އަންކަރާ (ޖުލައި 21) : ތުރުކީއަށް ގެންނަން މަސައްކަތްކުރި ނާކާމިޔާބު އިންގިލާބާ ގުޅިގެން އެގައުމުގެ ސަލާމަތީ ބާރުތަކުން ސިފައިންނާއި ފުލުހުންނާއި އެނޫން ވެސް މުއައްސަސާތަކުގެ މުވައްޒަފުންނާއި އާންމުން ހިމެނޭ ގޮތަށް އެތައް ހާސްބަޔަކު ހައްޔަރުކޮށް ގިނަ ދައަދަދެއްގެ ބަޔަކު ވަޒީފާ އިން ވަކިކުރުމަށް ހިންގަމުން ގެންދާ އަމަލުތައް ދިފާއު ކުރައްވައި އެގައުމުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވާހަކަ ދައްކަވައިފި އެވެ.

އަލްޖަޒީރާ އަށް ދެއްވި ބަސްދީގަތުމެއްގައި އުރުދުޣާން ވިދާޅުވީ އޭނާގެ ސަރުކާރުން ކުރަމުންގެންދަނީ އިންގިލާބީންގެ ކިބައިން ތުރުކީގެ ވެރިކަމުގެ ނިޒާމާއި ޑިމޮކްރަސީ ހިމާޔަތް ކުރުމުގެ މަސައްކަތް ކަމަށާއި މިފަދަ ހާލަތެއް މެދުވެރި ވެއްޖެ ނަމަ ކޮންމެ ގައުމަކުން ވެސް މިގޮތަށް އަމަލުކުރާނެ ކަމުގަ އެވެ. އުރުދުޣާން ވިދާޅުވީ އިންގިލާބަށް ތާއީދުކުރާ އެތައް ބަޔަކު ސަރުކާރުގެ އެކި މުއައްސަސާތަކުގައި އެބަތިބިކަމަށާއި އޭގެ ތެރިން ގިނަ ފަރާތްތައް އިންގިލާބަށް ތާއީދުކޮށް އެކަމަށް އެހީތެރިވެފައިވާ ކަމުގަ އެވެ.

ތުރުކީ ސިފައިންގެ ކޮމާޑަރަކު ހައްޔަރުކުރަނީ

މިމޭރުމުން ވާހަކަ ދައްކަވަމުން އުރުދުޣާން ވިދާޅުވީ އެމެރިކާ އަށް ކުރިމަތިވި ސެޕްޓެމްބަރު 11 ގެ ހަމަލާތަކާ ގުޅިގެން އެމެރިކާވެސް ގޮތެއް ފޮތެއް ނުބަލައި އެތައް ބަޔަކު އެމެރިކާގެ ތެރެއިން ހައްޔަރުކޮށްފައިވާ ކަމަށާ އަދި ގައުމުތަކަށް އަރައިގަނެ ޓެރަރިސްޓުންކަމަށް ތުހުމަތުކޮށް އެތައް ހާސްބަޔަކު ގުއަންޓެނާމޯ ޖަލާއި އެމެރިކާ އެކި ގައުމުތަކުގައި އުފައްދާފައިވާ ސިއްރު ޖަލުތަކުގައި ހައްޔަރުކޮށްފައިވާ ކަމުގަ އެވެ. އަދި ފަރަންސޭސިވިލާތުގައި ދާދިފަހުން ހިންގި ލޮރީއަކުން ބައެއްގެ ގައިގައި ޖައްސައި އެކްސިޑެންޓް ކޮށްލި މައްސަލައާގުޅިގެންނާ އަދި މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ޕެރިހަށްދިން ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން ވެސް ހައެއްކަ ހާހަށް ވުރެ ގިނަ މީހުން ފަރަންސޭސި ސަރުކާރުން ހައްޔަރުކޮށްފައިވާ ކަމުގައެވެ.

