23 May 2011, 22:00
ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ކައުންސިލް އިންތިހާބުކޮށް މެމްބަރުންނާ އެކު އެކައުންސިލްގެ އިފްތިތާހީ ޖަލްސާ މިއަދު ބާއްވައިފި އެވެ.
ޔުނިވަސިޓީގެ މައި އިދާރާގެ ސެމިނާ ރޫމްގައި މިއަދު ހަވީރު ބޭއްވި އެ ޖަލްސާ ޝަރަފްވެރިކޮށްދެއްވީ ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ.
ޔުނިވަސިޓީ ކައުންސިލަށް ހޮވިވަޑައިގެންފައިވާ ބޭފުޅުންނަކީ ރަޝީދާ މުހައްމަދު ދީދީ، މުހައްމަދު އާމިރު، ޑރ. މުހައްމަދު ޝަރީފު، މުހައްމަދު ވަހީދުއްދީން، އައްޝައިޚު ހުސައިން ރަޝީދު، އަލް އުސްތާޒް ޝާހީން ހަމީދު، އަހުމަދު އަފްއާލް، މުހައްމަދު ނާސިހު، ހުސައިން ހަލީމު( ޑެޕިއުޓީ ވައިސް ޗާންސެލާ) ،އައްޝައިޚު ފައްޔާޒު އަލި މަނިކު، އާސިމް އަބުދުއް ސައްތާރު، ޝާފިގް އަލީ، އާމިނަތު ރިޔާޒު، ރާމިޒު އަލީ، އިސްމާއީލް ހަބީބު އަބުދުއްރަހީމު، އަބުދުﷲ ރާޒީ އެވެ. މީގެ އިތުރުން ޔުނިވަސިޓީގެ ޗާންސެލާ ޑރ. މުސްތަފާ ލުތުފީ އާއި ވައިސް ޗާންސެލާ ޑރ. ހަސަން ހަމީދު އަކީ ވެސް ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނެވެ.
ޔުނިވަސިޓީ ކައުންސިލްގެ ތާރީހީ ފުރަތަމަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވީ ޔުނިވަސިޓީގައި ކޮންމެ ރޮނގަކުން ކިޔަވާ ދަރިވަރަކަށް ވެސް ކިޔަވަން ކޮންމެހެން ކިޔަވަން ޖެހޭ ގޮތަށް ތިން ކޯހެއް (މާއްދާއެއް) އޮތުމަށް އޭނާ އެދިވަޑައި ގަންނަވަ އެވެ.
" ކޮންމެ ރޮނގަކުން ތައުލީމު ހާސިލް ކުރި ނަމަވެސް މިދަންނަވާ ކޯސްތައް ނަގަން ލާޒިމުކުރާ ކުރުމާ މެދު ވިސްނާ ވަޑައިގަތުމަކީ އަޅުގަނޑު އެދޭ ކަމެއް. އެގޮތުން އަޅުގަނޑު ތިން ދާއިރާއެއް ފާހަގަކުރަން، ފުރަތަމަ ދާއިރާއަކީ އިސްލާމް ދީނާއި ޑިމޮކްރަސީ، ދެ ވަނަ ދާއިރާއަކީ ފިލޯސޮފީ، ތިން ވަނަ ދާއިރާއަކީ ބަހާ އަދަބު،" ޑރ. ވަހީދު ވިދާޅުވި އެވެ.
މިއަދުގެ ޖަލްސާގައި ޔުނިވަސިޓީއާ ބެހޭ ޕްރެސެންޓޭޝަނެއް ހުށައެޅި އެވެ. ޔުނިވަސިޓީގެ ވައިސް ޗާންސެލާ ޑރ. ހަސަން ހަމީދު ހުށައެޅުއްވި މި ޕްރެސެންޓޭޝަންގައި ޔުނިވަސިޓީ އުފެދިގެން އައި ގޮތާއި އެތަނުގައި މިހާރު ކިޔަވައި ދެމުން ގެންދާ ކޯސްތަކާއި ކެމްޕަސްތަކާ ބެހޭ މައުލޫމާތުގެ އިތުރުން ޔުނިވަސިޓީގެ މައިގަނޑު ހުރިހާ ކަމަކާ ބެހޭ މައުލޫމާތު ހިމަނުއްވާފައިވެ އެވެ.
ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީގައި މިހާރު ދިގު މުއްދަތުގެ 118 ކޯހާއި ކުރު މުއްދަތުގެ 40 ކޯސް ހިންގަމުންދެ އެވެ. އޭގެ ތެރޭގައި ގިނައީ ޑިޕްލޮމާ ފެންވަރުގެ ކޯސްތަކާއި ފުރަތަމަ ޑިގްރީ ފެންވަރުގެ ކޯސްތަކެވެ. ނަމަވެސް މާސްޓަރސް ޑިގްރީއަށް ވެސް އެއް ކުއްޖަކު އަންނަނީ ކިޔަވަމުންނެވެ.
ގައުމީ ޔުނިވަސިޓީގައި 333 މުވައްޒަފުން މަސައްކަތްކުރަމުންދާއިރު އޭގެ ތެރޭގައި 100 ވަގުތީ މުވައްޒަފުން ހިމެނެ އެވެ.
ޔުނިވަސިޓީއަށް މިދިޔަ އަހަރު ( ކޮލެޖްގެ ގޮތުގައި ހުރި އިރު) ޔުނިވަސިޓީއަށް ލިބިފައި ވަނީ 80 މިލިޔަން ރުފިޔާ ކަމަށާއި އޭގެ 49 ޕަސެންޓް ފައިސާ ހަރަދުވެފައި ވަނީ ހަމަ އެކަނި މުވައްޒިފުންގެ މުސާރަ އަށް ކަން ވައިސް ޗާންސެލާ ޑރ. ހަސަން ހަމީދު ފާހަގަކުރެއްވި އެވެ.