މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲ ގެއްލުނު މައްސަލާގައި ތުހުމަތުކޮށް ހައްޔަރުކުރި ދެ މީހުން ކޯޓުން ދޫކޮށްލައިފި އެވެ.

އެ މައްސަލައިގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ ރިލްވާން ގެއްލުނުރޭ އޭނާ ގަދަކަމުން އެރުވި ކަމަށް ބުނާ ރަތްކާރުގެ ވެރިޔާ ކަމުގައިވާ ހ. ހިލްޓަން އަޙްމަދު އާލިފް ރައޫފާއި ހުޅުމާލޭގައި އެ ކާރު ގެންގުޅުނު ކަމަށް ބުނާ ގދ. ވާދޫ، ކަރަންކާގޭ މުހައްމަދު ނޫރައްދީނެވެ.

އެ ދެ މީހުން ވެސް ކޯޓުން ދޫކޮށްލާފައިވާކަން ފުލުހުން ވަނީ 'ސަން' އަށް ކަށަވަރުކޮށްދީފަ އެވެ. އެ މައްސަލައިގެ ތުހުމަތަށް ފުލުހުން އެމީހުން ހައްޔަރުކުރީ މިއަހަރުގެ އޭޕްރީލް ފަސް ވަނަ ދުވަހު އެވެ. އަދި އެމީހުންގެ ބަންދުގެ އެކި ފަހަރުމަތިން ޖެހުމަށް ފަހު އިއްޔެ ވަނީ އެމީހުން ދޫކޮށްލައިފަ އެވެ.

ރިލްވާން ގެއްލިފައި ވަނީ 2014 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 7 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ.

އެ މައްސަލައާ ގުޅިގެން މި އަހަރުގެ އޭޕްރީލް މަހުގެ ދެވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަތީހު ވިދާޅުވީ، ރިލްވާން ގެއްލުނުރޭ އެކާރު އޮތް ސަރަހައްދުން ތިން ފަހަރު މީހެއްގެ ހަޅޭކުގެ އަޑު އިވުނު ކަމަށާއި އެއިރު އެކާރުގެ ވައަތްފަރާތު ދޮރު ހުޅުވިފައި ހުރި އިރު، އެ ދޮރުން އަތެއް ދިއްކުރަނިކޮށް ފެނިފައިވާ ކަމަށް މަންޒަރު ދުށް މީހުން ތަހުގީގަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، ރިލްވާން ގެއްލިފައި ވަނީ ދުރާލައި ރާވައިގެން ބަޔަކު ކުރި ކަމެއްގެ ސަބަބުން ކަމަށެވެ. ރިލްވާނަށް ފާރަލުމުގައި އެންމެ އިސްކޮށް އުޅުނީ ސ. ހުޅުދޫ އަތިރީއާގޭ މުހައްމަދު ސުއައިދު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރިލްވާން ގަދަކަމުން އެރުވި ކަމަށް ބުނާ ކާރުގެ ވެރިފާރަތް ކަމުގައިވާ އާލިފް ރައޫފާއި ސުއައިދަކީ ގާތް ދެ ރަހުމަތްތެރިން ކަމަށާއި އެ ދެ މީހުންނަކީ ވެސް ކުޑަހެންވޭރު ގްރޫޕަށް ނިސްބަތްވާ ދެ މީހުން ކަމަށް އޭނާ ވިދާޅުވި އެވެ.

ރިލްވާންގެ ފޯނުގެ ނެޓުވޯކް ގެއްލިފައިވާ ހިސާބެއް ބެލުމަށް ކުރި މަސައްކަތުން އެ ފޯނު އޭގެ ޒާތުގައި ސުވިޗް އޮފްކޮށްލާފައިނުވާކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ވެސް ސަތީހު ވިދާޅުވި އެވެ.

މިހާތަނަށް ތަހުގީގުން ހޯދުނު ހޯދުންތަކުން ރިލްވާނަށްވީ ކިހިނެތް ކަމެއް އަދި ބުނެދޭން ނޭނގޭ ކަމަށާއި އެ މައްސަލަ އަދި ވެސް ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ޝަތީހު ވަނީ ވިދާޅުވެފަ އެވެ.