އެގައުމުތަކުން އެގޮތަށް ކަންތައްތައް ކުރިއިރު ތުރުކީން އެ ގައުމުތަކަށް ފާޑު ނުކިޔާ ކަމަށާއި އެހެންކަމުން ތުރުކީއަށް ކުރިމަތިވެގެން މިއުޅޭ މައްސަލައާ ގުޅިގެން މީހުން ހައްޔަރުކޮށް ޝަރީއަތް ހިންގުމަށް ތުރުކީން އަޅާ ފިޔަވަޅުތަކަށް ފާޑުކިޔުމުގެ ހައްގު އެގައުމުތަކަށް ނޯންނާނެ ކަމަށް ވެސް އުރުދުޣާން ވިދާޅުވި އެވެ. ތުރުކީއަށް ގެންނަން އުޅުނު އިންގިލާބާ ގުޅިގެން އެގައުމުގެ ސަލާމަތީ ބާރުތަކުން ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކުރާތީ ތުރުކީއަށް ފާޑުކިޔާ ހުޅަނގުގެ ގައުމުތަކުގެ ތެރޭގައި އެމެރިކާއާއި ފަރަންސޭސިވިލާތް ހިމެނެ އެވެ. އުރުދުޣާން ވިދާޅުވީ އޭނާގެ ސަރުކާރުން މީހުން ހައްޔަރުކުރަނީ ގާނޫނުގެ އިމުގެ ތެރޭގައި ކަމަށާ ކުށްސާބިތު ނުވާ ނަމަ ހައްޔަރު ކުރާމީހުން މިނިވަންކުރާނެ ކަމުގައެވެ.

ތުރުކީގެ ސަލާމަތީ ބާރުތަކުން ހައްޔަރުކުރަމުންދާ މީހުންގެ ތެރޭގައި އެގައުމުގެ ސުޕްރީމް ކޯޓު (ދަސްތޫރީ އެންމެމަތީ ކޯޓު)ގެ ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންވެސް ހިމެނޭކަމަށް ވެ އެވެ. ތުރުކީގެ ޚަބަރުފަތުރާ ވަސީލަތްތައް ބުނާގޮތުން އެގައުމަށް ގެންނަން މަސައްކަތްކުރި ނާކާމިޔާބު އިންގިލާބާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ސުޕްރީމް ކޯޓުގެ ދެފަނޑިޔާރުން ކަމަށްވާ އަލްބު އަރްސަލާން އާއި އުރްދާލް ތިރްޖާން ހިމެނެ އެވެ.

ތުރުކީގެ ދިފާއީ ވުޒާރާ ބުނާގޮތުން އިންގިލާބީ ހަރަކާތާ ގުޅިގެން މިހާތަނަށް ވަނީ 8،500 މީހުން ހައްޔަރުކޮށް 58،000 މީހުން ވަޒީފާ އިން ވަކިކޮށްފަ އެވެ. ވަޒީފާއިން ވަކިކުރި މީހުންގެ ތެރޭގައި ތުރުކީގެ އެކިސްކޫލްތަކުގެ ޓީޗަރުންނާއި ޕްރިންސިޕަލުންނާއި ޔުނިވަރސިޓީތަކުގެ ޑީން ފެންވަރުގެ ބޭފުޅުންނާއި ޕްރޮފެސަރުންނާއި ލެކްޗަރާއިންނާއި ސިވިލްސާވިސް މުވައްޒަފުން ހިމެނެ އެވެ. ފަނޑިޔާރުންނާއި ޕްރޮސެކިއުޓަރުންގެ ތެރެއިން ވެސް އެތައް ބަޔަކު ވަޒީފާ އިން ވަކިކޮށްފައިވާ އިރު ފަނޑިޔާރުންނާއި ޕްރޮސެކިއުޓަރުންގެ ތެރެއިން 113 މީހުން ވަނީ އިންގިލާބާ ގުޅިގެން ހައްޔަރުކޮށްފަ އެވެ.

