21 Jul 2016, 14:54
ސްރީލަންކާ އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ޕްރޮސެކިއުޓަރު ޖެނެރަލް އައިޝަތު ބިޝާމް އެ ގައުމުގެ ޖަސްޓިސް މިނިސްޓަރު ވިޖެޔަދާސް ރާޖަޕަކްސައާ ބައްދަލުކުރައްވައިފި އެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ އެ ދަތުރުފުޅުގައި ވިޖެޔަދާސް އާ ބައްދަލުކުރައްވައި މޯލްޑިވްސް ޕޮލިސް ސަވިސް އިން ކުރައްވަމުން ގެންދަވާ ޖިނާއީ ބައެއް ތަހްގީގްތަކާ ގުޅިގެން ސްރީލަންކާ ސަރުކާރު މެދުވެރިކޮށް ހޯއްދެވުމަށް ބޭނުންފުޅުވާ ގާނޫނީ އެހީތެރިކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
އޭގެ އިތުރުން ދިވެހި ރާއްޖެއާއި ސްރީލަންކާ އާދެމެދު ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމާ ބެހޭ ޓްރީޓީ އެއްގައި ސޮއިކުރުމާ މެދު ވެސް އެދެބޭފުޅުން މަޝްވަރާކުރައްވާފައިވާ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފަ އެވެ.
ޖިނާއީ މައްސަލައެއްގައި ދިވެހިރާއްޖޭގެ ފަރާތުން ބައިނަލްއަޤްވާމީ އެހީއަށް އެދޭ ނަމަ، އެކަންކުރާނީ ޕްރޮސިކިއުޓަރު ޖެނެރަލް ކަމަށް ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނުގައި ވަނީ ބުނެފަ އެވެ.
އަދި އެ ގާނޫނުގެ ދަށުން ޖިނާއީ މައްސަލަތަކުގައި އެހީފޯރުކޮށްދިނުން އެދި ބޭރު ގައުމުތަކުން ދިވެހިރާއްޖެ އަށް ހުށަހަޅާ ހުށަހެޅުންތައް ވެސް ހުށަހަޅާނީ ވެސް ޕްރޮސިކިއުޓާ ޖެނެރަލް އެވެ.