ލިވްއަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބާއްވާ މޯލްޑިވްސް މެރިން އެކްސްޕޯގެ ތިންވަނަ އެޑިޝަންގެ ބްރޯޑްކާސްޓިން ޕާޓްނަރާއި ހޯސްޓިން ޕާޓްނަރު ހަމަޖައްސައި، ޕާޓްނަޝިޕް އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

މެރިން އެކްސްޕޯގެ ބްރޯޑްކާސްޓިން ޕާޓްނަރުގެ ގޮތުގައި ހަމަޖެއްސީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އެވެ. އަދި ހޯސްޓިން ޕާޓްނަރުގެ ގޮތުގައި ހަމަޖެއްސީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އެވެ.

މެރިން އެކްސްޕޯ އިންތިޒާމުކޮށް، އެ ހަރަކާތް ބާއްވައިދެނީ އިވެންޓް އޯގަނައިޒިން ކުންފުނި ބްލަކް ޕްރައިވެޓް ލިމިޓެޑުންނެވެ.

މިއަދު ދިވެހިރާއްޖޭގެ އަޑުގެ ސެނަކޯ މާލަމުގައި އޮތް ރަސްމިއްޔާތެއްގައި، މި ދެ ފަރާތާ އެކު ޕާޓްނަޝިޕް އެއްބަސްވުމުގައި ބްލަކްއިން ވަނީ ސޮއިކޮށްފަ އެވެ.

ޕީއެސްއެމްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ސީއޯއޯ މުހައްމަދު ސައީދެވެ.

އެޗްޑީސިީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެޗްޑީސީގެ ފިނޭންސް ޑައިރެކްޓަރ އަލީ ޝަރީފް އެވެ.

ދެ އެއްބަސްވުމުގައި ވެސް ބްލަކްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ހުޝާމް އެވެ.

މި ހަފްލާގައި ވާހަކަ ދައްކަވަމުން ބްލަކްގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ހުޝާމް ވިދާޅުވީ މެރިން އެކްސްޕޯ އަހަރުން އަހަރަށް ތަރައްގީވެ، ބޮޑުވަމުންދާ އިރު އެ މައުރަޒާ ބެހޭ މައުލޫމާތުތައް ގިނަ ފަރާތްތަކަކަށް ފޯރުކޮށްދިނުމަށްޓަކައި ރާއްޖޭގައި ބްރޯޑްކާސްޓިން ޚިދުމަތް އެންމެ ފުރިހަމަކަމާ އެކު ކުރާ ފަރާތާ ޕާޓްނަރުވުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

މެރިން އެކްސްޕޯގެ ހޯސްޓިން ޕާޓްނަރު އެޗްޑީސީގެ ފިނޭންސް ޑިރެކްޓަރ އަލީ ޝަރީފް އަދި ބްލަކްގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ހުޝާމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރިޔަށް އޮތް ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުން 30 ވަނަ ދުވަހަށް ބާއްވާ މި އެކްސްޕޯގައި އެވެ. އޭގެ ތެރޭގައި މެރިން އިންޑަސްޓްރީގެ މާހިރުންނާއި ސްޕެޝަލިސްޓުންގެ ވާހަކަތައް ގެނެސްދޭ "މެރިން ޓޯކްސް" ޓޯކްޝޯއާއި، ވޯޓާ ސްޕޯޓްސް މުބާރާތަކާއި އާޓް އެގްޒިބިޝަނެއް ހިމެނެ އެވެ. މީގެ އިތުރުން އެކްސްޕޯގައި ބައިވެރިވާ އެގްޒިބިޓަރުންނަށް އެވޯޑު ދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

މެރިން އެކްސްޕޯ ބާއްވަން ހަމަޖެހިފައިވަނީ ހުޅުމާލޭގަ އެވެ. މިއަދުގެ ރަސްމިއްޔާތުގައި އެޗްޑީސީގެ ފިނޭންސް ޑައިރެކްޓަރ އަލީ ޝަރީފް ވިދާޅުވީ އެކްސްޕޯ ބާއްވާނީ ހުޅުމާލޭގައި އެސްޓީއޯއިން އިމާރާތް ކުރަމުން އައި ސަރަހައްދުން ވޯޓާ ފްރަންޓުގައި ކަމަށެވެ.

މޫދު ސަރަހައްދު ނުލައި، ހުޅުމާލެއިން 10،000 އަކަ މީޓަރުގެ ސަރަހައްދެއް މި އެކްސްޕޯއަށް ހުޅުމާލެއިން ބޭނުން ކުރާނެ ކަމަށް ބްލަކްއިން ބުނެ އެވެ.

މޯލްޑިވްސް މެރިން އެކްސްޕޯ 2016ގެ މެއިން ސްޕޮންސާއަކީ އެމްޓީސީސީ އެވެ. ކޯ ސްޕޮންސާއަކީ މެރީން އިކުއިޕްމެންޓްސް އެވެ.

މެރިން އެކްސްޕޯގެ ތިން ވަނަ އެޑިޝަންގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިނެވެ.