21 Jul 2016, 12:37
ގއ. އަތޮޅާއި އައްޑުސިޓީ ސަރަހައްދަށް ޔެލޯ އެލާޓް ނެރެފި އެވެ.
ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން މިއަދު ބުނީ ޔެލޯ އެލާޓް ނެރުނީ ގަދަވަޔާއި ގުގުރުމާ އެކު ވިއްސާރަކުރާނެ ކަމަށް ބެލެވޭތީ ކަމަށެވެ.
ޔެލޯ އެލާޓް ނެރެނީ ދިމާވެދާނެ ކަމަކަށް ތައްޔާރީ ހާލަތުގައި ތިބުމަށް އެންގުމަށާއި ކަމާ ބެހޭ އިދާރާތައް ރައްޔިތުންނަށް ދިމާވެދާނެ ކަމަކުން ސަލާމަތްވުމަށް ތައްޔާރުވުމަށެވެ. ގުގުރުމާ އެކު ބޯކޮށް ވާރޭވެހި ގަދަ ވަޔާ އެކު ނަގޫރޯޅިއެއް އަރާފާނެ ހާލަތުގައި ޔެލޯއެލާޓް ނެރެފައިވަނިކޮށް ކަނޑުދަތުރުކުރުމަކީ ރައްކާތެރި ކަމެއް ނޫނެވެ.
މިއަދު މެންދުރު 11:50 އިން ފެށިގެން މެންދުރު ފަހު 3:00 އާ ހަމައަށް ޔެލޯ އެލާޓް ނެރެފައިވާ އިރު، ކޮޅިގަނޑުގައި ގަޑިއަކު 40 މޭލަށް ވައިޖެހޭނެކަމަށް ލަފާކުރެވޭ ކަމަށް އެ ސެންޓަރުން ލަފާކުރެ އެވެ.
އެންމެ ފަހުގެ ސެޓެލައިޓު ފޮޓޯތަކަށް ބަލާއިރު، ރާއްޖެ ހިމެނޭ ސަރަހައްދުގައި ގިނަ އަދަދަކަށް ވިއްސާރަ ވިލާ އަންނަނީ އުފެދެމުންނެވެ.