21 Jul 2016, 17:02
ސަރުކާރުން އިސްނަގައިގެން ފައްޓާފައިވާ، ސިޔާސީ ޕާޓީތަކަކުގެ މަޝްވަރާތައް މިހާރަށް ވުރެ ކާމިޔާބުކަމާ އެކު ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން އދ. އިން ކަނޑައަޅާފައި ހުންނަވާ މަންދޫބު މރ. ތަމްރަތު ސެމިއުލާ ރައީސް އަބްދުﷲ ޔާމީނު މަޝްވަރާ ކުރައްވައިފި އެވެ.
ރައީސް އޮފީހުން މިއަދު ބުނީ ތަމްރަތް ސަމައުލް މިއަދު ރައީސް ޔާމީނުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވާފައިވާ ކަމަށެވެ.
ރައީސް އޮފީހުން ބުނީ މަޝްވަރާތައް ކުރިއަށް ގެންދިއުމުގައި އދ. އިން ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށް ޓަކައި ރައީސް ޔާމީން ޝުކުރު އަދާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މިދޔަ ހޯމަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މަޝްވަރާތަކުގައި ސަރުކާރުގެ ފަރާތުން އެންމެ އިސްކޮށް ހުންނަވާ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ އަށް ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައި އަދި ވެސް ބައިވެރިކުރަން ސަރުކާރުން ތައްޔާރަށް އޮތް ކަމަށެވެ.

ރައީސް ޔާމީނާ އދ.ގެ މަންދޫބު މިއަދު ބައްދަލުކުރައްވަނީ: ތަމްރަތު ގެންދަވަނީ ސަރުކާރުގެ އިތުރުން އެހެން ބައެއް ފަރާތްތަކާ ވެސް ބައްދަލު ކުރައްވަމުން.-- ފޮޓޯ: ރައީސް އޮފީސް
ޝައިނީ ވިދާޅުވީ، ސަރުކާރުން ނިންމާ ނިންމުންތަކަކީ ވަރަށް ވިސްނުންތެރިކަމާ އެކު ނިންމާ ނިންމުންތަކެއް ކަމަށެވެ. އަދި އެ ނިންމުންތައް ސަރުކާރުން ނިންމަނީ އިހުލާސްތެރިކަމާ އެކުގައި ކަމަށް ޝައިނީ ވިދާޅުވި އެވެ. ޝައިނީ ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ މަޝްވަރާ އަންގާރަ ދުވަހު ފަށާނެ ކަމަށް ވިދާޅުވެފަ އެވެ.
ސަރުކާރުން ސިޔާސީ ޕާޓީތަކާ އެކު މަޝްވަރާ ކުރުމަށް އަނެއްކާ ވެސް ތައްޔާރުވެފައި ވަނިކޮށް އެކަމާ ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ސިޔާސީ ލީޑަރުން ރަހީނުންގެ ގޮތުގައި ބައިތިއްބައިގެން ހަމަހަމަ މަޝްވަރާތަކެއް ކުރިއަށް ނުދާނެ ކަމަށެވެ.
ނަޝީދު ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ މަޝްވަރާ ކުރިއަށް ގެންދަން ސަރުކާރުން ބޭނުން ނަމަ ސިޔާސީ ލީޑަރުން މިނިވަން ކުރަން ޖެހޭނެ ކަމަށެވެ.