21 Jul 2016, 13:40
މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)އަށް އެކި ގޮތް ގޮތުން ލިބުނު ފައިސާގެ ތެރެއިން 1.22 ބިލިޔަން ރުފިޔާގެ ތެރެއިން ބައެއް ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް ޖަމާވި ކަމަށް ބުނާ މައްސަލައާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ސުވާލުކޮށްފި އެވެ.
ތިން މައްސަލައެއް ސާބިތުވެ މިހާރު ވެސް 33 އަހަރުގެ ޖަލު ހުކުމެއް އަދީބު ދަނީ ތަންފީޒުކުރަމުންނެވެ. ރައީސް ޔާމީންގެ އެކައުންޓަށް އެމްއެމްޕީއާރުސީގެ ބައެއް ފައިސާ ޖަމާވި ކަމަށް ބުނާ މައްސަލައާ ގުޅިގެން އޭސީސީ އިން އަދީބާ ސުވާލުކުރިކަން 'ސަން' އަށް ވަނީ އެނގިފަ އެވެ. އަދި އެމްއެމްޕީއާރުސީގެ އިތުުރު މައްސަލަތަކަކާ ގުޅިގެން ސުވާލުކުރިކަން ވެސް ވަނީ އެނގިފަ އެވެ.
އެ މައްސަލާގައި އަދީބާއި ސުވާލުކުރިކަން އަދީބުގެ ވަކީލު މޫސާ ސިރާޖު ދޮގެއް ނުކުރެ އެވެ. ސިރާޖު ވިދާޅުވީ އޭސީސީ ސުވާލު ކުރި އިރު ހާޒިރުވެ ނެތް ކަމަށާއި ސުވާލުކުރީ ސީދާ ކޮން މައްސަލައަކާ ގުޅިގެންކަން ނޭނގޭ ކަމަށެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އަށް އެކި ގޮތް ގޮތުން ލިބުނު ފައިސާގެ ތެރެއިން 1.22 ބިލިޔަން ރުފިޔާ އަމިއްލަ ފަރާތްތަކުގެ އެކައުންޓްތަކަށް ޖަމާވެފައިވާ އިރު، އެ ކުންފުނީގެ ބައެއް ފައިސާ އެ ކުންފުނިން ރައީސް ޔާމީންގެ އެކައުންޓް އަކަށް ޖަމާކޮށްފައިވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދަނީ ތުހުމަތުގެ އިނގިލި ދިއްކުރަމުންނެވެ.
އޭސީސީ އިން ތަހުގީގަށް ބޭނުންވާ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ބޭންކް އެކައުންޓްތަކުގެ މައުލޫމާތު އޭސީސީ އަށް ދިނުމަށް ރައީސް ވަނީ ބޭންކުގައި އެދިވަޑައިގެންފަ އެވެ. އަދި އެ މައުލޫމާތު ބޭންކުން ވަނީ އޭސީސީއާ ހިއްސާ ވެސްކޮށްފަ އެވެ.