އިންގިލާބާ ގުޅިގެން މިހާތަނަށް ފިޔަވަޅު އެޅިމީހުންގެ ތެރޭގައި :

  • ތުރުކީ ސިފައިންގެ ތެރެއިން 7500 މީހުން ހައްޔަރުކޮށް ދިހަހާސް ސިފައިން ވަޒީފާއިން ވަކިކުރުން

  • ސިފައިންގެ ތެރެއިން ހަޔަރު ކުރިމީހުންގެ ތެރޭގައި އިސް ޖެނެރަލުންގެ 118 މީހުންނާއި އެނޫން އޮފްސަރުން ލެވެލްގެ 1300 މީހުން ހިމެނެ އެވެ.
  • ފުލުހުންގެ ތެރެއިން 8 ހާސްމީހުން ވަޒީފާއިން ވަކިކޮށް އެއްހާސް ފުލުހުން ހައްޔަރުކުރުން
  • ފަނޑިޔާރުންނާއި ޕްރޮސެކިއުޓަރުންނާއި އެނޫންވެސް ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ތެރެއިން 3 ހާސް މީހުން ވަޒީފާއިން ވަކިކޮށް ފަނޑިޔާރުންނާއި ޕްރޮސެކިއުޓަރުންގެ ތެރެއިން 113 މީހުން ހައްޔަރުކުރުން.
  • ތައުލީމީ ދާއިރާއިން 15200 މީހުން ވަޒީފާ އިން ވަކިކުރުން (ސަރުކާރު ސްކޫލްތަކުގެ) މީގެތެރޭގައި ގިނައީ ދީނީ ސްކޫލްތަކުގެ މުދައްރިސުންނާއި އިދާރީމީހުންނެވެ. ދީނީ ސްކޫލްތަކުގެ މުދައްރިސުންނާއި އިދާރީ މީހުންގެ ތެރޭގައި ރައީސް އުރުދުޣާންގެ ހަތުރުވެރި ދީނީ އިލްމުވެރިޔާ ފަތްހުﷲ ގުލެން އަށް ތާއީދުކުރާމީހުން ވަރަށް ގިނަ އެވެ.
  • ޕްރައިވެޓް ސެކްޓަރުގެ ސްކޫލްތަކުގެ ޓީޗަރުންގެ ތެރެއިން 21000 މީހުންގެ ކިޔަވައިދިނުމުގެ ލައިސަންސް ބާތިލް ކުރުން.
  • ޔުނިވަރސިޓީތަކުގެ ޑީން ފެންވަރުގެ ބޭފުޅުންނާއި ލެކްޗަރާއިންގެ ތެރެއިން 1577 މީހުން ވަޒީފާ އިން ވަކިކުރުން.
  • ސަރުކާރުގެ ދީނީ މުއައްސަސާތަކުގައި މަސައްކަތްކުރާ ދީނީ އިލްމުވެރިންގެ ތެރެއިން 492 މީހުން ވަޒީފާ އިން ވަކިކުރުން
  • މާލީ ވުޒާރާގެ ސިވިލްސާވިސް މުވައްޒަފުންގެ ތެރެއިން 1500 މީހުން ވަޒީފާއިން ވަކިކުރުން
  • ސޯޝަލް އެފެއާޒް ވުޒާރާގެ ސިވިލްސާވިސް މުވައްޒަފުންގެ ތެރެއިން 393 މީހުން ވަޒީފާއިން ވަކިކުރުން
  • ބޮޑުވަޒީރުގެ އޮފީހުގެ އެކި ލެވެލްގެ މުވައްޒަފުންގެ ތެރެއިން 257 މީހުން ވަޒީފާއިން ވަކިކުރުން
  • ޖާސޫސީ އިދާރާތަކުގެ އެކިލެވެލްގެ ވެރިންނާއި މުވައްޒަފުންގެ ތެރެއިން 100 މީހުން ވަޒީފާ އިން ވަކިކުރުން

މީގެއިތުރުން ވެސް އާންމުންގެ އެތައް ހާސް ބަޔަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އަދި މިހާރު ވެސް މީހުން ހައްޔަރުކުރުމުގެ ކަންތައް ކުރިޔަށްގެންދާއިރު މިދެންނެވި އަދަދުތަކަށް ކޮންމެ ދުވަހަކު ދަނީ ބަދަލުތައް އަންނަމުންނެވެ.

