ވޮޝިންޓަން (ޖުލައި 21): އިސްލާމިކް ސްޓޭޓް (އައިއެސް)އާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ އެމެރިކާ އިސްވެ އޮންނަ ކޯލިޝަނުން އައިއެސް ބަލި ކުރާނެ ސްޓްރެޓެޖީއަކާ ބެހޭ ގޮތުން އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް އެމެރިކާގެ ޑިފެންސް ސެކްރެޓަރީ އޭޝް ކާޓާ ވިދާޅުވެއްޖެ އެވެ.

ތިރީހަށް ވުރެ ގިނަ ގައުމުގެ ރިޕްރެޒެންޓޭޓިވުންނާ އެކު ވޮޝިންޓަންގައި ބޭއްވި ބައްދަލުވުމުގައި މަޝްވަރާކޮށްފައި ވަނީ އައިއެސް ބަލި ކުރުމަށާއި އޭގެ ފަހުން އައިއެސްގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކަށް ހަމަޖެހުން ގެންނާނެ ގޮތަކާ ބެހޭ ގޮތުން ކަމަށް ކާޓާ ވިދާޅުވި އެވެ.

އަދި އައިއެސްއާ ދެކޮޅަށް އެމެރިކާ އާއި އެ ގައުމާ އެއްބައިވާ ގައުމުތަކުގެ އަސްކަރީ ހަރަކާތްތައް އިތުރު ކުރުމުން އައިއެސްގެ ހަނގުރާމަވެރިން ސީރިއާގެ ރައްގާއަށާއި އިރާގުގެ މޯސުލްއަށް ފަހަތަށް ޖައްސައި، އެމީހުން ވަށާލެވޭނެ ކަމަށް ކާޓާ ވިދާޅުވި އެވެ.

މީގެ އިތުރުން، އައިއެސްއާ ހަނގުރާމަ ކުރަމުންދާ އިރާގާއި ކުރުދީ ހަނގުރާމަވެރިން ތަމްރީނު ކުރަމުންދާ އިނގިރޭސިވިލާތުގެ ފައުޖުތަކުގެ އަދަދު ދެގުނައަށް އިތުރު ކުރާނެ ކަމަށް އިނގިރޭސިވިލާތުގެ ޑިފެންސް ސެކްރެޓަރީ މައިކެލް ފެލަން ވިދާޅުވި އެވެ. (ބީބީސީ)