖަމާކުރާނެ ކަމަށް އެޗްއާރުސީއެމްއިން ބުނެ އެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުގެ ރައީސާގެ މަގާމުގައި މިދިޔަ އަހަރު ހުންނެވީ މަރިޔަމް އަޒްރާ އަހްމަދެވެ. އޭނާއާއި ކޮމިޝަނުގެ ގިނަ މެމްބަރުންގެ ދައުރު ހަމަވުމުގެ ސަބަބުން މިދިޔަ އަހަރު އެ ކޮމިޝަނަށް އާ މެމްބަރުން ވަނީ ހޮވައިފަ އެވެ. ކޮމިޝަނުގެ ކުރީގެ ރައީސާ އަޒްރާގެ ދައުރު ހަމަވި އިރު އޭނާ ވަނީ ސަރުކާރުގެ ސިޔާސީ މަގާމެއް ކަމުގައިވާ ޖެންޑާ މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރުގެ މަގާމަށް އައްޔަނު ކޮށްފަ އެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުގެ މިހާރުގެ ރައީސާއަކީ އައިމިނަތު އީނާސް އެވެ.