ހައްޔަރުކުރި ތުރުކީގެ އިސް ޖެނެރަލެއް

މިއީ 80 މިލިޔަން މީހުންގެ އާބާދީ އޮންނަ ތުރުކީގެ ފަހުގެ ތާރީޚެއްގައި މިހާ ގިނަ އަދަދެއްގެ މީހުން އެއް ކަމަކާ ގުޅިގެން ހައްޔަރުކޮށް އަދި މިހާ ގިނައަދަދެއްގެ މީހުން އެއްކަމަކާ ގުޅިގެން ވަޒީފާ އިން ވަކިކުރި ފުރަތަމަ ފަހަރެވެ. ތުރުކީ ސިފައިންނަކީ އެގައުމުގައި ވަރަށް ގަދަރާއި ޝަރަފު ލިބިގެންވާ ބައެއް ނަމަވެސް އިއްޒަތުގައި އުޅުއްވާ ސިފައިންގެ އިސް ޖެނެރަލުން ވެސް ހައްޔަރުކޮށްފައި ވަނީ ވަރަށް އިހާނާތްތެރި ގޮތްތަކަށް ކަމަށް ޚަބަރުތައް ބުނެ އެވެ.

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އަކީ އެގައުމުގައި އިސްލާމްދީނުގެ އިލްމާއި އަރަބި ތައްލީމް ފެތުރުއްވުމަށް އަމިއްލަ ފުޅު ގޮތުން ވެސް ވަރަށް އިސްކަން ދެއްވާ ބޭފުޅެކެވެ. ނަމަވެސް ނާކާމިޔާބު އިންގިލާބާ ގުޅުންހުރިކަށް ތުހުމަތުކޮށް އުރުދުޣާންގެ ސަރުކާރުން އެންމެ ގިނައިން ހައްޔަރުކުރަމުން ގެންދަނީ ދީނީ ސްކޫލްތަކާއި ގުރުއާން ކިޔަވައިދޭ ސްކޫލްތަކުގެ ވެރިންނާއި މުދައްރިސުންނެވެ. މީގެތެރޭގައި ސަރުކާރުން ހިންގާ ދީނީ ސްކޫލްތަކާއި ޕްރައިވެޓް ކޮށް ހިންގާ ސްކޫލްތަކުގެ ވެރިންނާއި މުދައްރިސުން ވެސް ހިމެނެ އެވެ. ދީނީ ސްކޫލްތަކާއި ގުރުއާން ކިޔަވައިދޭ ސްކޫލްތަކުގެ ވެރިންނާއި މުދައްރިސުންނަކީ އުރުދުޣާންގެ ކުރީގެ ރަހްމަތްތެރިޔާ އަދި މިހާރުގެ އެންމެ ބޮޑު ދުޝްމަން އިސްލާމީ އިލްމުވެރިއެއްކަމަށްވާ ފަހްތުﷲ ގުލެން އަށް ތާއީދުކުރާމީހުން ކަމަށްވެ އެވެ.

ފަތްހުﷲ ގުލެން

މުއްސަނދި މަހުޖަނެއްކަމަށްވާ ފަތްހުﷲ ގެ ޚައިރާތު ފައުންޑޭޝަނަކީ ގިނަ އަދަދެއްގެ ދީނީ ސްކޫލްތަކާއި ގުރުއާން ކްލާސްތައްވެސް ހިންގާ މުއައްސަސާއެކެވެ. އަދި ފަތްހުﷲ އަކީ ޔޫރަޕާއި އެމެރިކާގައި އިސްލާމް ދީން ފެތުމަށް ބޮޑެތި ޚަރަދުތަކެއް ކުރައްވާ ދާއިޔާއެއް ވެސް މެ އެވެ. އޭނާ ދިރިއުޅުއްވަނީ އެމެރިކާގެ ޕެންސިލްވީނިޔާގަ އެވެ. ތުރުކީގެ އިންގިލާބީ ހަރަކާތުގެ ފަހަތުގައިވާ ކަމުގެ ތުހުމަތު ކޮށްފައިވަނީ ފަތްހުﷲ ގެ މައްޗަށެވެ. (ނޫސްއެޖެންސީތައް)