21 Jul 2016, 13:09
ހުޅުލެ އާއި ހުޅުމާލެ، މާލެއާ ގުޅާލުމަށް އަޅާ ބުރިޖުގެ ސަބަބުން މާލޭގެ ތޮއްޖެހުމަށް ހައްލު ލިބިގެން އަންނާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުުއިއްޒު ވިދާޅުވެއްޖެ އެވެ.
ބޯހިމެނުމުގެ ހައުސިން ޗެޕްޓާ އާއްމު ކުރުމަށް މިއަދު ޗަމްޕާ ސެންޓްރަލް ހޮޓަލުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ، ހުޅުލެ އާއި ހުޅުމާލެ މާލެއާ ގުޅުވާލުމަށް އަޅާ ބުރިޖަކީ، ރާއްޖޭގެ ތަރައްގީ އަށް އެޅޭ ފާލަމެއް ކަމަށާއި ބުރިޖުގެ ސަބަބުން މާލޭގެ ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ލިބިގެން ދާނެ ކަމަށެވެ. އަދި ވިދާޅުވީ މާލެއިންނާއި އަތޮޅުތަކުން ހުޅުމާލެ އަށް ބައެއް މީހުން ބަދަލު ވެގެން ދިއުމަކީ ދެކިވަޑައިގަންނަވާ ތަސައްވުރެއް ކަމަށެވެ. މާލޭގައި ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމަކީ ރައީސް ޔާމީން ވަރަށް އިސްކަމެއް ދެއްވާ ކަމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"ހުޅުމާލެ އާއި މާލެއާ ގުޅިގެން ދިއުމުން ހުޅުމާލެ ތަރައްގީވެ، އެކިއެކި ކަންކަމަށް ބިންތައް ނަގާފައިވާ ފަރާތްތަކުން އެތަންތަން ތަރައްގީކޮށް އެތަންތަނުން ވަޒީފާގެ ފުރުސަތު ލިބި ހަގީގީ ނަފާ ރައްޔިތުންނަށް ލިބޭނެ،" މުއިއްޒު ވިދާޅުވި އެވެ.
މާލެ ސަރަހައްދާއި އަތޮޅު ތެރޭގެ ބޮޑެތި ރަށްރަށުގައި ބޮޑެތި މަޝްރޫއުތައް ކުރަމުން އަންނަ ކަމަށާއި އެ މަސައްކަތްތައް ފެންނަން ހުންނާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ. އަދި ރާއްޖޭގެ ބިން ކުދި ރަށްރަށުގައި ވެސް ތަރައްގީގެ މަޝްރޫއުތައް ހިނަގަމުންދާ ކަމަށާއި އެއްވެސް ރަށެއް އިސްތިސްނާ ނުވާ ގޮތަށް ތަރައްގީގެ މަޝްރޫއުތައް ކުރައްވަމުން އަންނަ ކަމަށް މުއިއްޒު ވިދާޅުވި އެވެ.