21 Jul 2016, 16:47
ދ. މާއެނބޫދޫ އަށް އުދައަރަމުންދާތާ ގާތްގަނޑަކަށް ތިން ދުވަސް ވެފައިވާ ކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.
މާއެނބޫދޫ ކައުންސިލްގެ ރައީސް މުހައްމަދު ނަސީމް މިއަދު "ސަން" އަށް ވިދާޅުވީ، މޫސުން ގޯސްވެ ކަނޑު ގަދަވާގޮތް ވެއްޖެ ނަމަ އެ ރަށަކީ އާދައިގެމަތިން ވަރަށް ގަދަޔަށް އުދަ އަރަމުން އަންނަ ރަށެއް ކަމަށެވެ.

މާއެނބޫދޫ އަށް އުދަ އަރާފައި ---- ފޮޓޯ: ސަފާރީ/ މާއެނބޫދޫ
އެގޮތުން ފާއިތުވީ ދެތިން ދުވަހެއްގައި ވެސް އެރަށު ހުޅަނގު ފަރާތުން ގިރަމުން އަންނަ ސަރަހައްދުން ދިޔަބޮޑުވާ ގަޑީގައި އުދަ އަރާކަމަށް ނަސީމް ވިދާޅުވި އެވެ.
ނަސީމް ވިދާޅުވީ މީހުން ދިރިއުޅެނީ އުދައަރާ ދިމާލުން ގާތްގަނޑަކަށް 150 ފޫޓު ރަށުތެރެއަށްވާ ހިސާބުގައި ކަމަށެވެ. އަދި މަގުންލާފައި އުދައިގެ ރާޅުގަނޑު މީހުން ދިރިއުޅޭ ގެތަކާ ހަމައަށް ގޮސްފައިވާ ކަމަށް ނަސީމް ވިދާޅުވި އެވެ. ނަމަވެސް ގެއަކަށް ލޮނުވަދެ ގެއްލުން ވެފައިވާ ކަމުގެ މައުލޫމާތެއް މިހާތަނަށް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މާއެނބޫދޫ އަށް އުދަ އަރާފައި ---- ފޮޓޯ: ސަފާރީ/ މާއެނބޫދޫ
ނަސީމް ވިދާޅުވީ އުދަ އަރަމުން އަންނަ ސަރަހައްދަކީ ކުދި ބޮއްކުރާ އަދި ޑިންގީ ފަދަ އުޅަނދުތައް ކުދި ކުދި މަރާމާތުތައް ކޮށްލުމަށް އެހެލާ ސަރަހައްދެއް ކަމަށެވެ. އަދި އުދައިގެ ސަބަބުން އެތަކެއްޗަށް ގެއްލުންވެފައިވާ ކަމަށް ނަސީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އާންމުކޮށް އުދަ އަރަނީ އެ ރަށު އުތުރު ފަރާތާއި ދެކުނު ފަރާތަށް ކަމަށެވެ. ނަމަވެސް އުތުރުފަރާތުގައި ބޮޑުހިލަ ޖެހިފަހުން އެ ސަރަހައްދަށް އުދައެރުން ހުއްޓިފައިވާ ކަމަށާއި މިހާރު އުދަ އަރަނީ ބަނދަރު ހެދުމަށް ކޮނުނު ސަރަހައްދުން ކަމަށެވެ.

މާއެނބޫދޫ ގިރަމުން އަންަނަ ސަރަހައްދު ---- ފޮޓޯ: ސަފާރީ/ މާއެނބޫދޫ
މިހާރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވެފައިވާ އިރު، ގިނަ ރަށްތަކަކަށް ދަނީ އުދައަރައި ގެއްލުންތަކެއް ލިބެމުންނެވެ. އެގޮތުން ކ. އަތޮޅުގެ ބައެއް ރަށްރަށަށް އަދި އއ. އަތޮޅުގެ ބައެއް ރަށްތަކަށް ވެސް މިއަދު ވަނީ އުދައަރައި ގެއްލުންތަކެއް ވެފަ އެވެ.
އަދި ގއ. ގދ. އަތޮޅު އަދި ލ،. އަތޮޅުގެ ރަށްރަށަށް އިއްޔެ ވެސް ވަނީ އުދައަރައި ގެއްލުންތަކެއް ވެފަ އެވެ.